Roadha Mihaaru
ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!

ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!

07 ސެޕްޓެމްބަރ 2018

މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫތަކުގެ ފަހަތުގައި ވަނީ ހިޔާނާތްކަމަށް ވިދާޅުވެ އެ ޕްރޮޖެކްޓްތަކަށް މިސާލުބަހުން ނަން ދެއްވައި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވާހަކަ ދައްކަވައިފި އެވެ.

އަހުމަދު ސާއިލް އަލީ ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫތަކުގެ ފަހަތުގައި ވަނީ ހިޔާނާތްކަމަށް ވިދާޅުވެ އެ ޕްރޮޖެކްޓްތަކަށް މިސާލުބަހުން ނަން ދެއްވައި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވާހަކަ ދައްކަވައިފި އެވެ.

ދިއްދޫގައި ކޯލިޝަނުން ބޭއްވި ހާއްސަ ޖަލްސާގެ އޯޑިއަންސް ހެއްވާލަމުން ވާހަކަ ދެއްކެވި ޝާހިދު ވިދާޅުވީ ސަރުކާރުން ހިންގާފައިވާ މަޝްރޫތަކުގެ ތަފްސީލް ހިމެނޭ ގޮތަށް މި ސަރުކާރުން ނެރެފައިވާ "ރަށްވެހި ތަރައްގީ" ފޮތް ދިރާސާ ކުރުމުން އެނގިވަޑައިގަތް އެއްޗަކީ ސަރުކާރުން އަމަލު ކުރަނީ "ކާޅު ހާއްޔަށް ކޮވެލި ބިސް އަޅާ" އުސޫލުން ކަމަށެވެ. އެގޮތުން ސަރުކާރުން ހުޅުވަމުން ދަނީ އެމްޑީޕީން ނިންމާފައިވާ މަޝްރޫތައް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޝާހިދު ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޝާހިދު ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

މި ސަރުކާރަށް ކުރަން ޖެހުނު ކަމަކީ އެމްޑީޕީގެ ވެރިކަމުގައި އެޅި ފްލެޓްތައް ބެހުން ކަމަށް ވާއިރު އެކަން ވެސް އިންސާފުން ނުކުރެވުނު ކަމަށް، ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އެންމެ ފަހުން އިމާރާތްކުރި ފްލެޓްތައް ބެހި ގޮތަށް އިޝާރަތްކުރައްވަމުން، ޝާހިދު ވިދާޅުވި އެވެ.

"މި ސަރުކާރަށް އެ ފްލެޓްތައް ބަހާލަން ވެސް ނޭނގުނޭ. ބޮޑުތަނުން މަކަރު ހަދައިގެން އޭގައި އޮޅުންބޮޅުން އަރައިގެން ގޮސް ހަރާބުވީ،" ޝާހިދު ވިދާޅުވި އެވެ.

"ކޮވެއްޔެއް ވިއްޔާ ކާޅު ހާއްޔަށް ބިސް އަޅާލަން ކެރޭތާ. މިވަރު ވެސް މި ބޭފުޅުންނަށް ނުވި."

ގިނަ ރަށްރަށުގައި ސަރުކާރުން ފަށާފައިވާ އެކި ޕްރޮޖެކްޓްތައް ހުއްޓި އެތަންތަން ވީރާނާވާން ދޫކޮށްލާފައިވާ ކަން ފާހަގަކުރައްވައި ޝާހިދު ވަނީ އެއީ "ފީ ކުކުޅު ގޮނޑު ހާވާ ގޮތަށް" ކަންކުރުން ކަމަށް ވިދާޅުވެފަ އެވެ.

