Roadha Mihaaru
ބިލް ގޭޓްސް ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެއް

ބިލް ގޭޓްސް ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެއް

28 ސެޕްޓެމްބަރ 2017

ވިންޑޯޒް ފޯނުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ބިލް ގޭޓްސް ވެސް ވިންޑޯޒް ފޯނު ދޫކޮށްލައްވައިފި އެވެ. އޭނާ މިހާރު ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވިންޑޯޒް ފޯނުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ބިލް ގޭޓްސް ވެސް ވިންޑޯޒް ފޯނު ދޫކޮށްލައްވައިފި އެވެ. އޭނާ މިހާރު ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެކެވެ.

އެންޑްރޮއިޑް ފޯނު އެތައް ކުންފުންޏަކުން އުފައްދަ އެވެ. ބާރުގަދަ ކުންފުނިތަކުގެ ތެރޭގައި ވާވޭ، އެލްޖީ، ސެމްސަންގް، އޮޕޯ އަދި ޝޯމީ ވެސް ހިމެނެ އެވެ. ބިލް ގޭޓްސް ބޭނުންކުރެއްވުމަށްޓަކައި އިޚްތިޔާރުކުރައްވާނީ ކޮން ބްރޭންޑެއްގެ ކޮން ފޯނެއްކަން އެނގޭ ހެއްޔެވެ؟

ސެމްސަންގާ ގުޅިގެން މައިކްރޮސޮފްޓުން މޮބައިލް ސޮފްޓްވެއާ ވިއްކަން މަސައްކަތް އެބަ ކުރެ އެވެ. އެ ކަހަލަ އެއްބަސްވުމެއްގައި ދެ ކުންފުނި ސޮއިކުރި ވާހަކަ ވެސް އަޑުއެހީމެވެ. މާނަ އަކީ ސެމްސަންގް ބައެއް ފޯނުތައް ފެކްޓަރީން ނެރޭއިރު ވެސް، މައިކްރޮސޮފްޓް ސޮފްޓްވެއާ ފޯނަށް އަޅާފައި ހުރުމެވެ. އެ ވިޔަފާރިން މައިކްރޮސޮފްޓަށް ނަފާވާ ގޮތަށެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް ފޯނުތައް މި ވަގުތަށް ހުއްޓާލި ނަމަ ވެސް، އެ މަސައްކަތް އަދި އޮތީ ކުރިއަށެވެ. ސާފަސް ފޯނުގެ ނަމުގައި ވިންޑޯޒް ފޯނުތަކެއް މާކެޓަށް ނެރެފާނެ އެވެ. ވިންޑޯޒް ފޯނު އުފެއްދުމުގެ ހައްގު އެހެން ކުންފުންޏަކަށް ވެސް ދީފާނެ އެވެ. ނަމަވެސް، މި ވަގުތަށް ފެންނަ މަންޒަރަށް ބަލާއިރު، މާލީ ތަނަވަސްކަމެއް މައިކްރޮސޮފްޓަށް ލިބެން އޮތީ ސެމްސަންގާ ގުޅުން ބަދަހިކޮށްގެންނެވެ.

ސެމްސަންގުން ފަހަކަށް އައިސް ނެރޭ ފޯނުތަކުގައި، މައިކްރޮސޮފްޓް އޮފީސް ޕެކޭޖް އަޅާފައި ހުންނާތީ ފެންނާނެ އެވެ. އެ ފޯނުތަކުގެ ތެރެއިން ފޯނެއް ބިލް ގޭޓްސް އަށް ޚާއްސަކުރެވޭ ނަމަ އެ ފޯނެއް ވުން އެންމެ ގާތީ ގެލަކްސީ އެސް 7 ކަމަށް ބުނެވެ އެވެ. މަސްރަހުގައި ވާހަކަތައް ހުރީ މި ގޮތަށެވެ. ބިލް ގޭޓްސް ބޭނުންކުރައްވާ ކަމަށް ބޮޑަށް ބެލެވެނީ "ގެލަކްސީ އެސް 7: މައިކްރޮސޮފްޓް އެޑިޝަން" އެވެ.

ވިންޑޯޒް ފޯނު ދޫކޮށްލައްވައި ވާދަވެރިންގެ ފޯނެއް އިޚުތިޔާރުކުރެއްވިއިރު، އައިފޯނެއް ނުހޯއްދެވީ ކީއްވެބާއޭ ހިތަށް އަރާނެ އެވެ. އައިފޯނަކީ ހުރިހާ ކަމެއް ފުރިހަމަ ފޯނަކަށް ވެފައި، އެއީ މުއްސަނދިންގެ ހައިބަތު ދައްކުވައިދޭ ފޯނެއް ކަމަށް ބުނެވޭތި އެވެ.

ވިޔަފާރި އުސޫލުން ވިސްނާއިރު، އައިފޯނަށް ވުރެ ބޮޑު ފައިދާއެއް އެންޑްރޮއިޑް ފޯނުތަކުން މައިކްރޮސޮފްޓަށް ލިބެން އެބަ އޮތެވެ. ބިލް ގޭޓްސް ކަހަލަ ބޭފުޅަކު އެންޑްރޮއިޑް ފޯނެއް ބޭނުންކުރެއްވުމަކީ، އެންޑްރޮއިޑް ފޯނު ބޭނުންކުރުމަށް މީހުންނަށް ލިބޭ ހިތްވަރަކަށް ވެސް ވާނެ އެވެ. ސެމްސަންގުން މައިކްރޮސޮފްޓް ސޮފްޓްވެއާ ވިއްކައިދޭނީ އެވެ. ބިލް ގޭޓްސް ސެމްސަންގް ފޯނުތައް އިސްތިހާރުކޮށްދެއްވާނީ އެވެ.