Roadha Mihaaru
ފަސް އަހަރު ނިމޭއިރު 21 އެއާޕޯޓު އޮންނާނެ: ޒަމީރު

ފަސް އަހަރު ނިމޭއިރު 21 އެއާޕޯޓު އޮންނާނެ: ޒަމީރު

01 ނޮވެމްބަރ 2017

ކުރިއަށް އޮތް ފަސް އަހަރު ނިމޭ އިރު، ރާއްޖޭގައި 21 އެއާޕޯޓު އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް ފަސް އަހަރު ނިމޭ އިރު، ރާއްޖޭގައި 21 އެއާޕޯޓު އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ ފަސް އަހަރު ނިމޭއިރު، 1.2 ކިލޯމީޓަރު ރަންވޭގެ 15 އެއާޕޯޓާއި 1.8 ކިލޯ މީޓަރުގެ ރަންވޭގެ ހަ އެއާޕޯޓު އޮންނާނެ ކަމަށެވެ. ނަމަވެސް އެ އެއާޕޯޓުތަކުގެ ތަފްސީލެއް ޒަމީރު ނުދެއްވަ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި 1978 ގެ ކުރިން ރާއްޖޭގައި އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު އެކަންޏެވެ. އަދި 2013 ވަނަ އަހަރު ނިމެން ކައިރިވި އިރު، ބައެއް ރަށްރަށުގައި ރީޖަނަލް އެއާޕޯޓުތަކެއް ގާއިމުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިގްތިސާދީ ބަދަލުތަކެއް ގެންނެވި އިރު، ރަށްރަށުގައި އެއާޕޯޓުތައް ގާއިމުކުރުމަކީ މިހާރު ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވުމާ އެކު އެއާ ގުޅިގެންދާ އިތުރު އެއާޕޯޓުތަކެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުން އުޅޭ ކޮންމެ ރަށަކުން 30 މިނެޓުން (ދެވޭ) ސަރަހައްދެއްގައި އެއާޕޯޓެއް ބޭއްވުން އެއީ އެ މަނިކުފާނު (ރައީސް ޔާމީން) މިހާރު އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި އޮތް ގޮތަކީ. އެއާ އެއްގޮތަށް މަސައްކަތް މި ކުރަނީ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއް ބިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް ކޮންޓްރިބިއުޓް ކުރާނެ އެއް ދާއިރާއަކީ ޓޫރިޒަމް ދާއިރާ، މި ހުޅުވޭ އެއާޕޯޓުތަކާ އެކުގައި،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުން މިހާރު ރާއްޖެ އަންނަ 1.5 މިލިއަން ޓޫރިސްޓުންގެ ބަދަލުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 5-7 މިލިއަން ޓޫރިސްޓުން ގެނައުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ރައީސާ އެކު އޮތް ޓީމަކީ ހީވާގި ޓީމެއް ކަމަށާއި އެ ޓީމުގެ ބޭފުޅަކާ ހަވާލުކޮށްފައި އޮންނަ މަސައްކަތެއް ނުކުރާ ނަމަ، ރައީސްގެ އެޖެންޑާ ކުރިއަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އިގްތިސާދު ކުރިއަށް ގެންދިއުމަށާއި ބޮލަކަށް ޖެހޭ ނިސްބަތް އިތުރު ކުރުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އިންވެސްޓަރުންނަށް ފަސޭހަ ކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ޓޫރިޒަމާ ގުޅުން ހުރި ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަކަށް ކަންތައް ރޭވުމަކީ އެންމެ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް އޭވިއޭޝަން ދާއިރާއަކީ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދާއިރާއެއްކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް އެ ދާއިރާ އިން ލިބެން ހުރި ކަމަށެވެ. އަދި މިދިޔަ ހަފުތާގައި އައިލެންޑް އޭވިއޭޝަންގެ އިސް ވެރިންނާ މަޝްވަރާ ކުރެއްވި އިރު، އެންމެ ބޮޑު ގޮންޖެހުމަކީ ޕައިލެޓުންނާއި ފަންނުވެރި މީހުން ނުލިބިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ދިވެހިން އެ ދާއިރާތަކަށް ނެރުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް ހިންގަމުން އަންނައިރު، އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.