Roadha Mihaaru
މާ ގިނައިން ނިދައިގެން ވެސް ނުރައްކާ

މާ ގިނައިން ނިދައިގެން ވެސް ނުރައްކާ

09 އޯގަސްޓް 2018

ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ރޭގަނޑު އެންމެ މަދުވެގެން ވެސް 8 ގަޑިއިރު ނިދަން ޖެހޭކަމީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. އެކަމަކު އެއަށް ވުރެ ގިނައިން ނިދާ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ރޭގަނޑު އެންމެ މަދުވެގެން ވެސް 8 ގަޑިއިރު ނިދަން ޖެހޭކަމީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. އެކަމަކު އެއަށް ވުރެ ގިނައިން ނިދާ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ފަހުގެ ދިރާސާއެއްގައި ބުނި ގޮތުގައި ރޭގަނޑު 8 ގަޑިއިރަށް ވުރެ ގިނައިން ނިދުމަކީ ސިއްހީ އެކި މައްސަލަތަކާ ހެދި މީހާ އަވަހަށް މަރުވުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. އެގޮތުން، ނޭވާލާ ނިޒާމަށް މައްސަލަތައް ޖެހި، ހިތުގެ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ކީލް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުންޏެވެ.

އެމެރިކާން ހާޓް އެސޯސިއޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި 10 ގަޑިއިރު ނިދާ ނަމަ، އެ މީހަކަށް ދިމާވާ ސިއްހީ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު 30 ޕަސަންޓަށް އިތުރުވެ އެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ރޭގަނޑުގެ ނިދި 7 ނުވަތަ ގިނަވެގެން 8 އިރަށް ވުރެ އިތުރު ނުކުރުން ކަމަށް ބުންޏެވެ.

ދިރާސާގައި ފާހަގަކުރި ގޮތުގައި ނިދަން ކަނޑައެޅިފައި އޮންނަ މިންވަރަށް ވުރެ އިތުރަށް ނިދާ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު 56 ޕަސެންޓަށް އޮވެ އެވެ. ހިތުގެ ތަފާތު އެހެން މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 49 ޕަސެންޓަށް އެބަ އޮތެވެ.

މީހަކު ނިދަނީ: މާ ގިނައިން ނިދާ ނަމަ ހިތުގެ މައްސަލަތައް ކުރިމަތި ވާނެ.

މީހަކު ނިދަނީ: މާ ގިނައިން ނިދާ ނަމަ ހިތުގެ މައްސަލަތައް ކުރިމަތި ވާނެ.

ހަމަމިއާ އެކު އެކަށީގެންވާ ވަރަށް ނުނިދުމަކީ ވެސް ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ރޭގަނޑުގެ ނިދި ހަމަނުކުރާ ނަމަ ކޮރޮނަސީ ހާޓް ޑިޒީޒެސް (ސީއެޗްޑީ) ގެ މައްސަލަތައް ކުރިމަތިވާނެ ކަމަށް ދިރާސާގައި ބުންޏެވެ. ގްލެސްގޯ ޔުނިވަސިޓީން ދާދި ފަހުން ހެދި ދިރާސާއެއްގައި ބުނި ގޮތުގައި ބަރާބަރު ނިދި ނުލިބުމަކީ ނަފުސާނީ މައްސަލައަކަށް ވެސް މަގުފަހިވާނެ ކަމެކެވެ.

ދިރާސާ ޓީމްގައި ހިމެނޭ ޑރ. ޗުން ޝުން ކެވޮކް ވިދާޅު ގޮތުގައި އެ މީހުންގެ ދިރާސާ އިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ މާ ގިނައިރު ނިދުމާއި ހިތުގެ މައްސަލަތަކާ ވަރަށް ވެސް ގުޅުން ބޮޑު ކަމެވެ.

"އެހެންވެ އެކަން ކޮންޓްރޯލް ކުރުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.