Roadha Mihaaru
މަޑުއްވަރީން ހޮވަން ޖެހޭނީ ތަރައްގީގެ ފިކުރު: ރައީސް

މަޑުއްވަރީ ދާއިރާގެ ގޮނޑި އަށް ހޮވަން ޖެހޭނީ ތަރައްގީގެ ފިކުރުގެ މެމްބަރެއް: ރައީސް ޔާމީން

24 އޮކްޓޯބަރ 2017

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރާނެ މެމްބަރަކު ހޮވަން ވަރަށް އަވަހަށް ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށާއި އެ އިންތިހާބުގައި އެ ދާއިރާ އަށް ހޮވަން ޖެހޭނީ ތަރައްގީގެ ފިކުރުގެ މެމްބަރެއް ކަަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރާނެ މެމްބަރަކު ހޮވަން ވަރަށް އަވަހަށް ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށާއި އެ އިންތިހާބުގައި އެ ދާއިރާ އަށް ހޮވަން ޖެހޭނީ ތަރައްގީގެ ފިކުރުގެ މެމްބަރެއް ކަަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް އެދިވަޑައިގަތީ، ރ. މަޑުއްވަރީގެ ނަރުދަމާގެ ޚިދުމަތް ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މަޑުއްވަރީ ދާއިރާ ތަމްސީލްކުރައްވާ މުހައްމަދު އަމީތު މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ޕީޕީއެމުން އެދިގެން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޑުއްވަރީ އަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ މަޖިލީހަށް އެ ދާއިރާ އިން ވެސް ހޮވަން ޖެހޭނީ ތަރައްގީގައި ހިއްސާވާނެ މެމްބަރެއް ކަމަށެވެ. އެ ދާއިރާ އަށް ކޮށްދޭން ހުރި ކަންކަން ކުރަން ސަރުކާރަށް ފަސޭހަވާނީ އޭރުން ކަމަށް ވިދާޅުވި އެވެ.

"މި ދާއިރާގެ ގޮނޑި މިވަނީ ހުސްވެފައި. ސަރުކާރަށް ފަސޭހަވެގެންދާނެ ރައްޔިތުންގެ އުއްމީދުތަކާ އެކީ ތަރައްގީ ވިސްނުމާއި ފިކުރުގައި މަސައްކަތް ކުރާނެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ތިޔަ ބޭފުޅުންގެ ފަރާތުން ދައްކަވައިފިއްޔާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ދައްކާ މަންދޫބަކީ ސަރުކާރާ އެކު މަސައްކަތް ކުރައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅަކަށް ވާންޖެހެ އެވެ. އަދި އެ ބޭފުޅަކީ ރައްޔިތުންނަށްޓަކައި ކުރަން މަޖިލީހަށް ހުށަހަޅާ ކަންކަމަށް ވޯޓު ދެވޭނެ ވަރުގެ ވިސްނުމާއި ގާބިލްކަން ހުރި ބޭފުޅަކަށް ވެސް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ ކަންކަމަށް ފުރަގަސްދެއްވާފައި، ބަޖެޓަށް ވޯޓު ނުދެއްވާނެ މެމްބަރަކު މަޑުއްވަރީ ދާއިރާ އިން ދައްކައިފި ނަމަ ތަރައްގީގެ ކަންކަމުގައި ސަރުކާރަށް އުނދަގޫވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެހެންވެ މަޑުއްވަރީ ދާއިރާ އަށް ލިބުނު މި ބޮޑު ދެ ހަދިޔާ، މި ބޮޑު ދެ ނިއުމަތަށް ޝުކުރު ކުރައްވާއިރު، އެ ޝުކުރުގައި އަޅުގަނޑުމެން ބައިވެރިވެ އަދި ތިޔަބޭފުޅުންގެ އުފަލުގައި އަޅުގަނޑުމެން ބައިވެރިވާއިރު އަޅުގަނޑުމެން ދަންނަވާނީ މިކަހަލަ ކަންކަމާ މެދު ވިސްނަވަން އެބަޖެހެއޭ،" ރައީސް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަނުން ތައްޔާރުވަމުން އައި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ގޮނޑި ހުސް ނުވާ ކަމަށެވެ. ބައި އިލެކްޝަނެއް ބާއްވައިފި ނަމަ އެއީ ގާނޫނުއަސާސީއާ ޚިލާފަށް ބާއްވާ އިންތިހާބެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.