Roadha Mihaaru
އަލިފާން ފަރުބަދަ ގޮވާތީ އެތައް ބަޔަކު ދުރަށް ޖައްސަނީ

އަލިފާން ފަރުބަދަ ގޮވާތީ އެތައް ހާސް ބަޔަކު ދުރަށް ޖައްސަނީ

25 ސެޕްޓެމްބަރ 2017

ބާލީ (ސެޕްޓެމްބަރު 25) - އިންޑޮނީޝިއާގެ ބާލީގައި ހުރި އަލިފާން ފަރުގަދައެއް ގޮވަން ތައްޔާރުވާތީ އެ ސަރަހައްދުގައި އުޅޭ 35،000 ވަރަކަށް މީހުން އެ މީހުންގެ ގެތަކުން ނެރެ ދުރަށް ޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލީ (ސެޕްޓެމްބަރު 25) - އިންޑޮނީޝިއާގެ ބާލީގައި ހުރި އަލިފާން ފަރުގަދައެއް ގޮވަން ތައްޔާރުވާތީ އެ ސަރަހައްދުގައި އުޅޭ 35،000 ވަރަކަށް މީހުން އެ މީހުންގެ ގެތަކުން ނެރެ ދުރަށް ޖައްސައިފި އެވެ.

މައުންޓް އަގުން ހުރި ސަރަހައްދަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ވަނީ ގިނަ ލޮޅުންތަކެއް އަރާ ދުން އަރަން ފަށައިފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ފަރުބަދަ ވަށައިގެން 12 ކިލޯ މީޓަރު (7.5 މޭލު) ސަރަހައްދަކަށް މީހުން ކައިރިވުން މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަހުން ފެށިގެން ވަނީ އެންމެ މަތީ ލެވެލްގެ އެލާޓް ނެރެފަ އެވެ.

އިންޑޮނީޝިއާގެ ނޭޝަނަލް ވޮލްކަނޮލޮޖީ ސެންޓަރުން އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ފަރުބަދައިގެ "ސީސްމިކް އެނާޖީ" އިތުރުވެފައިވާ ކަމަށާއި ފަރުބަދަ ގޮވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ. އޮފިޝަލުން ބުނީ އޮގަސްޓް މަހުން ފެށިގެން ފަރުބަދަ ކައިރިއަށް ލޮޅުންތައް އަރަން ފަށާފައިވާ ކަމަށާއި މި މަހު 14 ވަނަ ދުވަހުން ފެށިގެން ވަނީ އެލާޓް ލެވެލް ދޭކަށް މަތިކޮށްފައިވާ ކަމަށެވެ.

ފަރުބަދަ ކައިރިން ދުރަށް ޖެއްސި މީހުން މިހާރު ތިބީ ސްކޫލްތަކާއި ޓައުން ހޯލްތަކުގަ އެވެ. އަދި އެ މީހުންނަށް ދަނީ ބޮޑެތި އަދަދުތަކުން އެހީގެ ތަކެތި ފޯރުކޮށްދެމުންނެވެ.

އަގުން އަކީ 3،000 މީޓަރު އުސް ފަރުބަދަ އެކެވެ. އެ ފަރުބަދަ ހުންނަނީ ޓޫރިސްޓުންގެ މަގްބޫލްކަން ބޮޑު ބާލީގެ އިރުމަތީގަ އެވެ. ބާލީ ޓޫރިޒަމް ބޯޑުން ބުނީ ފަރުބަދައިގެ ދުމާއި އަޅި ފައިބަން ފަށާފައި ނުވި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ފޭސް މާސްކް އަޅައިގެން އުޅުން ރަނގަޅު ކަމަށެވެ. މައުންޓް އަގުން އެންމެ ފަހުން ގޮވާފައި ވަނީ 1963 ވަނަ އަހަރު އެވެ. އެ ފަހަރު ފަރުބަދަ ގޮވުމުން ވަނީ 1،000 މީހުން މަރުވެފަ އެވެ. އިންޑޮނީޝިއާގައި އެކްޓިވް 130 އަލިފާން ފަރުބަދަ ހުރެ އެވެ.

އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އަދި ސިންގަޕޫރުން ވަނީ އެ ގައުމުތަކުގެ މީހުން އިންޑޮނީޝިއާ އަށް ދިއުން ރައްކާތެރި ނޫން ކަމަށް ބުނެފަ އެވެ.