Roadha Mihaaru
މިރޭ އީދަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް

މިރޭ އީދަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް

04 ޖުލައި 2016

މިއަދަކީ ހިނގަމުން މިދާ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވުމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ޝައްވާލް މަހަށް ހަނދު ފެނޭތޯ ބަލާނެ އެވެ. އިސްލާމީ ޝަރުޢީ ހަމަތަކުގެ މަތިން، އައު މަހެއް ފެށޭނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި އާ ހަނދު ފެނުމުން ނުވަތަ، އެރޭ ހަނދު ނުފެނުމުން އެ މަހުން 30 ދުވަސް ހަމަކޮށްފަ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މިއަދަކީ ހިނގަމުން މިދާ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވުމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ޝައްވާލް މަހަށް ހަނދު ފެނޭތޯ ބަލާނެ އެވެ. އިސްލާމީ ޝަރުޢީ ހަމަތަކުގެ މަތިން، އައު މަހެއް ފެށޭނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި އާ ހަނދު ފެނުމުން ނުވަތަ، އެރޭ ހަނދު ނުފެނުމުން އެ މަހުން 30 ދުވަސް ހަމަކޮށްފަ އެވެ.

ހިނގަމުންދާ މަސް ފުރިހަމަވުމަށްޓަކައި އިރާއި ހަނދާއި ބިން މާރަހަ (ކޮންޖަންކްޝަން ނުވަތަ އިޤްތިރާން) ވާނީ ޖީއެމްޓީން މިއަދު 11:02 (ރާއްޖޭ ގަޑިން 16:02)ގަ އެވެ. އެހެންކަމުން، ރާއްޖެ އަށް މިއަދުގެ އިރު އޮއްސުމުގެ ދެ ގަޑިއިރާއި 20 މިނެޓް ކުރިން އެ ވަނީ އިޤްތިރާން ވެފަ އެވެ. ނުވަތަ އައު ހަނދު އުފަންވެފަ އެވެ.

މިއަދު އިޤްތިރާންވާ ވަގުތު، އިރު ހުންނާނީ 294 ދަރަޖައިގަ އެވެ. އަދި ހަނދު ހުންނާނީ 289 ދަރަޖައިގަ އެވެ. މާނައަކީ އިރާއި ހަނދު ދަތުރު ކުރަމުން ދާނީ އެންމެ ފަސް ދަރަޖައިގެ ދުރުމިނުގައި ކަމެވެ. އަދި އެ ވަގުތު އިރާއި ހަނދު ވެސް ހުންނާނީ އުދަރެހުން ފެށިގެން 31 ދަރަޖަ އުހުގަ އެވެ.

މިއަދުގެ އިރު އޮއްސުމުގެ ކުރިން، އިޤްތިރާންވުމާ އެކު އެވަނީ އައު ހަނދު އުފަންވެފަ އެވެ. ނަމަވެސް އައު މަހެއް ފެށޭނީ އިޤްތިރާންވާ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވިޔަސް، ހަނދު ފެންމަތީގައި ހުރުމުންނެވެ. އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިއަދުގެ އިރު އޮއްސުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހަނދު އޮއްސޭނެ އެވެ.

އިރާއި ހަނދު ދަތުރު ކުރަމުންދާ މިސްރާބަށް ބަލާއިރު، މިއަދުގެ އިރު އޮއްސެން ދާ ވަގުތު، އިރު ހުންނާނީ 293 ދަރަޖައިގަ އެވެ. އަދި ހަނދު ހުންނާނީ 288 ދަރަޖައިގަ އެވެ. މާލެ އަށް މިއަދު 18:23 ގައި އިރު އޮއްސޭ އިރު، އޭގެ ދެ މިނެޓް ކުރިން މާލެ އަށް ހަނދު އޮއްސޭނެ އެވެ. ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 3 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް މިއަދުގެ އިރު އޮއްސުމުގެ މިނެޓެއްހާ އިރު ކުރިން ހަނދު އޮއްސޭނެ އެވެ. އެހެންކަމުން މި އަހަރުގެ ޝައްވާލް މަހަށް މި ރޭ ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް ރާއްޖެއަކަށް ނެތެވެ.

