Roadha Mihaaru
ފާރިސް މަޖިލީހަށް ނުގެންދިއުމަކީ ކުށެއް: މައުމޫން

ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދިނުމަކީ ކުރެވޭ ޖިނާއީ ކުށެއް: މައުމޫން

08 އޮކްޓޯބަރ 2017

ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށް ނުދިނުމަކީ ކުރެވޭ ބޮޑު ޖިނާއީ ކުށެއް ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށް ނުދިނުމަކީ ކުރެވޭ ބޮޑު ޖިނާއީ ކުށެއް ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް މައުމޫން ހަމީދު ވިދާޅުވީ މަޖިލީހުުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުވުމަކީ ފާރިސްގެ ހައްގެއް ކަމަށާއި އެއީ އޭނާ ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންނާ ވެސް ގުޅުންހުރި ހައްގެއް ކަމަށެވެ. އޭނާ މަޖިލީހަށް ހާޒިރުކޮށް ނުދޭން ކުރާ ކޮންމެ މަސައްކަތަކީ ދައުލަތަށް ހިންގުމަށް އަޅާ ހުރަހެއް ކަމަށާއި އަދި އެއީ ޖިނާއީ ކުށެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"މިވަގުތު ބާރު އޮތީތީވެ އެ ބޭފުޅުންނަށް އަޅާނުލާ ތިއްބެވިދާނެ ނުވަތަ ފިޔަވަޅެއް ވެސް ނޭޅި ހިނގައިދާނެ. އެހެން ނަމަވެސް އެ ކުރެވެނީ ރަނގަޅު ކަމެއް ނޫން. ގާނޫނާ ޚިލާފަށް ކަނޑައެޅިގެން ލޯ މަތީ ފެންނަން މިއޮތީ ކަނޑައެޅިގެން ގާނޫނާ ޚިލާފް ކަން. އެހެންވެ އަޅުގަނޑުމެން މިދަންނަވަނީ ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދިނުމަށް ކުރާ ކޮންމެ މަސައްކަތަކީ ދައުލަތް ހިންގުމަށް އަޅާ ހުރަހެކޭ. އެއީ ދުސްތޫރީ ގޮތުން ބަލާއިރު ބޮޑު ގޯހަކަށް ވުމުގެ އިތުރަށް ޖިނާއީ ކުށެއް." ފާރިސް މަޖިލީހަށް ހާޒިރު ކުރުމުގައި މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ފާރިސްގެ މައްސަލާގައި މިހާތަނަށް އެކި މުއައްސަސާތަކަށް 70 ވަރަކަށް ސިޓީ ފޮނުވިއިރު އޭގެ ތެރެއިން ޖަވާބު ލިބުނީ ފަސް ވަރަކަށް ސިޓީއަށް ކަމަށާއި ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދޭ މައްސަލާގައި މަޖިލީހުގެ އިދާރާއިން ވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ފާރިސް މަޖިލީހަށް ހާޒިރުވުމަށް ހުރަސް ނޭޅުމުގެ ގޮތުން ޝަރީއަތުގެ އަޑުއެހުމެއް ފަސްކޮށްލުމުން ވެސް އޭނާ މަޖިލީހަށް ނުގެންގޮސް، ޖަލަށް ގެންދިޔަ ކަން މައުމޫން ފާހަގަ ކުރެއްވި އެވެ.

"ގާނޫނުން ދެކޭ ގޮތަކީ ވެސް ހުރިހާ ފަރާތަކުން ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް. އެހެން ނަމަވެސް ހިތާމައާ އެކު ދަންނަވަން ޖެހެނީ މިހާތަނަށް ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އެގޮތަށް ކަމަށް އެކަން ކުރައްވަނީ،" މައުމޫން ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއާތުގެ ގަވާއިދުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނެތީސް ފާރިސް ޝަރީއަތް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފާރިސްގެ މައްސަލައިގެ އިތުރުން ޖިނާއީ އެހެން ޝަރީއަތްތައް ވެސް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ގަވާއިދު ނެތި ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ދައުވާލިބޭ ހުރިހާ ފަރާތްތަކަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ، އޭގެ ޒިންމާ ދައުލަތުން އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ ދައުވާލިބޭ މީހަކީ ކުށްވެރިއެއް ނޫންހޭ އޭނާއަށް ކޮން ހައްގެއްހޭ ލިބެންވީ. އެއީ ވަރަށް ގޯސް ވިސްނުމެއް. ސަބަބަކީ އެއްވެސް ބޭފުޅަކަށް އެނގިވަޑައެއް ނުގަންނަވާނެ ތިމަންނާމެންނަށް ތުހުމަތެއް ކުރެވި ދައުވާއެއް އުފުލޭނީ ކޮން ދުވަހަކުން ކަމެއް،" މައުމޫން ވިދާޅުވި އެވެ.

މުއްދަތު ހަމަވިއިރު ވެސް ގަވާއިދު ހެދިފައި ނެތުމަކީ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާ ނުކުރެވުން ކަމަށާއި މުއައްސަސާތަކުގެ ބޭފުޅުން ވެސް އެކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. މުއައްސަސާތަކުގެ އިސް ބޭފުޅުންނާ މެދު ޖިނާއީ ދައުވާއެއް އުފުލުން ފަދަ ކަމެއް ހިނގުމުގެ ކުރިން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަން އޭނާ ގޮވާލެއްވި އެވެ.