ބޭސްވެރިކަމުގެ ރޮނގުން ދޭ ނޮބެލް އިނާމު، ނިދުމާ ގުޅުން ހުރި ދިރާސާއަކަށް ލިބިއްޖެ އެވެ.
03 އޮކްޓޯބަރ 2017
ބޭސްވެރިކަމުގެ ރޮނގުން ދޭ ނޮބެލް އިނާމު، ނިދުމާ ގުޅުން ހުރި ދިރާސާއަކަށް ލިބިއްޖެ އެވެ.
ބައެއް ފަހަރު ނޮބެލްގެ މި އިނާމު ދެނީ އާއްމުކޮށް މީހުންނަށް ނޭނގޭ ކަންކަމުން ކާމިޔާބީ ހޯދާ ސައިންސްވެރިންނަށް ކަމަށް ވިޔަސް، މި ފަހަރު މި ޝަރަފްވެރި އިނާމު ގެންދިޔަ އެމެރިކާގެ ތިން ސައިންސްވެރިންގެ ހޯދުން ގުޅިފައިވަނީ ދިރިއުޅުމުގެ ވަރަށް އަސާސީ އަދި އެންމެންނަށް ވެސް އަސަރު ފޯރާ ކަމަކާ އެވެ. އެއީ ނިދުމާއި ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ.
ފިޒިއޮލޮޖީ ނުވަތަ މެޑިސިންގެ ރޮނގުން ނޮބެލް އިނާމު ލިބިވަޑައިގެންނެވި އެމެރިކާގެ ތިން ސައިންސްވެރިން
ފިޒިއޮލޮޖީ ނުވަތަ މެޑިސިންގެ ރޮނގުން، އެއް މިލިއަން ޑޮލަރުގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ މެސެޗޫސެޓްސްގެ ބްރެންޑެއިސް ޔުނިވާސިޓީގައި އެކުގައި މަސައްކަތްކުރައްވާ ޖެފްރީ ސީ. ހޯލް އާއި މައިކަލް ރޮޒްބޭޝް އަދި ނިއު ޔޯކްގެ ރޮކަފެލާ ޔުނިވާސިޓީގެ މައިކަލް ޑަބްލިޔު. ޔަންގް އެވެ.
އެ ސައިންސްވެރިންނަށް ނޮބެލް އިނާމު ލިބިވަޑައިގަތީ ރެއަކާއި ދުވާލެއްގެ 24 ގަޑި އިރު އިންސާނާގެ ހަށިގަނޑު ހިންގައިދޭ "ގަޑި" ނުވަތަ ބަޔޮލޮޖިކަލް ކްލޮކްގެ މުހިއްމު ޖެނެޓިކް "ގިއަރުތަކަކީ" ކޮބައިކަން ހޯއްދަވާފައިވާތީ އެވެ.
ދިގު ދަތުރަކަށް ފަހު ތަފާތު ޓައިމް ޒޯނަކަށް ދާ އިރު ވަރުބަލިކަން އިހުސާސްކުރެވެނީ އެ ނިޒާމުގެ ތަރުތީބު ގެއްލުމުންނެވެ. އޭގެ އިތުރުން ހަށިގަނޑުގެ "ގަޑި" އަށް ދިމާވާ މައްސަލަތަކާއި އެކި ކަހަލަ ބަލިތަކާ ގުޅުން ހުރިކަން ވެސް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ނިދަން އުނދަގޫވުން، ޑިޕްރެޝް، ހިތުގެ ބަލި، ހަކުރުބަލި އަދި ފަލަވުން ހިމެނެ އެވެ. ނޮބެލް ކޮމިޓީން ބުނިގޮތުގައި އިންސާނުންގެ ސިއްހަތު ކުރިއެރުވުމަށް އެ ގަޑި "މަރާމާތު" ކުރެވޭނެ ގޮތްތައް ހޯދަން ރިސާޗަރުން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.
މޭވާތަކަށް ހަމަލާދޭ ސޫތްޕެއް ކަމަށްވާ ފްރުޓް ފްލައި ބޭނުންކޮށްގެން 1984 ވަނަ އަހަރު މި ތިން ސައިންސްވެރިން ކުރެއްވި މަސައްކަތުގައި ހޯއްދަވާފައި ވަނީ ރޭގަނޑާއި ދުވާލު އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ އެތެރޭގެ ހަރަކާތްތައް އެކުއެކީގައި ކުރިއަށް ގެންގޮސްދޭ ޖީންތަކާއި ޕްރޮޓީންތަކެވެ. ނިދާފައި ހޭލުމާއި ކެއުމުގެ އާދަތަކާއި ހޯމޯންތައް ދޫކުރުމާއި ލޭގެ ޕްރެޝަރު ފަދަ ކަންކަން ވަކި ގަވާއިދަކުން ހިނގަނީ ސިކުނޑި އަދި ހަށިގަނޑުގެ އެ ނޫން ވެސް ބައިތަކުގައި ހުންނަ "ގަޑިތައް" އެކުއެކީގައި ކުރާ މަސައްކަތުންނެވެ. ސައުވީސް ގަޑި އިރު ތެރޭ އެފަދަ ކަންކަން ވަކި ހަމައަކުން ހިނގާ އުސޫލަށް ކިޔަނީ "ސަކޭޑިއަން ރިދަމްސް" އެވެ.