މި ރޯދަމަހު ހުކުރު ނަމާދުގެ ޖަމާއަތެއް: ފަލަކީ ހިސާބުން ދައްކާ ގޮތުން އީދު ވާނީ ބުދަ ދުވަސް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރޯދަމަހު ހުކުރު ނަމާދުގެ ޖަމާއަތެއް: ފަލަކީ ހިސާބުން ދައްކާ ގޮތުން އީދު ވާނީ ބުދަ ދުވަސް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތީގައި އަދި އެންމެ ދެކުނަށް އޮންނަ އިންޑޮނީޝިޔާ އަށް މިއަދުގެ އިރު އޮއްސުމުގެ ހަ މިނެޓް ކުރިން ހަނދު އޮއްސޭ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ. އަދި ހިނގަމުން މިދާ ރަމަޟާން މަސް ފުރިހަމަ ވުމަށްޓަކައި، އިރު ހަނދާއި ބިން އިޤްތިރާންވާނީ އިންޑޮނީޝިޔާ އަށް މިއަދުގެ އިރު އޮއްސުމުގެ 12 މިނެޓް ފަހުންނެވެ. މީގެ މާނައަކީ އިންޑޮނީޝިޔާ އަށް މިއަދުގެ އިރު އޮއްސުނު އިރު ރަމަޟާން މަސް އަދި ނުނިމެ އެވެ. އެހެންކަމުން އެ ގައުމަށް މިއަދުގެ އިރު އޮއްސުމާ އެކު އެ ވަނީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ފެށިފައި ކަން ފަލަކީ ހިސާބުތަކުން ކަށަވަރުވެ އެވެ.

އިސްލާމީ ދުނިޔޭގެ އެންމެ ހުޅަނގުގައިވާ ޤައުމަކީ މަޣްރިބު ކަމުގައިވާ އިރު، އެ ޤައުމަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ތިން މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އެންމެ އުތުރުގައި އޮންނަ ތުރުކީ ވިލާތަށް މިއަދުގެ އިރު އޮއްސުމުގެ 13 މިނެޓް ކުރިން ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ. މުސްލިމުންގެ ދެ ޙަރަމްފުޅު ހުރި ބިމަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ތިން މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. މިޞްރަށް މިއަދުގެ އިރު އޮއްސުމުގެ ހަ މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ޢަރަބި އިސްލާމީ ހުރިހާ ޤައުމަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ.

މި މައުލޫމާތުތަކަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެންމަތީގައި ނުހުންނާނެ ކަން ފަލަކީ ހިސާބުތަކުން ކަށަވަރުކޮށްދެ އެވެ. އެހެންކަމުން މުޢުތަބަރު ފަލަކީ ހިސާބަށް ބަލާއިރު، މާދަމާއަކީ މި ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އަދި މި އަހަރުގެ އުފާވެރި ފިޠުރު ޢީދު ދުވަހަށް ވާނީ އަންނަ ބުދަ ދުވަހެވެ.

ރަމަޟާން މަހާއި ޝައްވާލް މަހަށް ހަނދު ސާބިތުކުރުމުގައި އެންމެ ގިނަ އިސްލާމީ ގައުމުތައް ތަބާވަނީ ސައޫދީ އަރަބިއްޔާ އަށެވެ. އެ ގައުމުގެ ރަސްމީ ކަލަންޑަރު ކަމަށްވާ އުއްމުލް ޤުރާ ކަލަންޑަރަކީ ވެސް ފަލަކީ ހިސާބުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ ކަލަންޑަރެކެވެ. އެ ކަލަންޑަރު އެކުލަވައިލުމުގައި އަމަލުކުރާ މިންގަނޑުގައިވާ ގޮތުން ހިޖްރީ މަހެއްގެ ފެށުން ބިނާވެފައި އޮންނަނީ ދެ ޝަރުތެއްގެ މައްޗަށެވެ.

