Roadha Mihaaru
"މުޒާހަރާއިން އެނގުނީ އެމްޑީޕީއަށް ތާއީދު ނެތްކަން"

ލަންކާގައި ކުރި މުޒާހަރާއިން އެނގުނީ އެމްޑީޕީ އަށް ތާއީދު ނެތްކަން: މުންދު

06 މާޗް 2018

ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސްރީ ލަންކާގައި މިއަދު ކުރި މުޒާހަރާއިން، އެމްޑީޕީއަށް ތާއީދު ނެތްކަން ހާމަވެއްޖެ ކަމަށް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސްރީ ލަންކާގައި މިއަދު ކުރި މުޒާހަރާއިން، އެމްޑީޕީއަށް ތާއީދު ނެތްކަން ހާމަވެއްޖެ ކަމަށް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރުމަށް މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މުޒާހަރާކުރީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީގަ އެވެ. ސުލްހަވެރިކަމާ އެކު ބޭއްވި މުޒާހަރާގައި، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި އެންމެން މިނިވަން ކުރުމަށް ގޮވާލި އެވެ.

މުންދު "މިހާރު" އަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ގޮވާލުންތައް އޭނާ އަޑު އެއްސެވި ކަމަށާއި އެކަމަކު ދިވެހި އެމްބަސީން ތަންފީޒު ކުރަންޖެހޭ ކަމެއްގެ ވާހަކަ މުޒާހަރާގެ ބައިވެރިން ގޮވާލާފައި ނުވާ ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރަން ގޮވާލި ނަމަ، އެކަމާ ވަރަށް ބޮޑަށް ވިސްނަވަން ޖެހިވަޑައިގަތީސް ކަމަށް މުންދު ވިދާޅުވި އެވެ. އެއީ ނަޝީދަކީ މިވަގުތު ލަންކާގައި ދިރިއުޅުއްވާ ބޭފުޅަކަށްވެފައި، އެމަނިކުފާނު ތަންފީޒު ކުރައްވަން ޖެހޭ ހުކުމެއް އޮތީމާ ކަމަށް މުންދު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް ވަނީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެއްވުމުގައި ބައިވެރިވި މީހުންގެ އަދަދު މަދު ކަމަށް ވިދާޅުވެ އެކަމަށް މުންދު ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ވެސް މުޒާހަރާއިން ނުފެނުނު ކަމަށެވެ. ލަންކާގައި 10،000 އަށްވުރެ ގިނަ ދިވެހިން އުޅޭއިރު "ތަންފުކެއްގައި" މީހުން ތިބެ މުޒާހަރާކުރުމުން، އެމްޑީޕީގެ ތާއީދު ނެތް ކަން ހާމަކޮށްދޭ ކަމަށް ސަފީރު ވިދާޅުވި އެވެ.

"މުޒާހަރާގައި ބައިވެރިވުމަށް ރޭ ލަންކާ އަށް ފްލައިޓުގައި އައި 16 މީހަކު. މި މުޒާހަރާ އިން އެމީހުންގެ އޮއްޓަރެއް ނެތް ކަން ހާމަވެގެން ހިނގައްޖެ،" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ޕީޕީއެމުން ލަންކާގައި މާ ގިނަ މީހުންނާއެކު ހަރަކާތްތައް ބާއްވަ އެވެ. އަދި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ލަންކާ އިން ރައީސް ޔާމީނަށް މެޖޯރިޓީ ހޯއްދަވައި ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ދިވެހި އެމްބަސީއަކީ ދިވެހިންގެ ތަނަކަށްވާއިރު، އެތަނަށް ހިދުމަތް ހޯދަން އަންނަ މީހުންނާ މެދު ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވި މީހުން ބޭނުންވާ ހިދުމަތެއް އެމްބަސީ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހު 1 ގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ލަންކާގައި މުޒާހަރާ ކުރިއިރު އެ އަމުރު ނެރުނު ފަހުން މާލޭގައި އަންނަނީ ކޮންމެ ރެޔަކު ވެސް މުޒާހަރާކުރަމުންނެވެ.