Roadha Mihaaru
"އެމެރިކާ ކޯލީޝަނުން ވަނީ ރައްގާ ޗާޓުން ފުހެލާފައި"

އެމެރިކާ ކޯލީޝަނުން ވަނީ ރައްގާ ޗާޓުން ފުހެލާފައި: ރަޝިޔާ

23 އޮކްޓޯބަރ 2017

މޮސްކޯ (އޮކްޓޯބަރު 23) - އެމެރިކާ ކޯލީޝަނުން ވަނީ ސީރިއާގެ ރައްގާ ސިޓީ ދުނިޔޭގެ ޗާޓުން ފުހެލާފައި ކަމަށް ރަޝިޔާ އިން ތުހުމަތުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (އޮކްޓޯބަރު 23) - އެމެރިކާ ކޯލީޝަނުން ވަނީ ސީރިއާގެ ރައްގާ ސިޓީ ދުނިޔޭގެ ޗާޓުން ފުހެލާފައި ކަމަށް ރަޝިޔާ އިން ތުހުމަތުކޮށްފި އެވެ.

އެމެރިކާ ސިފައިންގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން މިދިޔަ ހަފުތާގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ރައްގާ ހިފައިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ރައްގާގެ ބޮޑުބައި ވަނީ ބިމާ ހަމަވެފަ އެވެ. ރައްގާ އަށް ދީފައިވާ ގެއްލުންތައް ރަޝިޔާ އިން ސިފަކޮށްފައި ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގެ ޑްރެސްޑެން އަށް ދިން ގެއްލުމާ އެއް ދަރަޖައެއްގަ އެވެ.

އެމެރިކާ ކޯލީޝަނުން ބުނެފައި ވަނީ އައިއެސް ބަލި ކުރުމުގައި އެންމެ ބޮޑު ސަމާލު ކަމެއް ދީފައި ވަނީ ގެއްލުން ވީހާ ވެސް ކުޑަ ކުރުމަށް ކަމަށެވެ. ހަނގުރާމައިގެ ކުށްތައް ތަހުގީގު ކުރާ އދ.ގެ އިންވެސްޓިގޭޓަރަކު ޖޫން މަހު ބުނެފައި ވަނީ ރައްގާގައި އާއްމުންގެ އެތައް ބަޔަކު މަރުވަމުންދާ ކަމަށެވެ. ސީރިއާގެ އެކްޓިވިސްޓުން ބުނެފައި ވަނީ އެސްޑީއެފަށް އެހީވުމަށް އެމެރިކާ ކޯލީޝަނުން ދިން ވައިގެ ހަމަލާތަކުގައި 1،130-1،873 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭން ގިނައީ އާއްމުންނެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ބުނީ ރައްގާ އަށް މާލީ އެހީ ދިނުމަށް ހުޅަނގުން މިހާރު އަވަސްވެގަނެގެން އުޅެނީ އެ ސިޓީ އަށް ދީފައިވާ ގެއްލުންތައް ފޮރުވުމަށް ކަމަށެވެ.