Roadha Mihaaru
ސިރިސޭނާއަށް ފަތްކޮޅު އެރުވޭ ގޮތެއް އަދިވެސް ނުވޭ!

ސިރިސޭނާއަށް ފަތްކޮޅު އެރުވޭ ގޮތެއް މުންދުއަށް އަދިވެސް ނުވޭ!

22 އޮކްޓޯބަރ 2017

ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ފަތްކޮޅު އެރުވޭ ގޮތް، ރާއްޖެ އިން އަލަށް ކަނޑައެޅި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް ނުވެ ދިގުލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ފަތްކޮޅު އެރުވޭ ގޮތް، ރާއްޖެ އިން އަލަށް ކަނޑައެޅި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް ނުވެ ދިގުލައިފި އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު ހަމަޖެއްސީ މިދިޔަ މަހު ހަ ވަނަ ދުވަހު އެވެ. އެކަމަކު، މަގާމަށް ހަމަޖެއްސިތާ މަހަކަށްވުރެ ގިނަ ދުވަސްވީ އިރު ވެސް، މަގާމުގެ ފަތްކޮޅު ލަންކާގެ ރައީސަށް އެރުވުމުގެ ރަސްމިއްޔާތު ނުބާއްވައި ލަސްވާތީ އިދިކޮޅު ފަރާތްތަކުން މުންދު އަށް ދަނީ ފާޑުކިޔަމުންނެވެ.

މުންދު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަންކާ ސަފީރަކަށް އޭނާ އައްޔަން ކުރެއްވީ ލަންކާ ސަރުކާރުގެ ހުއްދަ ލިބުމާ ގުޅިގެންނެވެ. އެހެންވެ، މަގާމުގެ ފަތްކޮޅު ސިރިސޭނާ އަށް ނޭރުވި ލަސްވެގެން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަންކާގެ ރިޔާސަތާއިި ފޮރިން މިނިސްޓްރީން ވަނީ އަޅުގަނޑު ސަފީރަކަށް އައްޔަން ކުރަން ހުއްދަ ދެއްވާފައި،" މިވަގުތު ލަންކާގައި ހުންނެވި މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން އޭނާ އަށް ފާޑު ކިޔަމުން ދަނީ ލަންކާގެ ހާރިޖީ އުސޫލުތައް ނޭނގޭތީ ކަމަށެވެ. އަދި އެއީ ވަގުތީ އުފަލަކަށް އެ ބޭފުޅުން ދައްކަވާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން، ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

މުންދު ވިދާޅުވި ގޮތުގައި މިވަގުތު ސަފީރު ކަމުގެ ފަތްކޮޅު ސިރިސެނާ އަށް އެރުވުމަށް ފަސް ބޭފުޅަކު "ކިއު" ގައި އެބަތިއްބެވި އެވެ. އެއީ ކެނެޑާ، ރަޝިޔާ، ޕާކިސްތާނު އަދި މިސްރުގެ ސަފީރު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެތެރެއިން ކެނެޑާ އާއި ރަޝިޔާ ސަފީރަކީ މުންދު އަށްވުރެ ކުރިން އެ ގައުމުތަކުން އެ މަގާމަށް ހަމަޖެއްސެވި ސަފީރުން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފަހުން އައި ދެ ބޭފުޅުން އެއީ ޕާކިސްތާނާއި މިސްރުގެ ސަފީރަކީ. އެހެންވީމަ ފަތް ކޮޅު އަރުވަން ވެފައި އަޅުގަނޑާއެކު ފަސް ބޭފުޅުން އެބަތިއްބެވި،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ލަންކާގެ ހާރިޖީ އުސޫލުތައް ކަނޑައަޅާފައި އޮންނަ ގޮތުން ސަފީރު ކަމުގެ ފަތްކޮޅު ބޭފުޅުންނަށް އަރުވަނީ އެ ގައުމުގެ ރައީސަށް ފަސޭހަފުޅު ދުވަހެއްގައި ކަމަށެވެ. އަދި ލަންކާ ރައީސަށް ވަގުތެއްވީމަ، ސަފީރުންނަށް ފަތްކޮޅު އަރުވަން ފުރުސަތު ދެއްވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

"ރައީސެއް ކުރަން ޖެހޭ ކަންތައްތައް ހުންނާނެ. އެމަނިކުފާނު ގައުމު ހިންގަވަން ޖެހޭނެ. ހާރިޖީ އުސޫލުތައް އޮންނަ ގޮތުން އެމަނިކުފާނަށް ފަސޭހަ ދުވަހެއްގައި ދައުވަތު ދެއްވީމަ ސަފީރުން ވަޑައިގަންނަވަނީ،" އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި، މުންދު ވިދާޅުވި އެވެ.

އޭނާ ވަނީ ލަންކާއަކީ އެމްޑީޕީ ކިއްލާއެއްގެ ގޮތުގައި ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އަދި އެ ގައުމުގެ ދިވެހިންގެ މެޖޯރިޓީ އޮތީ ޕީޕީއެމަށް ކަން މިދިޔަ ހަފްތާގައި ލަންކާގައި ޕީޕީއެމް ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި އެނގިގެން ގޮސްފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ފަތްކޮޅު އެރުވުން ލަސްވެފައިވާ އިރު، މުންދު ގެންދަވަނީ އޭނާގެ ހިތްޕުޅުގައި ލަންކާ އަށް އޮތް ލޯތްބާއި ގުޅުން، އެކި ސިފަސިފައިގައި ހާމަކުރައްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މުންދުގެ މަގާމުގެ ފަތްކޮޅު ލަންކާގެ ރައީސަށް އެރުވުމުގެ ރަސްމިއްޔާތު ނުބާއްވައި ލަސްކުރަމުން ދަނީ ދިވެހި ސަރުކާރަށް ދަތިކުރުމުގެ ގޮތުންނެވެ. ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މުންދު ބަލައިނުގަތުމަށް ވެސް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ އެ ގައުމުގެ ސަރުކާރަށް ވެސް ޕްރެޝަރު ކުރަމުން ކަމަށްވެ އެވެ.

ނަމަވެސް، މުންދު އެކަން ދޮގު ކުރައްވައި ވިދާޅުވީ ލަންކާ އާއި ރާއްޖެ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މުންދުއާ ދޭތެރޭ އިދިކޮޅު މީހުން ހިތްހަމަނުޖެހުނީ ނަޝީދު ހައްޔަރުކުރަން ސަރުކާރުން އަންގައިފި ނަމަ މަގުމައްޗަށް ނުކުންނަވައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމަށް އިންޓަވިއުއެއްގައި ވިދާޅުވުމުންނެވެ.