Roadha Mihaaru
އުރީދޫ މައި އިމާރާތުގެ ބިންގާ އަޅައިފި

ޒަމާނީ ވަސީލަތްތައް ހިމެނޭ، އުރީދޫ މައި އިމާރާތުގެ ބިންގާ އަޅައިފި

02 އޮކްޓޯބަރ 2017

ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް، އުރީދޫން ހުޅުމާލޭގައި އިމާރާތްކުރާ ހިތްގައިމު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް، އުރީދޫން ހުޅުމާލޭގައި އިމާރާތްކުރާ ހިތްގައިމު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކަށް ކުރިމަތިވާ ގޮތަށް އެ ޕާކުގެ ހުޅަނގު ދެކުނުން އޮންނަ ހުސްބިމުގައި ބިއްލޫރި އާއި ދަގަނޑު ބޭނުންކޮށްގެން 10 ބުރި އަށް ހަދާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ޚާން އާއި ކުރީގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ނަޖީބު ވިދާޅުވީ މިއަދަކީ އެ ކުންފުނިން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި ދުވަސް ކަމަށެވެ.

"ހުޅުމާލެ ކުރިމަގުގައި ވެގެންދާނީ އާ އުފެއްދުންތަކާއި ޓެކްނޮލޮޖީގެ މައި ހަބަށް. މިއީ ހަމައެކަނި އޮފީސް އިމާރާތެއް ނޫން. މިއީ މުވައްޒަފުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ގޮތަށް ތަރައްގީކުރެވޭ ތަނެއް. އަދި މި ތަނުގެ ސަބަބުން މި ގައުމުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އުރީދޫން ހުޅުމާލޭގައި ހަދާ ހެޑް އޮފީސް ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

އުރީދޫން ހުޅުމާލޭގައި ހަދާ ހެޑް އޮފީސް ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

ނަޖީބު ވިދާޅުވީ އެ އޮފީސް އިމާރާތަކީ މަސައްކަތްކުރާ މުވައްޒަފުންގެ ދަރިން ބެލޭނެ ގޮތަށް ޑޭ ކެއާ ސެންޓަރަކާއި ކެފޭގެ އިތުރުން އެހެން ވަސީލަތްތައް ވެސް ގާއިމުކުރާނެ ތަނެއް ކަމަށެވެ.

"މި އިމާރާތް މި ހަދަނީ މުޅިން ދަގަނޑާއި ބިއްލޫރި ބޭނުންކޮށްގެން. އެހެންވީމަ މިއީ މި ރަށުގައި ހެދޭ އެންމެ ހިތްގައިމު އިމާރާތަށް ވެގެންދާނެ. އަދި އިމާރާތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތައް ތަމްސީލުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނީ އަލަށް ހަދާ އޮފީސް އިމާރާތުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށެވެ. އަދި އެ މަސައްކަތް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ޑިރެކްޓަރު ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ އެ އިމާރާތް ނިމުމުން އެ ކުންފުނީގެ ކޯޕަރޭޓް އޮފީސް ހުޅުމާލެ އަށް ބަދަލުވާނެ ކަމަށެވެ. ނަމަވެސް މާލޭގައި ހުންނަ ޝޮޕާއި ސޭލްސް ޑިޕާޓްމަންޓް ބަދަލުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫން ހުޅުމާލޭގައި ހަދާ ހެޑް އޮފީސް ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އާއި ކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އުރީދޫ

އުރީދޫން ހުޅުމާލޭގައި ހަދާ ހެޑް އޮފީސް ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އާއި ކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އުރީދޫ

"މިހާރު ވެސް ހުޅުމާލޭގައި އަޅުގަނޑުމެންގެ ކޯލް ސެންޓަރާއި ޓެކްނިކަލް އޮފީސް ހުންނާނެ. މިތަން ނިމުމުން ހުރިހާ އެންމެން އެއް ތަނަކަށް ބަދަލުވެގެންދާނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫން ކުރިން ބުނީ ‎ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން، ހުޅުމާލޭގައި ހެޑްކުއާޓަރު ގާއިމްކުރާ އެންމެ ފުރަތަމަ ކުންފުންޏަށް ވުމުގެ އިތުރުން، އުރީދޫ ވެގެންދާނީ ހުޅުމާލޭގައި މައި ހެޑްކުއާޓަރު ގާއިމް ކުރާ ފުރަތަމަ މަލްޓި ނެޝަނަލް ކުންފުންޏަށް ކަމަށެވެ.

އެ ކުންފުނީގެ އޮފީސް ބިލްޑިންގެއް އެޅުމަށް އެޗްޑީސީން ބިމެއް ދިނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

އުރީދޫ ހެޑް އޮފީސް ތަރައްގީ ކުރުމުގެ އިތުރުން ޑިޒައިންކުރުމާއި އިންޖިނިއަރިންގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޓެން އާކިޓެކްޓްސް ކިޔާ ކުންފުންޏަކާ އެވެ. އަދި އެ މަސައްކަތުގެ މެނޭޖްމަންޓް ކޮންސަލްޓެންޓަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ކީ ސްޓޯން ކިޔާ ކުންފުންޏެކެވެ.