Roadha Mihaaru
ސިވިލްސާވިސް އިސްމުވައްޒަފުން ޑިޕްލޮމާއަށް ކިޔަވަންޖެހޭނެ

ސިވިލް ސާވިސްގެ އިސް މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ޖެހޭ ގޮތަށް ހަދައިފި

25 އޮކްޓޯބަރ 2017

ސިވިލް ސާވިސްގެ މެދުފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ ހުރިހާ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަންޖެހޭ ގޮތަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އުސޫލެއް އާންމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިވިލް ސާވިސްގެ މެދުފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ ހުރިހާ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަންޖެހޭ ގޮތަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އުސޫލެއް އާންމުކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މެދު ފަންތީގެ މެނޭޖްމަންޓް ދާއިރާގެ މުވައްޒަފުންނާއި ސީނިއާ ސިވިލް ސާވިސް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒަފުން، ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް 2019 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ.

ސިވިލް ސާވިސް އިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް "ސިވިލް ސާވިސް އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން، ސިވިލް ސާވިސްގެ އިސް މުވައްޒަފުންނަކީ ވަކި ފެންވަރަކަށް ތަމްރީނުވެފައިވާ ބައެއް ކަމަށް ކަނޑައެޅުމުގެ ސިޔާސަތު"ގެ ނަމުގައި އެކުލަވާފައިވާ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

އެ އުސޫލުގައި ބުނެފައިވަނީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ޖެހޭނީ އެމްއެސް 3 ރޭންކް ނުވަަތަ އެ ފެންވަރުގައި ދަރަޖަކުރާ މަގާމުތަކާއި އެއަށް ވުރެ މަތީ ރޭންކުތަކުގައި ތިބި މުވައްޒަފުން ކަމަށެވެ.

އޭގައި ބުނެފައިވާ ގޮތުގައި ތަމްރީނުވުމަށް ލާޒިމުކުރާ ފަރާތްތަކުގެ ތެރެއިން ތަމްރީނުވުމަށް އުޒުރުވެރިވާ 55 އަހަރުން މަތީގެ މުވައްޒަފުންނަށް ވަނީ ވަޒީފާ އިން ރިޓާޔާވުމުގެ ފުރުސަތު ދީފަ އެެވެ.

"ސިވިލް ސާވިސްގެ ވަޒީފާ އިން މުސްކުޅިވާން އެދޭ ނަމަ، މި ސިޔާސަތަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި (31 ޖެނުއަރީ 2018 އަށް) ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގައިވާގޮތުގެ މަތިން، 55 އަހަރުވުމުން އަމިއްލަ އަށް އެދިގެން ސިިވިލް ސާވިސްގެ ވަޒީފާ އިން މުސްކުޅިކޮށް ވަކިކުރުމަށް އެދި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާ އަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަމުގައި ވެސް ދެންނެވީމެވެ،" އެ އުސޫލުގައި ބުނެފައި ވެ އެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ޑިޕްލޮމާ ފެންވަރަށް ތަމްރީނުވާން ޖެހޭނީ ހިންގުމުގެ ދާއިރާއާ ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުންނެވެ.

ވަކި ރޭންކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ސީއެސްސީން އުސޫލެއް ހެދިއިރު، ރަސްމީ ގަޑީގައި އަމިއްލަ ކަންކަމުގައި ބޭރުގައި އުޅޭ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިން ކަނޑަން ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ސިވިލް ސާވެންޓުގެ ގޮތުގައި 24،516 މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރެ އެވެ.