Roadha Mihaaru
ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

05 އޮކްޓޯބަރ 2017

ސްކޫލުތަކަށް އަންނަ އެންމެ އުފާވެރި އެއް ދުވަހަކީ ޓީޗަރުންގެ ދުވަހެވެ. މިކަން ރާއްޖޭގެ ހުރިހާ ސްކޫލަކުން މިއަދާއި އިއްޔެ ވަނީ ފެނިފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސްކޫލުތަކަށް އަންނަ އެންމެ އުފާވެރި އެއް ދުވަހަކީ ޓީޗަރުންގެ ދުވަހެވެ. މިކަން ރާއްޖޭގެ ހުރިހާ ސްކޫލަކުން މިއަދާއި އިއްޔެ ވަނީ ފެނިފަ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ އެވެ.

ޓީޗަރުންގެ ދުވަސް މިއަދު މާލޭގައި ފާހަގަކުރި ސްކޫލުތަކުގެ ތެރޭގައި ހިރިޔާ އާއި ހުޅުމާލޭ ރެހެންދި ސްކޫލާއި ގާޒީ ސްކޫލާއި ސީއެޗްއެސްއީ އާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ގަލޮޅު މަދަރުސާ އަދި މާފަންނު މަދަރުސާ ހިމެނެ އެވެ.

ކަލާފާނު ސްކޫލާއި ތާޖުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލު އަދި އަރަބިއްޔާ ސްކޫލުގައި އިއްޔެ ވަނީ ދުވަހުގެ ހަރަކާތްތައް ނިންމާލާފަ އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތެއްގައި ތާޖުއްދީން ސްކޫލުގެ ޓީޗަރުންތަކެއް ބައިވެރިވަނީ:-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތެއްގައި ތާޖުއްދީން ސްކޫލުގެ ޓީޗަރުންތަކެއް ބައިވެރިވަނީ:-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް، މިއިން ކޮންމެ ސްކޫލެއް ވެސް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އެކި ކުލަތަކުގެ ފުއްޕާހަމާއި ކަރުދާސްތަކުން ސްކޫލު ރީތިކޮށްފައިވާއިރު، ދަރިވަރުންގެ ފަރާތުން އެތައް "ސަޕްރައިޒްތަކެއް" ޓީޗަރުންނަށް ލިބުނެވެ.

"ޓީޗަރުން މިއަދު ސްކޫލަށް ވަދެގެން އައި އިރު، ދަރިވަރުން އެއިން ކޮންމެ ޓީޗަރަކަށް ވެސް މާބޮނޑިއެއް ދިން. އަދި ޓީޗަރުންނާ އެކު ސައިބޮއެ، މަޖާކޮށް ހެދި،" ޓީޗަރުންގެ ދުވަހުގެ ހަރަކާތްތަކާ ގުޅޭ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެން ސައީދު ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި އެކި ހަރަކާތްތައް ބާއްވާތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މުބާރާތެއް ޓީޗަރުންނަށް ބާއްވާ ކަމަށާއި އެ މުބާރާތްތަކުން ވަނަތައް ހޯދި ޓީޗަރުންނަށް، މާދަމާ ރޭ އިނާމުތައް ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުން ކޭކު ފަޅާއިރު ދަރިވަރުން އެ ހަރަކާތުގައި ބައިވެރިވަނީ-- މިހާރު ފޮޓޯ: ތޯރިގު އަބްދުއްރަހުމާން

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުން ކޭކު ފަޅާއިރު ދަރިވަރުން އެ ހަރަކާތުގައި ބައިވެރިވަނީ-- މިހާރު ފޮޓޯ: ތޯރިގު އަބްދުއްރަހުމާން

ހެނދުނު ބޭއްވި ހަރަކާތްތަކަށް ފަހު، ދަރިވަރުންނަށް ހާއްސަކޮށްގެން އެ ސްކޫލުގައި އިތުރު ހަރަކާތްތަކެއް މިއަދު ހަވީރު ބާއްވަން ވަނީ ނިންމާފަ އެވެ.

ހިރިޔާ ސްކޫލުގައި މިއަދުގެ ހަރަކާތްތައް ފެށީ، ޓީޗަރުންނަށް ހާއްސަކޮށްގެން ސިޓްރަން ރެސްޓޯރަންޓުގައި ބޭއްވި ހެނދުނުގެ ސަޔަކުންނެވެ. މެރޫން ކުލައިގެ ހެދުމުގައި، އެ ސްކޫލުގެ ހުރިހާ ޓީޗަރުން މިއަދު ހެނދުނު އާޓިފިޝަލް ބީޗަށް އެއްވުމުން، ޓީޗަރުން ރެސްޓޯރަންޓަށް ގެންދިޔައީ ސްކޫލު ބޭންޑުގެ މިއުޒިކާ އެކު އެވެ.

އިސްކަންދަރެކޭ އެއްގޮތަށް ހިރިޔާގައި ވެސް މި ހަރަކާތްތައް ކުރިއަށް ގެންދާތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. ސަޔަށް ފަހު ހެނދުނުގެ ހަރަކާތްތައް ނިންމާލި ނަމަވެސް، މެންދުރު ފަހު ދަރިވަރުންނަށް ހާއްސަކޮށްގެން ކުޅިވަރުތައް ބާއްވަން ވަނީ ނިންމާފަ އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތެއްގައި އިސްކަންދަރު ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންތަކެއް ބައިވެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތެއްގައި އިސްކަންދަރު ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންތަކެއް ބައިވެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރާއިރު އޯލެވެލްގެ ޓެސްޓުތައް ވެސް އެބަ ކުރިއަށް ދެ އެވެ. އެހެންވެ، ހުރިހާ ހަރަކާތެއް ވެސް ބާއްވަން ޖެހުނީ ޓެސްޓު ހަދާ ކުދިންނަށް ދަތިނުވާ ގޮތަށް، އެކި ވަގުތުތަކަށް ބަހާލައިގެންނެވެ.

މާލޭގެ ސްކޫލުތަކެކޭ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލުތަކުގައި ވެސް އިއްޔެ އާއި މިއަދު ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރި އެވެ.