Roadha Mihaaru
"ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅާނަން"

ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅާނަން: ރައީސް

24 އޮކްޓޯބަރ 2017

ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެ އެއާޕޯޓު އެޅޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެ އެއާޕޯޓު އެޅޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޓޫރިޒަމް ސިނާއަތް އެންމެ ބޮޑަށް ފެތުރިފައިވަނީ ރ. އަތޮޅުގައި ކަމަށެވެ. ޓޫރިޒަމްގެ ސިނާއަތް ރާއްޖެއަށް ފެތުރުމުގެ ބޭނުމަކީ ދައުލަތަށް އާމްދަނީ ހޯދުމުގެ އިތުރުން ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުން ކަމަށް ވިދާޅުވި އެވެ.

"ޝައްކު ނުކުރައްވާތި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އަތޮޅުގެ ތަރައްގީ އާއި އާބާދީ އާއި އަތޮޅުގައި ހުރި ވަސީލަތްތަކަށް ބަލާ ކަމަށްވާނަމަ، މި އަތޮޅަކީ ބައިނަލްއަގުވާމީ އެއާޕޯޓެއް ހައްގު އަތޮޅެއް. އެހެންވީމަ އެ އެއާޕޯޓަކީ ގާއިމުވެގެންދާނެ އެއާޕޯޓެއް،" ރައީސް ވިދާޅުވި އެވެ.

ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއްގެ އިތުރުން ނ. މާފަރުގައި ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ސަރުކާރުގެ ބަޖެޓުން ކުރާ ކަމެއް ނޫން ކަމަށާއި ބޭރުގެ ދީލަތި ފަރާތެއްގެ އެހީއާއެކު އަޅާނެ އެއާޕޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން (މ) ބައިވެރިވެޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން (މ) ބައިވެރިވެޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

"ނ. މާފަރުގައި އެއާޕޯޓު އެޅުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި. އަޅުގަނޑުމެންނަށް ކަށަވަރުކަން އޮތީ މަސައްކަތް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެއާޕޯޓު ނިމޭނެ ކަމަށް، އެކަމަކީ ދެން އަނބުރާ ނުގެންދާ ވަރަށް ކަށަވަރުވެ ނިމިފައި އޮތް މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރ. އަތޮޅަށް އަންނަ ޓޫރިސްޓުން ކޮންމެހެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ އަތޮޅަށް އަންނާކަށް ނުޖެހެ އެވެ. ދިވެހިން އަބަދުވެސް އުންމީދު ކުރަންވާނީ ކުރިއަށް ކަމަށް މީދޫގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ވައުދުތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ފަޅު ގޮވާން ކުރުމާއި ގަރުދިޔަ ފެކްޓަރީ ހަދާ ވާހަކަ އާއި ދެ ރަށާއި ލެޕްޓޮޕަކުން ގައުމު ހިންގާ ވާހަކައަކީ މާޒީވެ ގޮސްފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އޭރު ގާއިމު ކުރަން މަސައްކަތް ކުރި ދަތުރުފަތުރުގެ ނިޒާމު ވެސް ފޭލްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަމުން ވެގެން ދިޔަ ހަމައެކަނި ކަމަކީ ދައުލަތުގެ މުއްސަނދިކަމުން އެންމެ ބޮޑު މުއްސަނދި ކަމެއް ހޯދައިދޭން ހުރި އެތައް ރަށަކާއި އެތައް ބިމެއް އެ ދާންވި ދިމާތަކަށް ގޮސް ނިމިއްޖެ. އޭގެ ބަދަލުގައި އެގްރީމަންޓުގައި ކުރަން އޮތް އެއްވެސް ކަމެއް އެބޭފުޅުން ކުރައްވާފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި އެއާޕޯޓާއި ށ. ފޮނަދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.