Roadha Mihaaru
ބިން ވިއްކަނީ ސަރުކާރުގައި ފައިސާ ނެތިގެން: އިންތި

މާލެއިން ބިން ވިއްކަނީ ސަރުކާރުގައި ފައިސާ ނެތިގެން، އެ ބިންތައް އަތުލާނެ: އިންތި

15 އޮކްޓޯބަރ 2017

މާލެއިން ބިން ވިއްކަން ސަރުކާރުން ދެވަނަ ފަހަރަށް އިއުލާން ކުރީ ފައިސާ ނެތިގެން ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވިއްކާ ބިންތައް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން އަތުލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

މާލެއިން ބިން ވިއްކަން ސަރުކާރުން ދެވަނަ ފަހަރަށް އިއުލާން ކުރީ ފައިސާ ނެތިގެން ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވިއްކާ ބިންތައް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން އަތުލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ސަރުކާރުގައި ފައިސާ ނެތިގެން މިހާރު ގެންދަނީ އަތުޖެހުނު އެއްޗެއް ވިއްކަމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ގައުމު ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަން. މުވައްޒަފުންނަށް މުސާރަ ނުދެވޭ ހާލަތަށް ކަންތައްތައް ދިޔުމުން ބިން ވިއްކާލަން އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އިންތި ވަނީ މާލެއިން ބިން ވިއްކުމަށް ފުރަތަމަ ކުރި އިއުލާނާ ގުޅިގެން އެއްވެސް ބަޔަކު ޝައުގުވެރި ނުވުމުން، ދެވަނަ ފަހަރަށް އިއުލާން ކުރީ އަގު ދަށް ކޮށްގެން ކަން ފާހަގަ ކުރައްވައިފަ އެވެ.

"އެ ބިންތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވިއްކާފައިވޭތޯ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ތަހުގީގު ކުރުމަށް ފަހު އަތުލާނެ. އަޅުގަނޑުމެން އެ މައްސަލަތައް ވަރަށް ރަނގަޅަށް ތަހުގީގު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މާލެއިން 19 ބިމެއް ވިއްކަން މިދިޔަ އޮގަސްޓް މަހު ސަރުކާރުން އިއުލާން ކުރިއިރު ފުރަތަމަ އޮތީ ބިން ގަނެވޭނީ އެންމެ މަދުވެގެން އަކަފޫޓަކަށް 15،000ރ. ގެ ރޭޓުން ކަމަށެވެ. އެކަމަކު އެ މުއްދަތު މިދިޔަ މަހު ހަމަވެގެން އަލުން އިއުލާން ކުރިއިރު އޮތީ އަކަފޫޓަކަށް މަދުވެގެން ހުށަހެޅޭނެ އަގު 12،000ރ. އަށް ދަށްކޮށްފަ އެވެ.

ކުރީގެ އަގުގައި އެ ބިންތައް ވިއްކި ނަމަ ދައުލަތަށް 792 މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ. އެކަމަކު އެއިން އެއްވެސް ބިމެއް ގަންނަން އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވެ އެވެ.

ހައުސިން މިނިސްޓްރީން އަލުން ނެރުނު އިއުލާނުގައިވާ ގޮތުން ބިން ވިއްކާނީ ބިޑް އުސޫލުން، ކޮންމެ އަކަފޫޓަކަށް އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަގު ހުށަހެޅޭނީ މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް ވެސް އިއުލާނުގައިވެ އެވެ.