Roadha Mihaaru
އެކި ދާއިރާތަކުގެ މުސާރަ ބޮޑުކޮށްދިނިން: ސީއެސްސީ

އެކި ދާއިރާތަކުގެ މުސާރަ ވާނީ ބޮޑުކޮށްދީފައި: ސީއެސްސީ

06 ނޮވެމްބަރ 2017

ސިވިލް ސާވިސްގެ މުސާރަ ބޮޑުކޮށްނުދޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް ދައްކަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިވިލް ސާވިސްގެ މުސާރަ ބޮޑުކޮށްނުދޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް ދައްކަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އުނިވާ ގޮތަށް، ތަންފީޒުކުރަމުން އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި "މިހާރު"ން ޝާއިއުކުރި ރިޕޯޓަށް ރައްދުދީ، ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާ ކަމަށް ބުނުމަކީ ދޮގެއް ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސިވިލް ސާވިސްގެ ތަފާތު ފަންނީ ދާއިރާތަކުގެ އޮނިގަނޑުތައް ތައްޔާރުކޮށް މުސާރަ އާއި އެލަވަންސްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"މިގޮތުން ޓީޗަރުންނާއި ޑޮކްޓަރުންނާއި އިމިގްރޭޝަން އޮފިސަރުންނާއި މީޓިއޮރޮލޮޖިކަލް ސާވިސްގެ މުވައްޒަފުންނާއި ވަކީލުންނާއި އޭވިއޭޝަން ކޮމާންޑުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް ވަނީ ބޮޑުކޮށްދެވިފަ އެވެ. މިއީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދަށް ނިސްބަތްކުރާ އިރު 47 އިންސައްތަ އެވެ،" ސީއެސްސީން ބުންޏެވެ.

ކޮމިޝަނުން މިހެން ބުންޏަސް ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން ބައެއް ދައިރާތަކުގެ މުސާރަ ބޮޑުކުރި ނަމަވެސް ޖުމްލަކޮށް މުޅި ސިވިލް ސާވިސްގެ އެންމެންގެ މުސާރަ ބޮޑުކޮށްފައެއް ނުވެ އެވެ. އަދި މުވައްޒަފުންގެ މުސާރަ ކުޑަވުމަކީ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

Mi muvazzafunnah "roalhi beylun", Insaafeh noon!

Mi muvazzafunnah "roalhi beylun", Insaafeh noon!

The most trusted news source in the Maldives

Mihaaru

ސިވިލް ސާވިސް އަށް ގެންނަ ބަދަލުތަކާއި މުވައްޒަފުންގެ ޝަކުވާތަކާ ގުޅޭގޮތުން މިހާރުން ޝާއިއުކުރި ރިޕޯޓް: މި ލިއުމުގައިވާ މުވައްޒަފުންގެ ކަންބޮޑުވުންތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ކޮމިޝަނުން ވަނީ ބަޔާނެއް ނެރެފައި.

ކޮމިޝަނުން ބުނި ގޮތުގައި އިތުރު ދާއިރާތަކުގެ ވެސް ފަންނީ އޮނިގަނޑު ތައްޔާރުކޮށް ތަންފީޒުކުރަން ކަމާ ބެހޭ ފަރާތްތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ހަމަ އެއާއެކު، ސިވިލް ސާވިސްގެ އިދާރީ އާއްމު އޮނިގަނޑުގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތައް ގެނައުމަށް ވެސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކަމުން، އެ މީހުންނަށް ކޮންމެ އަހަރަކު ވެސް ބޯނަސްއެއް ދޭން 2014 ވަނަ އަހަރު ސަރުކާރުން ނިންމި އެވެ. ބޯނަސް ދޭން 2014 އިން ފެށިގެން ދައުލަތުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެ ފައިސާ ދެވުނީ އެންމެ ފަހަރަކު އެވެ. މިއީ ވެސް މުވައްޒަފުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބޭ މައްސަލައަކަށް ވި ނަމަވެސް މިކަމާ ގުޅޭ ގޮތުން ކޮމިޝަނުގެ ބަޔާނުގައި އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުގައި ކޮމިޝަނަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދައި "މިހާރު"ން ލިއުނީ ވެސް ހަގީގަތާ ހިލާފަށް ކަމަށް ބުނެ ބަޔާނުގައި ކޮމިޝަނުން ވަނީ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"ދިވެހި ސިވިލް ސާވިސްގެ ކުރިއެރުމަށް މިހާރު ވެސް ކޮމިޝަނުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަން އަދި ކުރަމުންދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ ސިވިލް ސާވިސްގެ މަސައްކަތު ގަޑިއަށް ހެޔޮ ބަދަލު ގެނައުމުގެ އިތުރުން "ފްލެކްސީ އަވާސް" ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް ސީއެސްސީން ބުންޏެވެ.

މީގެ އިތުރުން، ސިވިލް ސާވިސްގެ މުވައްޒަފުން އަމިއްލަ އަށް މަތީ ތައުލީމް ހާސިލްކޮށް މަސައްކަތުގެ ހުނަރާއި ގާބިލްކަން އިތުރުކުރަން ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަން މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއް އެކުލަވާލައި ސްޓަޑީ ލޯން ސްކީމެއް ތައާރަފްކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް ތަމްރީން ދިނުމާއި ސިވިލް ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް އެކި ދާއިރާތަކުގެ މުވައްޒަފުންނަށް ތަމްރީން ދީ، އެކި ރަށްތަކުގައި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގަން ފެށުމަށް ވެސް ތައްޔާރުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ސަރުކާރުގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ.---މިހާރު ފައިލް ފޮޓޯ

ސަރުކާރުގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ.---މިހާރު ފައިލް ފޮޓޯ

"މިހާރު ނޫހުގައިވާ ލިއުމުގައި 'ސިވިލް ސާވިސް ހަރުދަނާކުރުމުގެ ނަމުގައި ޖަހާ މަޅިތަކުގެ ޝިކާރައަކަށް ހުރިހާ މުވައްޒަފުން ހެދުމަކީ ބޭއިންސާފެކެވެ.' ބަޔާންކުރައްވާ ފާޑުވިދާޅުވެފައި ވަނީ ވެސް ހަގީގަތާ ޚިލާފަށެވެ. ސިވިލް ސާވިސް ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އެއް ދުވަހުން އަނެއް ދުވަހަށް މި ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށެވެ،" ސީއެސްސީގެ ބަޔާނުގައިވެ އެވެ.

ސީއެސްސީން ބުނި ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ދަށްވެގެން ޑިޕްލޮމާ އޮންނަ ބައެއް ކަމަށް ހަދަން ނިންމީ ވެސް ސިވިލް ސާވިސްގެ ފެންވަރު މަތިކުރުމުގެ ގޮތުންނެވެ. އެ ކޮމިޝަނަކީ އައިއެސްއޯ 9001 ސެޓްފިކެޓް ލިބިފައިވާ ބައިނަލްއަގުވާމީ ފެންވަރަށް ފެތޭ ގޮތަށް ހިންގަމުންދާ ކޮމިޝަނެއް ކަން ފާހަގަކޮށްފައިވެ އެވެ.

ކޮމިޝަނުގެ މަސައްކަތް ވެބްސައިޓުގައި ހާމަކުރަމުން އަންނަ ކަމަށާއި ކޮންމެހެން ގުޅަން ޖެހޭ ހާލަތްތަކަށް ހޮޓްލައިނެއް ވެސް ގާއިމްކޮށްފައިވާ ކަމަށް ސީއެސްސީން ބުންޏެވެ. އެ ބަޔާން ނިންމާލީ، އެ ކޮމިޝަނުގެ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި މީޑިއާތަކުން ޒިންމާދާރުވެ، ތެދު ހަގީގަތް ހާމަކޮށްދޭން އިލްތިމާސްކުރަމުންނެވެ.