Roadha Mihaaru
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުން މަޑުޖައްސާލައިފި

އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުން މަޑުޖައްސާލައިފި

08 އޮކްޓޯބަރ 2017

ވޮޝިންޓަން (އޮކްޓޯބަރު 8) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް އެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި ވަގުތު އެންމެ އިސްކަން ދެނީ އިޒްރޭލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެންމެ އިސް ރޯލެއް ޓްރަމްޕް ހަވާލު ކުރައްވާފައި ވަނީ ދަނބިދަރިކަލުން ޖާރެޑް ކުޝްނާއަށެވެ.

އިޒްރޭލުގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް ގާއިމްކޮށްފައި ވަނީ ތެލް އަވީވުގަ އެވެ. ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ހެދުމަށް އެ ގައުމުން މަސައްކަތް ކުރި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ތަކުރާރުކޮށް ވަނީ އެމްބަސީ ގުދުސް އަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފީ 1967 ވަނަ އަހަރު އެވެ. ފަލަސްތީނުން ވެސް ބުނެފައި ވަނީ ކުރިމަގުގައި އުފެދޭ މިނިވަން ދައުލަތުގެ ވެރިރަށަށް ވާނީ ގުދުސް ކަމަށެވެ. އިޒްރޭލާއި ފަލަސްތީނުގެ މެދުގައިވާ އެންމެ ޚިޔާލު ތަފާތުވުން ބޮޑު މައްސަލަ އަކީ ގުދުސް އެވެ.