Roadha Mihaaru
"ބޮސް" ގެ ޓިކެޓް ވިއްކަން ފަށައިފި

"ބޮސް" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

03 އޮކްޓޯބަރ 2017

މި މަހުގެ 31 ވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ ޓިކެޓް އޮލިމްޕަނުން މިއަދު ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 31 ވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ ޓިކެޓް އޮލިމްޕަނުން މިއަދު ވިއްކަން ފަށައިފި އެވެ.

ފިލްމްގެ ޓިކެޓް ވިއްކަން މި ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ޓިކެޓް ބުކްކޮށް ދިނުމަށް ފަހު އެވެ. އެކަމަކު ރެއިން ފެށިގެން ވަނީ "ބޮސް" ގެ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ބުކްކޮށް ދިނުން ހުއްޓާލައިފަ އެވެ.

ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނީ އޮންލައިންކޮށް ޓިކެޓް ބުކްކޮށް ދޭން ހުޅުވައިލުމުން ފިލްމުގެ ހަތަރު ޝޯ މިހާރު ފުލްވެ، ފަސް ވަނަ ޝޯ އަށް ވެސް ހުޅުވާލައިފައިވާ ކަމަށެވެ. ހުޅުވާލައިފައި ވަނީ "ބޮސް" ގެ ފުރަތަމަ ނުވަ ޝޯއަށެވެ.

"ޓިކެޓް ބުކްކުރި މީހުން މި މަހުގެ ހަތެއްގެ ކުރިން ޓިކެޓް އޮލިމްޕަހުން ނަގަން ވާނެ. އެހެން ނޫނީ ޓިކެޓް ކެންސަލްވަމުން ދާނީ،" އޭނާ ބުންޏެވެ.

އޮލިމްޕަހުން ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ.

މި އަހަރު އަޅުވާ އަށް ވަނަ ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓް 200ރ. އަށް ވިއްކާ އިރު، ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ. ނަހުލާ ބުނީ "ބޮސް" ގެ ޕްރިމިއާ ނައިޓް ވަރަށް ކުލަގަދަކޮށް ބާއްވާނެ ކަމަށެވެ.

"މި ފަހަކަށް އައިސް ޕްރިމިއާތައް އެހާ ކުލަގަދަކޮށް ނުބާއްވާކަންނޭނގޭ. އެކަމަކު ބޮސްގެ ޕްރިމިއާ ނައިޓް ވަރަށް ކުލަގަދަ ކުރާނަން،" އޭނާ ބުންޏެވެ. "އޭގެ ތައްޔާރީތައް މިހާރު ވެސް ވާން ފަށައިފިން. އަދި ފިލްމް އޮލިމްޕަގހުގައި ހިންގާލުމަށް ފަހު، ވަރަށް ގިނަ ރަށްރަށުގައި ވެސް ފިލްމް ދައްކާނަން."

"ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

"ބޮސް" ގެ ޓްރެއިލާ.

ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފު ކުރާ މުހައްމަދު ޔުނާންއާ އެކު މަރިޔަމް އައްޒަ އެވެ. މީގެ ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ވެސް ހިމެނެ އެވެ.

ނަހުލާ ބުނީ "ބޮސް" ގެ ހުރިހާ މަސައްކަތެއް މިހާރު ގާތްގަނޑަށް ނިމި، ފިލްމް އެއްކޮށް ބަލައިފި ކަމަށެވެ.

"ފިލްމް ހަމަ ޔަގީނުން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ. ބޮސް ބަލާފައި ސިނަމާއިން ބެލުންތެރިން ނިކުމެގެން ދާނީ ލޯ ތެއްމާލައިގެންކަން ހަމަ ޔަގީން،" ލޯބީގެ އަސަރު ގަދަ ފިލްމްތައް ހަދަން މަޝްހޫރު ނަހުލާ ބުންޏެވެ. "ފިލްމް ހަމަ ވަރަށް އަސަރު ގަދަ ވާނެ. އެ ޔަގީންކަން ބެލުންތެރިންނަށް ދެން."

"ބޮސް" އަކީ މިދިޔަ އަހަރު ގެނެސް ދިން ބިރުވެރި ފިލްމް "4426" އަށް ފަހު ކްރިސްޓަލް އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.