Roadha Mihaaru
މުސާރަ ޝީޓް ހަދައި ކޮންޓެންޓް ޝެއާކުރަން ދެ ސިސްޓަމެއް

މުސާރަ ޝީޓް ހެދުމާއި ކޮންޓެންޓް ޝެއާކުރުމަށް ދެ ސިސްޓަމެއް ތައާރަފްކޮށްފި

21 ސެޕްޓެމްބަރ 2017

ސަރުކާރުގެ އޮފީސްތަކުގައި މުސާރާ ޝީޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އޮޓޯމެޓިކުން ނަގައިދޭ ސިސްޓަމަކާއި ކޮންޓެންޓް ޝެއާކުރާ ސިސްޓަމެއް އިއްޔެ ތައާރަފްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ އޮފީސްތަކުގައި މުސާރާ ޝީޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އޮޓޯމެޓިކުން ނަގައިދޭ ސިސްޓަމަކާއި ކޮންޓެންޓް ޝެއާކުރާ ސިސްޓަމެއް އިއްޔެ ތައާރަފްކޮށްފި އެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބަނޑޮޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، މުވައްޒަފުންގެ މުސާރައާ ހާޒިރީ ކަންތައްތައް އޮޓޮމެޓިކުން ބެލެހެއްޓޭ "ޕޭރޯލް މޮޑިއުލް" ސިސްޓަމް ތައާރަފްކޮށްދެއްވީ ފިނޭންސް މިނިސްޓާރު އަހުމަދު މުނައްވަރެވެ.

އެންއައިސީޓީން ހެދި މި ސިސްްޓަމްގެ ސަބަބުން މުވައްޒަފުންގެ މުސާރަ އޮޓޯމޭޓްވެ، މުވައްޒަފުންގެ ހާޒިރީއާ ގުޅޭ ހުރިހާ މަސައްކަތެއް އެއް ތަނަކުން، އަވަހަށް ކުރެވޭނެ ކަމަށް އެންސީއައިޓީން ބުންޏެވެ. އަދި މުސާރަ ޝީޓް ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ކުރުވެ، މަސައްކަތް ހަލުއިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

މި ސިސްޓަމްތައް ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގައި. އެންސީއައިޓީ ހިންގުމާ ހަވާލުވެ ހުންނެވި ފިނޭންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ ހުރިހާ މިނިސްޓްރީތަކެއްގައި ޕޭރޯލް ސިސްޓަމް ޓެސްޓުކުރާނެ ކަމަށެވެ. އަދި މުޅި ރާއްޖެއަށް އެ ތައާރަފުކުރާނީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ. އަޝްމަލީ ވިދާޅުވީ އެ މޮޑިއުލް ފަރުމާކޮށްފައިވަނީ އިނގިލީގެ ބަޔޮމެޓްރިކް ނަގައި، އެހެން ސިސްޓަމްތަކާ ގުޅުވާލައިގެން ކަމަށެވެ.

"މިއީ ވަރަށް ބޮޑު ފަސޭހައެއް. މީގެ ސަބަބުން އަޅުގަނޑުމެންނަށް މުސާރަ ހެދުމަށް ދާ ވަގުތާއި އެކަމަށް ބޭނުންވާ މީހުންގެ އަދަދު އަދި އިތުރު ފަސޭހަތަކެއް ވެގެންދާނެ،" އަޝްމަލީ ވިދާޅުވި އެވެ.

ޕޭރޯލް ސިސްޓަމުގެ އިތުރުން އިއްޔެ ވަނީ "ވެވު.އެމްވީ" ނަމުގައި ވެބް ޕޯޓަލެއް ވެސް ތައާރަފުކޮށްފަ އެވެ. "ޖަވާބު" ކުންފުންޏާ ހަވާލުކޮށްގެން ތައްޔާރުކުރި މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ކޮންޓެންޓް ޝެއާކޮށް ބެލޭނެ އެވެ. މިއީ ދަރިވަރުންނަށާއި ޓީޗަރުން އަދި ވިޔަފާރިތަކަށް މުހިންމު ހިދުމަތަކަށް ވާނެ ކަމަށް އެންއައިސީޓީން ބުންޏެވެ.