Roadha Mihaaru
ނުނިދެންޏާ މިކަމުގެ އަޖުމަ ބަލައިލަމާ

ނުނިދެންޏާ މިކަމުގެ އަޖުމަ ބަލައިލަމާ

25 އޮކްޓޯބަރ 2017

ނިދަން އޮށޯވެ ނުނިދިފައި އޮންނަން ހެއްޔެވެ؟ އެހެން އޮންނަން ޖެހޭ މީހުން އަޖުމަ ބަލައިލަން ރަނގަޅު ކަމެއް އެބައޮތެވެ. ތަޖުރިބާކާރުން ބުނަނީ ތިރީގައި މިވާ ބްރީތިން ޓެކްނިކް ބޭނުންކުރުމުން ވަރަށް ފަސޭހައިން، ހަމަ މިނެޓެއްހާއިރު ތެރޭ ނިދާލެވިދާނެ ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ނިދަން އޮށޯވެ ނުނިދިފައި އޮންނަން ހެއްޔެވެ؟ އެހެން އޮންނަން ޖެހޭ މީހުން އަޖުމަ ބަލައިލަން ރަނގަޅު ކަމެއް އެބައޮތެވެ. ތަޖުރިބާކާރުން ބުނަނީ ތިރީގައި މިވާ ބްރީތިން ޓެކްނިކް ބޭނުންކުރުމުން ވަރަށް ފަސޭހައިން، ހަމަ މިނެޓެއްހާއިރު ތެރޭ ނިދާލެވިދާނެ ކަމަށެވެ.

މެންޗެސްޓާ އިވްނިން ނިއުސްގައި ބުނާ ގޮތުން މިއަށް ކިޔަނީ "8-7-4" މެތަޑެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ހާވާޑުން ތަމްރީނު ހޯދާފައި ވަނީ މެޑިކަލް ޑޮކްޓަރު ޑރ. އެންޑްރޫ ވީލް އާއި މަޝްހޫރު ވެލްނަސް ބްލޮގަރުން ވެސް މި މެތަޑް ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ.

1. ދުލުގެ ކުރި، މަތީ ދަތްޕިލައިގެ މެދު ދަތުގެ އަޑީގައިވާ ޓިޝޫ ފަށަލައިގައި ޖައްސައި ބާރު ކޮށްލާށެވެ.

2. އަނގައިން ބޭރަށް ނޭވާ ދޫކުރާށެވެ. އެއްޗަކަށް ވަރަށް ބާރަށް ފުމެލާއިރު ހަދާ ގޮތަށް ވަރަށް ބާރަށެވެ.

3. އަނގަ ލައްޕާލާފައި ނޭފަތުން މަޑުމަޑުން އެތެރެއަށް ނޭވާލާށެވެ. ހަތަރަކާ ހަމައަށް ހިތުން ގުނޭހާއިރު ވަންދެންނެވެ.

4. ދެން އެތެރެއަށް ލީ ނޭވާ ހިފަހައްޓާލާފައި ހަތަކާ ހަމައަށް ހިތުން ގުނާށެވެ.

5. އަނގައިން ނޭވާ ބޭރަށް ދޫކޮށްލާށެވެ. ވޫޝް ކަހަލަ އަޑެއް ނުކުންނަ ގޮތަށް އަށަކާ ހަމައަށް ހިތުން ގުނަމުންނެވެ.

އޭރުން އެއް ބުރު ފުރިހަމަވީ އެވެ. އަނެއްކާވެސް އަލުން ފަށާށެވެ. ދޫ ގެންގޮސް، މެދުގައި އިން ދަތުގެ މަތިން އަޑީބައިގެ ހިރުގަނޑުގައި ޖައްސައި އޮއްބާލާފައި ހިފަހައްޓާލާށެވެ. އަދި ކުރިން ހެދި ގޮތަށް ތިން ފަހަރު ނުވަތަ އެއަށް ވުރެ ގިނަ ފަހަރު މި ހުރިހާ ކަސްރަތެއް ތަކުރާރުކޮށް ކުރާށެވެ.

މި ކަސްރަތު ފަރުމާކޮށްފައި ވަނީ ކަސްރަތު ކުރާ މީހާގެ ހަށިގަނޑުގައިވާ ސްޓްރެސްތައް ފިލުވާލައި ރިލެކްސް ވާނެ ގޮތަށެވެ. ލޭގައި ދައުރުވާ އޮކްސިޖަން އިތުރުކޮށްދީ ހާޓް ރޭޓް މަޑުމަޑުން ދަށްވާން ފަށާނެ އެވެ. އަދި ފުއްޕާމެއިން ކާބަން ޑައިއޮކްސައިޑް ބޭރުވާލެއް ވެސް އިތުރުވެގެން ދާނެ އެވެ.

މިއީ 60 ސިކުންތުގެ ތެރޭގައި ނިދޭނެ ކަމުގެ ގެރެންޓީ ލިބޭ މެތަޑެއް ކަމަށް ގަބޫލުކުރާ ސިއްހީ މާހިރުންނާއި މިކަން ގަބޫލު ނުކުރާ މީހުންގެ މެދުގައި މިއީ ވަރަށް ބޮޑަށް ބަހުސް ކުރެވޭ މައުލޫއެކެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ އެ ބޭފުޅުން މި މެތަޑް އަޖުމަ ބެލި ކަމަށާއި އެކަމަކު ނުނިދޭ ކަމަށެވެ. އެހެންނަމަވެސް ހަށިގަނޑު ރިލެކްސްވެ ސްޓްރެސް ފިލާ ކަމަށްވެ އެވެ.