އަގްސާ މިސްކިތުގެ ބޭރުގައި ފަލަސްތީނުގެ އަންހެނުންތަކެއް ރޯދަމަހު ދުއާ ކުރަނީ: އިސްލާމީ ގިނަ ގައުމުތަކަށް ވެސް މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތް --ފޮޓޯ:އޭއެފްޕީ

އަގްސާ މިސްކިތުގެ ބޭރުގައި ފަލަސްތީނުގެ އަންހެނުންތަކެއް ރޯދަމަހު ދުއާ ކުރަނީ: އިސްލާމީ ގިނަ ގައުމުތަކަށް ވެސް މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތް --ފޮޓޯ:އޭއެފްޕީ

އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ، މަދުވެގެން އެއް މިނެޓް ކުރިން ނަމަވެސް އިޤްތިރާންވުމެވެ. ދެ ވަނަ ކަމަކީ އިރު އޮއްސުމުގެ ކުރިން އިޤްތިރާންވެފައި، އިރު އޮއްސުމުގެ ފަހުން އެންމެ މިނެޓަކަށް ނަމަވެސް ހަނދު ފެންމަތީގައި ހުރުމެވެ.

ހިނގަމުންދާ މަހުގެ 29 ދުވަހުގެ އިރު އޮއްސޭ އިރު މި ދެ ޝަރުތު ހަމަވާ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ކަމުގައިވާ ނަމަ، ޖެހިގެން އަންނަ ދުވަހަކީ އައު މަހުގެ ފުރަތަމަ ދުވަސް ކަމަށް އުއްމުލް ޤުރާ ކަލަންޑަރުގައި ކަނޑައަޅަ އެވެ. ދިވެހިރާއްޖޭގައި ވެސް ޢަމަލުކުރަމުން އަންނަނީ މި އުސޫލުންނެވެ.

ދެން އުފެދޭނެ ސުވާލަކީ، ހިޖްރީ މަސްތައް ފެށުމުގައި ކަލަންޑަރުގައިވާ ގޮތާ ބައެއް ފަހަރު ދިމާނުވަނީ ކީއްވެ ހެއްޔެވެ؟

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ރޯދަ މަހާއި އީދު ދުވަސް ކަނޑައަޅަނީ ޝަރުޢީ ހަމަތަކުގެ މަތިން ކަމަށް ވާތީ އެވެ. އެއީ ހަމަލޮލަށް ހަނދު ފެނުމެވެ. ޝައުބާން މަހުގެ 29 ވަނަ ދުވަހަށް ފަހުގައި ދެން އޮތް ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައި ބުނެފައި އޮތަސް، އެތައް ސަބަބުތަކާ ހުރެ އެރޭ ހަނދު ނުފެނިދާނެ އެވެ.

އޭގެ ތެރެއިން ބައެއް ސަބަބުތަކަކީ އުޑުމަތި ބަނަވުން ނުވަތަ ވިލާ ބޯވުމެވެ. އިރާއި ހަނދާ ދެމެދު ހުންނަ ދުރުމިން ކުޑަވުމަކީ ވެސް އޭގެ ސަބަބެކެވެ. އިރު އޮއްސުމަށް ފަހުގައި، ފެންމަތީގައި ހަނދު ހުންނަ ވަގުތުކޮޅު ކުޑަވުމަކީ ވެސް ސަބަބެކެވެ. ޖައްވުގެ ހާލަތު ހުންނަ ގޮތުން، އެ ވަގުތު އިރުގެ ދަޅަގަނޑު މާ ގަދަވެފައި ހުރުމަކީ ވެސް ހަނދު ނުފެނުމަށް މެދުވެރިވާ ސަބަބެކެވެ.

ދެން ހަނދާންކުރަން ޖެހޭ ކަމަކީ، ކަލަންޑަރުގައި ކަނޑައަޅާފައި ވަނީ ހަނދު ފެންނާނެކަން ނުވަތަ ނުފެންނާނެ ކަމެއް ނޫނެވެ. ކަލަންޑަރުގައި ބުނެފައި އެވަނީ، އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފެންމަތީގައި ހަނދު ހުންނާނެ ކަމެވެ. އެހެންކަމުން ހަނދު ފެނުނަސް ނުފެނުނަސް، ފަލަކީ ހިސާބުން ދައްކާ ގޮތުން، އަނެއް ދުވަހަކީ އައު މަހުގެ ފުރަތަމަ ދުވަހެވެ. ހަނދު ފެނުމާއި ނުފެނުމަކީ މުޅިން އެހެން ކަމެކެވެ.