Roadha Mihaaru
މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ބުދަ ދުވަސް

މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ބުދަ ދުވަސް

04 ޖުލައި 2016

މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތުކުރަން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ޝައްވާލް މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް ހަމަޖެއްސީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ އެވެ. އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މި ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާ ކަމަށް އެ ގަރާރުގައިވެ އެވެ.

އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިއަދުގެ އިރު އޮއްސުމުގެ ކުރިން، އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސޭނެ އެވެ. އެހެންކަމުން މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން ހަނދު ބަލަން ނުކުތް ކަމަށް ވިޔަސް، އިރު އޮއްސުމަށް ފަހުގައި ހަނދު ފެނުމަކީ މުސްތަހީލު ކަމެކެވެ.

އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތީގައި އަދި އެންމެ ދެކުނަށް އޮންނަ އިންޑޮނީޝިޔާ އަށް މިއަދުގެ އިރު އޮއްސުމުގެ ހަ މިނެޓް ކުރިން ހަނދު އޮއްސެ އެވެ. އިސްލާމީ ދުނިޔޭގެ އެންމެ ހުޅަނގުގައިވާ މަޣްރިބަށް މިއަދުގެ އިރު އޮއްސުމުގެ ތިން މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ އުތުރުގައި އޮންނަ ތުރުކީ ވިލާތަށް މިއަދުގެ އިރު އޮއްސުމުގެ 13 މިނެޓް ކުރިން ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ. މުސްލިމުންގެ ދެ ޙަރަމްފުޅު ހުރި ބިމަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ތިން މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. މިޞްރަށް މިއަދުގެ އިރު އޮއްސުމުގެ ހަ މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ޢަރަބި އިސްލާމީ ހުރިހާ ޤައުމަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ.