Roadha Mihaaru
ޗައިނާގެ ޓޫރިސްޓުން މަދުވާ މައްސަލާގައި މަޝްވަރާކޮށްފި

ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުން މަދުވާ މައްސަލާގައި މަޝްވަރާ ކުރައްވައިފި

11 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުން އަދަދު މަދުވަމުންދާ މައްސަލާގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒަންގް ލިޒޯންގްއާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުން އަދަދު މަދުވަމުންދާ މައްސަލާގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒަންގް ލިޒޯންގްއާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އެމްއެމްޕީއާރުސީން ކުރި ޓުވީޓެއްގައި ބުނީ ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މި ދުވަސްވަރު މަދުވުމުން ރާއްޖެ އަށް ކޮށްފާނެ އަސަރު ކުޑަކުރުމާ ބެހޭ ގޮތުން މިނިސްޓަރު ޒަމީރާއި ޗައިނާ ސަފީރު ޒަންގް ލިޒޯންގް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު މި މަޝްވަރާއާ ބެހޭ އެއްވެސް ތަފުސީލެއް ޓޫރިޒަމް މިނިސްޓްރީން ލިބޭ ގޮތެއް ނުވި އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، އޭގެ ފަހުން ޗައިނާއިން އަންނަ ޓޫރިސްޓުން އަދަދު މަދުވި މިންވަރެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާ ޓޫރިޒަމް މިނިސްޓަރު ބައްދަލުކުކުރެއްވިއިރު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން، އެ ގައުމުގެ ޓޫރިސްޓުން މިވަގުތު ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ޗައިނާ އިން ވަނީ އަންގައިފަ އެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް އެންގުމުން، ރިސޯޓުތަކާއި ގެސްޓް ހައުސް އަދި ސަފާރީތަކަށް އަންނަން ތިބި ގިނަ ބަޔަކު ދަނީ ބުކިންތައް ކެންސަލް ކުރަމުންނެވެ.