Roadha Mihaaru
އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް

އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ދޭ: އާދިލް

19 އޮކްޓޯބަރ 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ބާރަށް ކުރިއަށް ދާ ކަމަށް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ބާރަށް ކުރިއަށް ދާ ކަމަށް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ހަދަމުން އަންނަ އަދި ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓު ފަހަރަށް ވެސް ޖެއްސޭ ވަރުގެ މި ރަންވޭގެ ދެ ވަނަ ލޭޔަރުގެ މަސައްކަތްތައް މިއަދު ވަނީ ފަށައިފަ އެވެ.

ރަންވޭގެ މަސައްކަތް ކުރިއަށް ދާ ސަރަހައްދުގައި ހުންނަވައިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ ދެ ވަނަ ލޭޔަރުގެ މަސައްކަތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ

"މިއީ ރަންވޭގެ ސަބްބޭހުގެ ފަހު ލޭޔަރު. މީގެ މައްޗަށް ދެން އިންނާނީ ކޮންކްރީޓް ލޭޔަރެއް. ކޮންކްރީޓް ލޭޔަރާ އެކު އަދި ހަތަރު ލޭޔަރު އިންނާނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތްތައް ކުރާއިރު އިންޖިނިއަރުން އަބަދުވެސް ހަރަކާތްތެރިވާނެ ކަމަށެވެ.

"އަބަދުވެސް މަސައްކަތްތައް ކުރިއަށްދާއިރު އަޅުގަނޑުމެންގެ އިންޖިނިއަރުން އުޅޭނެ ކޮލެޓީ އެޝުއާކުރަން. ހުރިހާ ކަމެއް ވެސް ޕްލޭން ކުރެވިފައިވާ ގޮތަށް، ޝޭޑިއުލާ އެއްގޮތަށް ކުރިއަށް ދަނީ،" އާދިލް ވިދާޅުވި އެވެ.

އާ ރަންވޭގެ ދެވަނަ ލޭޔަރުގެ މަސައްކަތްތައް ކުރިއަށް ދަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

އާ ރަންވޭގެ ދެވަނަ ލޭޔަރުގެ މަސައްކަތްތައް ކުރިއަށް ދަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ދުނިޔޭގެ މިހާރުގެ އެންމެ ބޮޑު ބޯޓު އޭ380 ގެ މަރުކާގެ ބޯޓުފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކުރާ ރަންވޭ ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ އަހަރު އެވެ.

އާ ރަންވޭ ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުނިން ކުރަނީ -- ފޮޓޯ: މިހާރު/ނިޝާން އަލީ

އާ ރަންވޭ ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުނިން ކުރަނީ -- ފޮޓޯ: މިހާރު/ނިޝާން އަލީ

ވީއައިއޭގައި މިހާރު ބޭނުންކުރާ ހަމައެކަނި ރަންވޭއަށް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވެ މަރާމާތުކުރަން ޖެހެ އެވެ. އޭގެ ސަބަބުން އެއާޕޯޓް ހުއްޓުމަކަށް އާދެ އެވެ. މިހާރުގެ ރަންވޭގެ މަތީ ފަށަލަ ރަނގަޅުކުރަން ހިންގި މަޝްރޫއުއަށް ފަހު ވެސް އެ މައްސަލަ ދިމާވުން ހުއްޓުމަކަށް ނާދެ އެވެ.