Roadha Mihaaru
ޓްރިންކޮމަލީގައި ވެސް ލަންކާ އިން ބަނދަރެއް ހަދަނީ

ޓްރިންކޮމަލީގައި ވެސް ލަންކާ އިން ބަނދަރެއް ހަދަނީ

25 އޮކްޓޯބަރ 2017

ކެންޑީ (އޮކްޓޯބަރު 25) - ވެރިރަށް ކޮލަމްބޯ އާއި ހަމްބަންޓޯޓާގެ އިތުރުން ޓްރިންކޮމަލީގައި ވެސް ބަނދަރެއް ހެދުމަށް ނިންމާފައިވާ ކަމަށް ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކެންޑީ (އޮކްޓޯބަރު 25) - ވެރިރަށް ކޮލަމްބޯ އާއި ހަމްބަންޓޯޓާގެ އިތުރުން ޓްރިންކޮމަލީގައި ވެސް ބަނދަރެއް ހެދުމަށް ނިންމާފައިވާ ކަމަށް ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ކެންޑީ ސިންހަޅަ ޓްރޭޑާސް އެސޯސިއޭޝަނުގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކެންޑީގައި ވާހަކަ ދައްކަވަމުން ރަނިލް އިއްޔެ ވިދާޅުވީ ޓްރިންކޮމަލީގައި ބަނދަރު ހެދުމަށް އިންޑިއާ އާއި ސިންގަޕޫރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެ ދެ ގައުމާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ރަނިލް ވިދާޅުވީ ޓްރިންކޮމަލީ އޮންނަނީ ބޭ އޮފް ބެންގާލުގައި މުހިންމު ސަރަހައްދެއްގައި ކަމަށާއި ޓްރިންކޮމަލީ ބަނދަރު ހެދުމުން ލަންކާގެ އިގްތިސާދަށް އެކަމުގެ ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

ޗައިނާ، އިންޑިއާ އަދި ސިިންގަޕޫރުން ވެސް ތަރައްގީ ހޯދާފައި ވަނީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ކަމަށް އިޝާރާތް ކުރައްވާ ރަނިލް ވިދާޅުވީ ލަންކާ އިން ވެސް ބޭނުން ވަނީ އެ މަގުން ހިނގަން ކަމަށެވެ.

"ވިޔަފާރިތަކަށް އެހީވުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފައްދަން ލަންކާ އިން ބޭނުންވޭ. ލަންކާ މިހާރު އޮތީ އިގްތިސާދީ އާ ސިސްޓަމެއްގެ ތެރޭގައި. ހިލްޓަން އާއި މެރިއޮޓް ކަހަލަ ހޮޓާތައް ލަންކާ އަށް ބޭނުންވޭ. މިއަދު ގިނަ މީހުން ދަތުރު ކުރަނީ އޫބާ ބޭނުންކޮށްގެން،" ރަނިލް ވިދާޅުވި އެވެ.

ބޮޑު ވަޒީރު ރަނިލް ވިދާޅުވީ ކެންޑީއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ ތަރައްގީ ކުރަން ރަނގަޅު ތަނެއް ކަމަށާއި ސެންޓްރަލް އެކްސްޕްރެސް ނިމުމުން ކެންޑީގެ އެކްސްޕޯޓް ކަޓްނަޔަކަ އެއާޕޯޓަށް ގަޑިއެއްގެ އިރުތެރޭ ގެންދެވޭނެ ކަމަށެވެ.