Roadha Mihaaru
"ބޮސް" އާއި "4426" އަލުން އޮލިމްޕަހަށް

"ބޮސް" އާއި "4426" ގެ ޝޯތަކެއް އަންނަ މަހު އޮލިމްޕަހުގައި ދައްކަން ނިންމައިފި

13 ފެބުރުއަރީ 2018

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދިން "ބޮސް" އާއި "4426" ގެ ޝޯތަކެއް އަނެއްކާ ވެސް އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދިން "ބޮސް" އާއި "4426" ގެ ޝޯތަކެއް އަނެއްކާ ވެސް އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ދެ ފިލްމްގެ ދެ ޝޯ ދައްކަން ވަނީ ނިންމައިފަ އެވެ. މި ޝޯތަކުގެ ޓިކެޓް މި މަހުގެ 20 އިން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ގައި ޕްރިމިއާ ކުރި އަސަރު ގަދަ ލޯބީގެ ފިލްމް "ބޮސް" ގެ ޝޯ ދައްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ގަ އެވެ. ބިރުވެރި ފިލްމް "4426" ދައްކާނީ އަންނަ މަހުގެ 2 ގަ އެވެ.

ނަހުލާ ބުނީ ދެ ފިލްމްގެ ޓިކެޓް މިހާރު އެ ފިލްމްތަކުގެ ރަސްމީ ފޭސްބުކް ޕޭޖަށް އިންބޮކްސް ކޮށްގެން ވެސް ބުކް ކުރެވޭނެ ކަމަށެވެ.

"ބޮސް" ގެ ޓްރެއިލާއެއް.

އަލަށް ތައާރަފުވި މުހައްމަދު ޔުނާން އާއި މަރިޔަމް އައްޒަ ލީޑް ރޯލް ކުޅުނު "ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ފިލްމެކެވެ. އޮކްޓޯބަރު، 18، 2016 ގައި ސިނަމާ އަށް ގެނައި "4426" އަކީ ނަހުލާ އާއި އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓް ކުރި ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މުހައްމަދު ފައިސަލް އަދި އިބްރާހީމް ޖިހާދު (ޖިމީ) ފަދަ ތަރިން ހިމެނެ އެވެ.

ނަހުލާ ބުނި ގޮތުގައި ދެ ފިލްމްގެ ޝޯތަކެއް އަލުން އޮލިމްޕަހަށް ގެންނަން ނިންމީ ދެ ފިލްމް އިތުރަށް ބަލައިލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނެވެ.

"4426" ގެ ޓްރެއިލާއެއް.

"ބޮސް" އަލުން ސިނަމާ އަށް ގެންނަ އިރު، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ފިލްމްގެ ލަވަތަކުގެ ވީސީޑީ ވެސް އޮލިމްޕަހުން ވިއްކަން ވަނީ ހަމަޖެހިފަ އެވެ. އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ ފިލްމްގެ ވީސީޑީ ވިއްކާނީ 100ރ. އަށެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިތަކެއްގެ އަޑު އިވިގެންދާ "ބޮސް" ގެ ހުރިހާ ލަވަތަކަކީ ވެސް އާންމުންގެ ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ހިތްގައިމު ރީތި ލަވަތަކެކެވެ.