"އުލިގަމަށް ދިޔައިމާ ފެނުނު އިންޖީނުގެ އަޅަން 4.4 މިލިއަން ރުފިޔާ ހަރަދުވެ އެއްކަލަ [ރަށްވެހި ތަރައްގީ] ފޮތުގައި އޮތީ ނިމިފައޭ. އެކަމަކު އަޅުގަނޑުމެން ދެ ލޮލަށް ފެނުނޭ. އެ ރަށުގައި އުޅުއްވާ ބޭފުޅުންނަށް ފެނިވަޑައިގަންނަވައޭ ވަލު ތެރޭގައި ވީރާނާވެފައި ހުރި ތަނެއް ހެން [އިންޖީނުގެ]."

މި ސަރުކާރުން ހިންގާފައިވާ ބައެއް ޕްރޮޖެކްޓްތަކަކީ "ފަލަމަޑީގެ ބާވަތްތައް" ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެގޮތުން އިހަވަންދިއްޕޮޅުގައި ސަރުކާރުން ހިންގާނެ ކަމަށް އިއުލާންކުރި އައިހަވަން ފަދަ މަޝްރޫތައް ބިމުން މަތިން ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

"ތިޔަ އައިހަވަންއެއް ހެދިއްޔާ ހެދީ ބިމު އަޑިއަށް. އަޅުގަނޑުމެންނަކަށް އެތަނެއް ނެތް ފެންނާކަށް. އަޑިއަށް ތިޔަ އެއްޗެއް ފައިބާފައި ހުރި ވަރަކަށް އެބަހުރި ފައިބާފައި. އަޅުގަނޑުމެން މުޅި ގައްލަންދޫގައި ދަތުރުކޮށްފައި މިއައީ އޭގެން ހިސާބަކުން ކުލަވަރު ވެސް އަދިއެއް ނުފެނޭ."

ޕްރޮޖެކްޓްތައް ބޮޑު އަގުގައި ހިންގައި "ކަޓް" ނަގާކަމަށް ތުހުމަތުކުރައްވައި އެއީ "އަންބޮނޑިއަށް ކަހާލުން" ކަމަށް ވިދާޅުވި އެވެ. އެއީ މި ސަރުކާރުން ތަރައްގީގެ ސިޔާސަތުތައް ހިންގަން ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މިސާލް ދައްކަވަމުން ޝާހިދު ވިދާޅުވީ ސިނަމާލެ ބްރިޖް ޕްރޮޖެކްޓަކީ 140 މިލިއަން ޑޮލަަރަށް ވާން އޮތް ކަމެކެވެ. ނަމަވެސް ސަރުކާރުން އެކަން ކޮށްފައިވަނީ 300 މިލިއަން ޑޮލަރަށް ކަމަށް ވިދާޅުވި އެވެ.

ޝާހިދު އެގޮތަށް ވިދާޅުވިޔަސް 300 މިލިއަން ޑޮލަރު ހޭދަވި ކަމަށް ސަރުކާރުން ބުނެފައެއް ނުވެ އެވެ. ސަރުކާރުން ބުނަމުން އަންނަނީ 200-210 މިލިއަން ޑޮލަރުގެ އަގެކެވެ.

އައިޖީއެމްއެޗްގައި 25 ބްރީގެ އިމާރާތް ކުރަމުންދާއިރު ފުރަތަމަ އާންމުކުރި ކުރެހުމުގައި ދެ އިމާރާތް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަނެއް އިމާރާތް ކަހާލާފައި ގެނެސް އަންބޮޑިއަށް. ދިޔަ ނުދިޔަ ތަނެއް ނޭނގުނު. ހަމަ ސަހަރޯ ހީކޮށް ނުލައޭ. ދެން ކުރެހުމަށް އެކަނި 25 މިލިއަން ޑޮލަރު. ބަލަ ފަންސޫރަކުންތާ ކުރަހާފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ ތަރައްގީއަކަށް ޖުމްލަ ނަމަކަށް ކިޔެން އޮތީ "ދަންމަޅި" ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖެ މިދަނީ ވަރަށް ބޮޑަށް ދަރަމުން ކަމަށެވެ.