މިހާރު ރިޓަޔަކުރައްވާފައިވާ ހޯލް، 72، ވިދާޅުވީ ނޮބެލް އިނާމް ލިބިވަޑައިގެންނެވި ކަން ފަތިހު ފަހެއް ޖެހި އިރު އައި ފޯން ކޯލަކުން އެނގިވަޑައިގެންނެވި އިރު އޭނާ އުޅުއްވީ ހޭލާ ކަމަށެވެ. އަދި އޭގެ ސަބަބަކީ އުމުރާ އެކު އޭނާގެ "ސަކޭޑިއަން ރިދަމްސް" އަށް އައިސްފައިވާ ބަދަލު ކަމަށް ހޯލް ވިދާޅުވި އެވެ.
"އަޅުގަނޑަށް އަހާލެވުނީ، 'ތިއީ ލަނޑެއް ދޭން ގުޅި މީހެއްތަ؟'،" އެސޯސިއޭޓެޑް ޕްރެސްއާ ފޯނުން ވާހަކަދައްކަވަމުން ހޯލް ވިދާޅުވި އެވެ.
ބްރެންޑެއިސްގެ ޕްރޮފެސަރަކަށް އުޅުއްވާ ރޮޒްބޭޝް، 73، ވިދާޅުވި ގޮތުގައި އެ ބޭފުޅުން މަސައްކަތްކުރެއްވީ އިންސާނުންގެ "ސިކުނޑީގައި ވަގުތު ބަލައިދޭ... އަތުކުރީ ގަޑި" މަސައްކަތްކުރާ ގޮތް ދެނެގަތުމަށެވެ.
ސަކޭޑިއަން ރިދަމްސްއަކީ ކޮބައިކަން އޭނާ ބުނެދެއްވި އެވެ.
"...ރޭގަނޑު 10 ނުވަތަ 11 ޖަހާ އިރު ނިދި އައިސް، ހެނދުނު 7 ޖަހާ އިރު އޮޓޮމެޓިކުން ހޭލެވި، މެންދުރުވާ އިރު، ސަމާލުކަން ދެވޭ މިންވަރު ކުޑަވެ އަދި ފަހަރެއްގައި މެންދުރުފަހު ތިނެއް ނުވަތަ ހަތަރެއް ޖަހާ އިރު ކޮފީ ތައްޓެއް ބޯލަން ބޭނުންވުން، އެއީ މި 'ގަޑި'އަކީ،" އޭނާ އޭޕީ އަށް ވިދާޅުވި އެވެ.
"ދުވަހުގެ ވަކި ވަގުތެއްގައި ފާޚާނާ އަށް ދިޔުން، ގިނަ ޓައިމްޒޯންތަކެއް ހުރަސްކޮށް ދަތުރުކޮށްފިއްޔާ، (އާ ޓައިމްޒޯނަށް) ހޭނެންދެން ހަށިގަނޑުގެ ކަންކަން ބޮއްސުންލައިގެން ދިޔުން - މި ހުރިހާ ކަމަކީ ވެސް ސަކޭޑިއަން ކްލޮކްގެ މަސައްކަތް."
މެޑިސިން އެވޯޑަކީ މި އަހަރު އިއުލާންކުރި ފުރަތަމަ ނޮބެލް އިނާމެވެ. މިއަދު ފިޒިކްސް އިނާމު އަދި މާދަމާ ކެމިސްޓްރީ އިނާމު ދޭނެ އެވެ. އޭގެ އިތުރުން އަދަބިއްޔާތާއި ސުލްހައިގެ ރޮނގުން ވެސް ނޮބެލް އިނާމު ދެ އެވެ.
ނޮބެލްއަކީ 1896ގައި އަވަހާރަވެފައިވާ ސްވިޑްންގެ އިންޑަސްޓްރިއަލިސްޓް އެލްފްރެޑް ނޮބެލްގެ ފަރާތުން ދޭ އިނާމެކެވެ.
ގޮދަޑި ރިވިއުކުރަން ނިދާނެ މީހަކު ހޯދަނީ
މަސްކަށް ތާއީދު ދެއްކުމަށް ޓްރަމްޕް ޓެސްލާއެއް ގަނެފި
އިޒްރޭލާ ދެކޮޅު މުޒާހަރާގެ ލީޑަރު އެމެރިކާއިން ހައްޔަރު
ބިރުދައްކާ ނަމަ މަޝްވަރާއެއް ނުކުރާނަން: އީރާން
ޔޫއެސްއެއިޑްގެ ޕްރޮގްރާމްތަކުން 83 ޕަސެންޓް ހުއްޓާލަނީ
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު
އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރާތީ އެހީ ކަނޑާލައިފި
އެމެރިކާއިން ހަމާސްއާ ވާހަކަ ދައްކައިފި
ޓްރަމްޕުގެ ބޮޑު ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވައިފި