Roadha Mihaaru
ގޮދަޑި ރިވިއުކުރަން ނިދާނެ މީހަކު ހޯދަނީ

ގޮދަޑި ރިވިއުކުރާ ކުންފުންޏަކުން ނިދާނެ މީހަކު ހޯދަނީ

31 ޖެނުއަރީ 2021

ގޮދަޑި ރިވިއުކުރާ ކުންފުންޏަކުން ކުރިއަށް ގެންދާ ރިސާޗަކަށް ބޭނުންވާ މައުލޫމާތު އެއްކުރަން، ނިދާނެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޮދަޑި ރިވިއުކުރާ ކުންފުންޏަކުން ކުރިއަށް ގެންދާ ރިސާޗަކަށް ބޭނުންވާ މައުލޫމާތު އެއްކުރަން، ނިދާނެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ސްލީޕް ޖަންކީ ކިޔާ އެމެރިކާގެ ކުންފުނިން "ސްލީޕިން ބިއުޓީ" އަކު ހޯދަން އިއުލާންކުރީ އެ ވަޒީފާއާ އެ މީހަކު ހަވާލުވާން ދުވަހުން ފެށިގެން ކަނޑައަޅާ މުއްދަތަކަށް ނިދާށެވެ. އުޖޫރަ އަކީ 3،000 ޑޮލަރު (46,200ރ.) އެވެ. އަދި ނިދުމުގެ ވަޒީފާ ދޭ އިރު، ދެ މަހުގެ ތެރޭގައި ތިން ގޮދަޑި ދޭނެ އެވެ. ރިވިއުގެ މުއްދަތު ނިންމައިލުމަށް ފަހު، އެ މީހަކަށް ނިދަން ދިން ތިން ގޮދަޑީގެ ތެރެއިން އެންމެ އަރާމު އަދި ފަސޭހައިން ނިދަން މަގުފަހިކޮށް ދިން ކަމަށް ފާހަގަކުރި ގޮދަޑިއެއް ވެސް ހިލޭ ލިބޭނެ އެވެ. ގޮދަޑިއެއްގެ އަގަކީ 1،500 ޑޮލަރު (23,100ރ.) އެވެ.

ސްލީޕް ޖަންކީ އަކީ އެމެރިކާގައި އުފައްދާ މަޝްހޫރު ބްރޭންޑްތަކުގެ ގޮދަޑިތައް ރިވިއުކުރާ ކުންފުންޏެކެވެ.

"މިދިޔަ އަހަރަކީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި ވަރަށް އުނދަގޫ އަހަރެއް. ހާއްސަކޮށް ވަރަށް ގިނަ ބައެއްގެ ނިދުމުގެ ޕެޓާން އަށް ވެސް އަސަރުކޮށް، ބައެއް ކަހަލަ ސިއްހީ މައްސަލަތައް އެބަހުރި ފާހަގަކުރެވިފައި،" ސްލީޕް ޖަންކީން ބުންޏެވެ. "އެހެންވެ އަހަރެމެން މި ފަހިކޮށްދެނީ ނިދުން ހަރާބުވި މީހަކަށް އަރާމުގައި ނިދާލެވޭނެ ވަޒީފާއެއް. ކޮށްދޭން ޖެހޭ ކަމަކީ އަހަރެމެން ބުނާ މުއްދަތަކަށް ތިން ގޮދަޑިއެއްގައި ނިދައި އެ އެއްޗެހީގެ ސަބަބުން ނިދުމަށް އައި ބަދަލުތައް ހިއްސާކޮށް ދިނުން."

ސްލީޕް ޖަންކީން ބުނި ގޮތުގައި "ސްލީޕިް ބިއުޓީ" ގެ މަގާމަށް ހޮވޭ މީހަކު އަމަލުކުރަން ޖެހޭނެ ހާއްސަ އުސޫލުތަކެއް ވެސް ހުންނާނެ އެވެ. އޭގެ ތެރޭގައި ގޮދަޑިމަތީގައި އެކަނި ނިދުމާއި ނިދާ އިރު ފޯނު ކަހަލަ ޑިވައިސްއެއް ނުގެންގުޅުމާއި ގޮދަޑިތަކުން ނިދަން ފަސޭހަކޮށްދިން މިންވަރާއި ހަށިގަނޑަށް ކިހާ އަރާމުކަމާއި ގޮދަޑިތަކުގެ ސަބަބުން ނިދުމުގެ ހާލަތަށް ޖުމްލަކޮށް އައި ހުރިހާ ބަދަލެއް ޑޮކިއުމަންޓްކޮށްފައި ހުށަހަޅަން ޖެހޭނެ އެވެ.

ސްލީޕް ޖަންކީގެ މި ލިންކުން https://www.sleepjunkie.com/get-paid-to-sleep "ސްލީޕިން ބިއުޓީގެ މަގާމަށް މިހާރު އެޕްލައިކުރެވޭނެ އެވެ.