Roadha Mihaaru
އެންމެ ލައިނެއް ބަހައްޓަނީ ބޭކާރު ލައިންތައް ކަނޑާލަން

އެންމެ ފިކްސްޑް ލައިނެއް ބަހައްޓަނީ ބޭކާރު ލައިންތައް ކަނޑާލަން: ފިނޭންސް މިނިސްޓްރީ

28 ޖޫން 2018

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި އެންމެ ޓެލެފޯން ފިކްސްޑް ލައިނެއް ބަހައްޓަނީ ބޭކާރު ލައިންތައް ކަނޑާލަން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި އެންމެ ޓެލެފޯން ފިކްސްޑް ލައިނެއް ބަހައްޓަނީ ބޭކާރު ލައިންތައް ކަނޑާލަން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި ބޭނުންކުރާ ޓެލެފޯން ފިކްސްޑް ލައިންތަކުގެ ތެރެއިން، ކޮންމެ ތަނެއްގައި ވެސް އެއް ލައިން ބެހެއްޓުމަށް ފަހު، ދެން ހުރިހާ ފިކްސްޑް ލައިންތައް ކަނޑާލަން ފައިނޭންޝަލް ކޮންޓްރޯލަރު ފާތިމަތު ރަޒީނާ ވަނީ އަންގަވައިފަ އެވެ.

ދައުލަތުގެ މުއައްސަސާތަކަށް މިދިޔަ އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި އޭނާ އަންގަވާފައި ވަނީ ފޯން ލައިންގެ އިތުރުން ފެކްސްގެ ހިދުމަތް ހުއްޓާލަން ވެސް ރައީސް އޮފީހުން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފޯނު ލައިންތައް މަދުކުރަން އެންގީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ. އެ ގޮތަށް ނިންމިޔަސް، ޚިދުމަތް ހޯދުމަށް އިދާރާތަކަށް ގުޅޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޯން ލައިން މަދުކުރުމުން އޮފީސްތަކުން ދެން ބޭނުން ކުރާނީ އެންމެ ނަމްބަރެއް ކަމެއް އަދިއެއް ނުނިންމަ އެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް އަންނަނީ ކުރަމުން ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރު ވަނީ ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި އެންމެ ޓެލެފޯން ފިކްސްޑް ލައިނެއް ބެހެއްޓުމާއި ފެކްސް ލައިންތައް ކަނޑާލުމުގެ ކަންކަން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ދިރާގާ ގުޅިގެން ކުރުމަށް އަންގަވައިފަ އެވެ. އެ މަސައްކަތް ކޮށް މި މަސް ނިމުމުގެ ކުރިން އެންގުމަށް ވެސް އެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

"ފޯނު ލައިންތައް މަދުކުރަން އެންގިޔަސް އެކަމަށް އަދި ގޮތެއް ނުނިންމާ. އޮފީހުގެ ރަސްމީ ނަމްބަރަށް ގުޅައިގެން، ކަމާ ގުޅޭ އެހެން ޑިޕާޓްމަންޓުތަކަށް ކޯލް ޕާސް ކުރެވޭނެ. އެ ކަހަލަ ގޮތަކަށް މަޝްވަރާ ކުރަމުން އަންނަނީ،" ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރަށް ހުރޭ ނުގުޅޭ ނަމްބަރުތައް ވެސް. އެހެންވެ އެކަހަަލަ ބޭކާރު ހަރަދުތައް ކުޑަކުރުން މަގުސަދަކީ."

ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ސިޓީ އާއި ލިޔުންތައް ފޮނުވުމުގައި ފެކްސްގެ ބަދަލުގައި މިހާރު ބޭނުންކުރަނީ އީ-ގަވަމެންޓް ނުވަތަ ޖެމްސް ސިސްޓަމެވެ. އެކަމަކު، ކޮންމެވެސް ވަރަކަށް އަދިވެސް ފެކްސް ފޮނުވަ އެވެ.