Roadha Mihaaru
ފްލެޓްގެ މައްސަލައިގައި މުއިއްޒަށް ދައުވާ ކުރާނަން

ފްލެޓް ދިން ގޮތުގެ މައުލޫމާތު ނުދިނީމާ މުއިއްޒަށް ދައުވާ ކުރާނަން: ރޮޒެއިނާ

03 އޮކްޓޯބަރ 2017

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތުގެ ތަފްސީލްތައް ހައުސިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވުމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުށްވެރިވެފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތުގެ ތަފްސީލްތައް ހައުސިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވުމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުށްވެރިވެފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި މަޖިލީހުން އެދުނު މައުލޫމާތެއް ސަރުކާރުގެ ވުޒާރާއަކުން ނުފޮނުވައި، ހިފެހެއްޓުމަކީ އެ ވުޒާރާއެއްގެ އިސް ވެރިން ކުށްވެރިވާނެ ކަމެކެވެ. އެހެންވެ، ފްލެޓާ ގުޅޭ ތަފްސީލްތައް މަޖިލީހާ ހިއްސާ ނުކުރި މައްސަލާގައި މުއިއްޒާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ކަން (ދައުވާ) ނުކުރެވިދާނެ. އެކަމަކު ކޮންމެވެސް ދުވަހަކުން އަޅުގަނޑު އެކަނި ވިޔަސް، މުއިއްޒާ ދެކޮޅަށް ދައުވާ ކުރާނަން،" ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒެއިނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

ހައުސިން މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ނިންމި ގޮތާއި ދޭން ނިންމި މީހުންގެ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ ހިއްސާ ކުރަން މަޖިލީހުން އެންގުމުން، ފްލެޓް ދިނުމަށް ކަނޑައެޅި އުސޫލު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް މިނިސްޓްރީން މަޖިލީހާ ހިއްސާއެއް ނުކުރި އެވެ. އެހެންވެ، އިދިކޮޅު މެމްބަރުން ވަނީ ހައުސިން މިނިސްޓްރަށް ފާޑު ވިދާޅުވެފަ އެވެ.

ރޮޒެއިނާ ވިދާޅުވީ ކޯޓުތަކަށް މައުލޫމާތު ދޭން ނުވަތަ ހާޒިރުވާން އެންގީމަ، އެކަން ނުކުރުމުން ކުށްވެރިވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ހަމަ އެ ގާނޫނުއަސާސީގެ ދަށުން މަޖިލީހުން ބޭނުންވާ މައުލޫމާތުތައް ނުފޮނުވައިފި ނަމަ، ކުށްވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ކޮމެޓީން މިދިޔަ މަހު ނިންމާފައި ވަނީ ފްލެޓް ލިބުނު މީހުންގެ ތަފްސީލާއި ލިބުނު ޕޮއިންޓާއި ޕޮއިންޓް ލިބުނު އުސޫލުތައް މަޖިލީހަށް ފޮނުވުމަށެވެ. އެކަމަކު އުސޫލުތައް ފިޔަވައި ދެން ހުރި މައުލޫމާތުތައް ނުލިބޭކަން ކޮމެޓީގެ މުގައްރިރު، އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް އެއްބަސްވެވަޑައިގެންނެވި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ސިއްރު ޖަހާފައި ވިޔަސް، އެ މައުލޫމާތެއް މަޖިލީހަށް ފޮނުވަން ޖެހޭނެ. މައްސަލައަކީ އެހެން ވެސް ނުފޮނުވީމަ. ވަރަށް ބޮޑު މައްސަލައެއް މިއީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމު ކުރީ އެ ލިބުނު މީހުންގެ އެއްވެސް މައުލޫމާތެއް އަދި ލިބުނު ޕޮއިންޓުގެ އަދަދު ވެސް ނޭނގޭ ގޮތަށެވެ. އަދި މުއިއްޒުއާ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް އެ ތަފްސީލުތައް ހާމައެއް ނުކުރައްވަ އެވެ.

ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ހަތަރު އަހަރު ފަހުން ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކެވެ. މި މައްސަލައިގައި އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.