26 ސެޕްޓެމްބަރ 2017
ރާއްޖެ ބަދުނާމު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތާއި ބޭއިންސާފު ވާހަކަތައް ދެއްކުން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.
ރާއްޖެ ބަދުނާމު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތާއި ބޭއިންސާފު ވާހަކަތައް ދެއްކުން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.
ގއ. ކޫއްޑޫގައި "މާކިއޯ ކޫއްޑޫ ހޮޓެލް" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގައުމެއް ކުރިއަރާނަމަ، އެކަމާ ހަސަދަވެރިވާ ބަޔަކު ތިބޭނެ އެވެ. އެގޮތުން ރާއްޖޭގެ ތަސައްވުރު ގޯސް ކުރަން، ދިވެހިންގެ ތެރެއިން ބަޔަކާއި ބޭރުގެ ބަޔަކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސޯދު ގުޅިފައިވަނީ ޓޫރިޒަމް އިންޑަސްޓްރީއާ ކަމަށް ވާއިރު، އެއްވެސް ކަހަލަ އިންސާފުވެރިކަމެއް ނެތި ރާއްޖެ ބަދުނާމު ކުރުމަށް ދިވެހިން އިސް ސަފުގައި ހަރަކާތްތެރިވުމަކީ އިޚުލާސްތެރި ހިތަކުން ކުރާ ކަމެއް ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަކީ ހައްދުފަހަނައަޅާފައި ތިބޭ މީހުން ތަމްރީނު ކުރާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދަނީ ސިފަ ކުރަމުންނެވެ. އެކަމަކު، މިއީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އެއްވެސް ކަހަލަ އިންސާފުގެ ނަޒަރަކުން ދެކޮޅު ޖެއްސޭ ގޮތަކަށް، ނޫނިއްޔާ އިންސާފުގެ ނަޒަރަކުން ރާއްޖެއަށް ހެޔޮ އެދިގެން ދެއްކޭ ވާހަކައެއް ކަމަކަށް ވަކާލާތު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖެ އަކީ ހައްދުފަހަނައަޅާފައި ތިބި މީހުން އުޅޭ ތަނެއް ނޫން ކަމަށާއި މިއީ މިނިވަން، ކުޑަކުޑަ އިސްލާމީ ދައުލަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ އަކީ މެދުމިނުގެ ސިޔާސަތަށް ތާއީދު ކުރާ ގައުމަކަށް ވާއިރު، ގައުމު ބަދުނާމް ކުރަން ޒިންމާދާރު ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކޫއްޑޫގައި ގާއިމްކުރި މާކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން (މ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ބަޑި ބޭހުގެ ކުޅިވަރުތަކާއެކު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާ ބެހޭ ގޮތުން ދައްކާ ނާއިންސާފު ވާހަކަތަކަކީ ހަގީގަތެއް ނޫން ކަން ރައްޔިތުން ހާމަކޮށްދޭން ކެރެން ވާނެ ކަމަށެވެ. އެއީ ހަމައެކަނި އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ އިދިކޮޅު ލީޑަރުންނަށް އިޝާރާތް ކުރައްވައި، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ އުންމީދެއް އޮތްނަމަ، ރާއްޖެއާ މެދު ދެކެވެމުން ދާ ނުރަނގަޅު ވާހަކަތަކަކީ ހަގީގަތެއް ނޫން ކަން ހާމަކޮށް ދިނުމަށްޓަކައި މަސައްކަތްކޮށް ދެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"ސަރުކާރުން މި މަސައްކަތް ކުރަނީ މި ކަހަލަ އެއްވެސް ކަމަކީ ހަގީގަތެއް ނޫން ކަން ދައްކަމުން. އަދި ސަރުކާރުގެ ސިޔާސަތުތަކާއި