Roadha Mihaaru
ލީޑަރުން ކުޅި ބަލަން ތިބެގެން ކަމަކު ނުދާނެ: ރައީސް

ކުޅިބަލަން ތިބެގެން ކަމަކު ނުދާނެ، ފަސްގަނޑުގައި ހިދުމަތް ކުރޭ: ރައީސް

24 އޮކްޓޯބަރ 2017

ސިޔާސީ އިދިކޮޅު ލީޑަރުން ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންނަމަ، ކުޅި ބައްލަވަން ނުތިއްބަވާ "ފަސްގަނޑަށް" ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ދައުވަތު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ އިދިކޮޅު ލީޑަރުން ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންނަމަ، ކުޅި ބައްލަވަން ނުތިއްބަވާ "ފަސްގަނޑަށް" ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ދައުވަތު ދެއްވައިފި އެވެ.

ރ. ފައިނު ބަނދަރު ހުޅުވުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ހިޔާލުތަކާއި އުންމީދުތައް ފުރިހަމަކޮށްދެވޭ ބަޔަކަށް ލީޑަރުން ވާންވާނެ ކަމަށެވެ. އަދި އެމީހުންނަށް މަގު ދައްކައި، އެމީހުންގެ މަސައްކަތުގައި ކުރިއަށްދާނެ ލީޑަރުންތަކެއް ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގައި ހިނގާ ހުރިހާ މައްސަލަތަކުގައި ނަގާ "ރާޅު" ރާއްޖެއާ ހަމައަށް ވެސް އާދެ އެވެ. އެގޮތުން ސިޔާސީ ކަންކަމުގައި އާއި ބައިނަލްއަގުވާމީ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ބެހުމާއި އިސްލާމީ ވެއްޓަކަށް ކަމުނުދާ އެތައް ކަމެއް ފޯރަނީ ބިޔަ ރާޅުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު، އެކަންކަން ހައްލު ކުރުމުގެ ގާބިލްކަމާއި ކެރުންތެރިކަން ދިވެހިންގެ ހުންނަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ހައްލު ކުރެވޭނީ ސިޔާސީ ލީޑަރުން ރައްޔިތުންގެ މަސްލަހަތާއި ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކީއްކުރަންތޯ އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅެންވީ؟ ހަމަގައިމުވެސް އެތަންތަނަކުން ވޯޓު ލިބިގެން ރާއްޖޭގެ ރައީސް ކަމަކަށް ނާދެވޭނެ. ރާއްޖެއަށް ވަޑައިގެން ހިދުމަތް ކުރައްވައިގެން އަދި އެބޭފުޅުންގެ ހުރި ހަކަތަ ދައްކަވައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަންވީ،" ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ ވަޑައިގަންނަވަން ޖެހޭ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު އަޅުގަނޑުމެންނާއެކު ބައިވެރިވަން. ކުޅިބައްލަވަން ތިބެގެން އެއްގޮތަކަށް ވެސް ކަމަކު ނުދާނެ،"

ރައީސް ވިދާޅުވި ގޮތުގައި މާލޭގައި ތިއްބަވާތީ ބަނދަރުތައް ނުހެދޭ ކަމަށް އިދިކޮޅު ލީޑަރުންނަށް ހިޔާލު ކުރެވިދާނެ އެވެ. އެހެންވެ، ސަރުކާރުގެ ވެރިން ރަށްރަށަށް ކުރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިދިކޮޅު ލީޑަރުންނަށް ހުޅުވާލެވިފައިވާ ކަމަށާއި އެކަމަށް ދައުވަތު ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖު އެޅުމަށް މިހާރު ކުރާ ހަރަދަށްވުރެ ކުޑަކޮށް ކުރެވޭނަމަ، އެކަން ކިޔައިދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަން އުފަލާއެކު ސަރުކާރުން ބަލައިގަންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ ރައްޔިތުންގެ ފައިސާ. ދައުލަތުގެ ފައިސާ. ދައުލަތަށް ލިބޭ އެހީ. އެކަން ކަން ބޭނުން އެންމެ ރަނގަޅަށް ކުރަން. އެކަމަކު އެއިން ކަމެއްގެ ވިސްނުމެއް ނެތި، އެއިން ކަމަކަށް ހިޔާލެއް ދިނުމެއް ނެތި ކަންކަމަށް ފާޑު ވިދާޅުވުމަކީ އޭގެ ޒާތުގައި އެބޭފުޅުން އަމިއްލަފުޅަށް ހަވާސާ ވެވަޑައިގަންނަވަނީ ކަމަށް އިއުތިރާފް ވަނީ،" މަޖިލީހުގެ ބައެއް މެމްބަރުންނާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު، ހދ. ކުޅުދުއްފުއްޓަށް މާދަމާ ބަނދަރު ކުރާއިރު، "މަހާ ޖައްރާފު" ގެ ބޭނުން ތަންކޮޅެއް ކުރިން ހިފުނުނަމަ، ސަރުކާރުގެ ބަޖެޓުން ވަރަށް ބޮޑު ތަނެއް ލުއިވެގެން ދިޔައީހެވެ. އޭރުން އެ ފައިސާ ރައްޔިތުންގެ އެހެން އުންމީދުތައް ފުރިހަމަކޮށް ދޭން ހުރި ފައިސާއަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށް ފުރި ބާރުވެފައި އޮތް މައްސަލައަށް ސަރުކާރުން ހައްލު ހޯދާނެ ކަމަށެވެ. އަދި އަންނަ އަހަރު ފެށުމާއެކު، ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިނގަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ބިމުގެ މުއްސަނދިކަން ކުޑަވެގެން ކަންބޮޑުނުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ހަތަރު އަހަރު ނަގައިފި، (ޑްރެޖަރަށް) އެކަމަކު މިއީކީ އަޅުގަނޑުމެންނަށް ޗުއިންގަމް ޕެކެޓެއް ގަންނަހެން ފިހާރައަކަށް ވަދެ ޝެލްފުން ގަނެވޭ އެއްޗެއް ނޫން. މިއަށް ފައިސާ ބަހައްޓާފައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގައިފި ބަންނަން ވެސް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑްރެޖަރު ގެނައީމަ، މިއީ ތަރައްގީތޯ ބަޔަކު ސުވާލު ކުރާނެ އެވެ. ޑްރެޖަރު ބޭނުންކޮށްގެން ބިން ބޮޑު ކުރެވިއްޖެނަމަ، އެ ބިމުގެ ފަސޭހަކަން ލިބޭ ބަޔަކަށް އެއީ ތަރައްގީ އައުން ކަން ގަބޫލު ކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.