އުސޫލުތަކުން އިންވެސްޓަރުންނަށް ފަހި، ފަސޭހަ، އިންވެސްޓަރުން އިންވެސްޓް ކުރާއިރު، ސެކިއުރިޓީ އާއި ގެރެންޓީ ލިބޭ ކަހަލަ ގާނޫނު މަޖިލީހަށް ފޮނުވައިގެން ގާނޫނު ހެދުމާއި ކޯޓުތަކުގެ ތެރެއިން މައްސަލަތައް ނިމިގެންދާއިރު، މައްސަލަތައް އަވަސް ކުރަން ސަރުކާރުން ކުރާ މަސައްކަތް،" މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ކޫއްޑޫގައި ގާއިމްކުރި މާކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ހަވާ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި "އިގުތިސޯދީ ދުވެލި ހުރި ބަހެއް" އެއް "ބަސް ސްޓޮޕެއްގައި" ހުއްޓާފައެއް އަބަދަކު ނޯންނާނެ އެވެ. ބަސް އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރާނެ ކަމަށާއި އިގުތިސާދީ ދުވެލިން ބާކީވާން ބޭނުން ނުވާނަމަ، ބުއްދިވެރި ގޮތަކީ ބަސް ސްޓޮޕް ކައިރީގައި ބަހަށް އަރަން ތައްޔާރަށް ތިބުން ކަމަށް ވިދާޅުވެ، ރައީސް ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
ރައީސް ޔާމީން ވަނީ ރާއްޖެ ބަދުނާމު ކުރަމުން އަންނަ ލީޑަރުންގެ އަރިހުން، އެކަން ހުއްޓާލުމަށް މިރޭ ނަސޭހަތްތެރިވުމަށް އެދިވަޑައިގެންފަ އެވެ. ރާއްޖެ ބަދުނާމު ކުރުމަކީ ސަރުކާރަށް ދެވޭ ގެއްލުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދޭ ގެއްލުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޫއްޑޫގައި ގާއިމްކުރި މާކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ތި އެމްޔޫއޯ [އިދިކޮޅު އިއްތިހާދު] ހަދައިގެން އުޅޭ ބައެއްގެ ތެރެއަށް ޚާއްސަކޮށް މި އިޝާރާތް ކުރަނީ. އެއް ބަޔަކު އަނެއް ބަޔަކަށް އެބަޖެހޭ އެކަންތައް ކުށްވެރި ކުރަން،" ރާއްޖޭގެ އިގުތިސޯދަށް ގެއްލުންވާ ގޮތަށް ދައްކާ ވާހަކަތަކާ ދެކޮޅު ހެދުމަށް އިދިކޮޅު ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަސް އެނބުރި ބެލުމަށް ފަހު، 10 ފިޔަވަޅު ފަހަތަށް ދިއުމަށް ޖާގައެއް ނެތެވެ. ބަނަވެފައި އޮތް އިގުތިސާދުގައި މަސައްކަތް ކުރައްވަނީ ވަޒީފާގެ ފުރުސަތުތައް ހޯދައި ދީ، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކިއޯ ކޫއްޑޫ ހޮޓެލަކީ ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ ރިސޯޓް ހޮޓެލެކެވެ. އެއީ މެދުފަންތީގެ 68 ވިލާ ހިމެނޭގޮތަށް ޑިޒައިން ކޮށްފައިވާ، 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. އަދި މި ހޮޓަލަކީ ރާއްޖެ އާއި ބޭރުގެ ރަހަތައް އެކުލެވޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ރައީސަށް ދެން ރައްޔިތުންނަށް ބިރެއް ނުދެއްކޭނެ: އިބޫ
އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވޭ
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
އޮޅުވާނުލިނަމަ 65 ޕަސަންޓު ވޯޓު ލިބޭނެ :އަދުރޭ
މަޖިލިހުގައި އަޅުވާފައި ހުރި "ތަޅު" ހުޅުވާނަން: އިބޫ
ޝައްކެއް ނެތް، ރައީސް ޔާމީން ބަލިވާނެ: އިބޫ
ކޮލަމާފުށިން އިބޫ އަށް ރައްޔިތުންގެ ހިމާޔަތާއި ލޯބި