Roadha Mihaaru
ސިވިލް ސާވިސް އިދާރީ މުސާރަ ބޮޑުކުރަން ހުށަހަޅައިފި

ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ހުށަހަޅައިފި

27 ޑިސެމްބަރ 2020

ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާސްކޮށް، ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާސްކޮށް، ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ސިވިލް ސާވިސްގައި 24،514 މުވައްޒަފުން މަސައްކަތް ކުރާއިރު އެންމެ ގިނައީ އެޑްމިނިސްޓްރޭޝަން ދާއިރާގެ މުވައްޒަފުންނެވެ. ކޮމިޝަނުން ހުށަހެޅީ އެންމެ ދަށްވެގެން 30 ޕަސެންޓަށް މުސާރަ ބޮޑުކޮށްދޭށެވެ. އެއީ އަސާސީ މުސާރައިގެ ގާތްގަނޑަކަށް 4000-5000ރ. އާ ދެމެދުގެ ކުރިއެރުމެކެވެ.

ސީއެސްސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ހުށަހެޅީ އިދާރީ ހަތަރު ގުރޫޕެއްގެ މުސާރަ ބޮޑުކޮށްދޭށެވެ. އެއީ، ކްލެރިކަލް ސަޕޯޓް ވޯކާސް އާއި އެސޯސިއޭޓް ޕްރޮފެޝަނަލްސް އާއި ޕްރޮފެޝަނަލްސްގެ އިތުރުން ޑިރެކްޓާސް ގްރޫޕެވެ.

އޮފިޝަލް ވިދާޅުވީ، މި ހަތަރު ގްރޫޕްގެ ވެސް މަސްއޫލިއްޔަތާއި މަގާމުގެ ޝަރުތުތަކާއި މުސާރައިގެ އޮނިގަނޑު ނިންމައި ޕޭ ކޮމިޝަނަށް ވަނީ ފޮނުވައިފައި ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނުން ހުށަހެޅިޔަސް މި އޮނިގަނޑާ މެދު ގޮތް ނިންމާނީ ޕޭ ކޮމިޝަނުންނެވެ.

"އެކި ރޭންކްތަކްތަކަށް އެކި ވަރަށް މުސާރައިގެ އޮނިގަނޑު ފާސްކުރީ. އެކަމަކު ޕްރޮޕޯސްކުރި އޮނިގަނޑުގައި އެންމެ ދަށްވެގެން 30 ޕަސެންޓުގެ ކުރިއެރުމެއް ހުރިހާ ގްރޫޕަކުން ވެސް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. މުސާރަ ނިސްބަތުން ކުޑަވެފައި އެކި ދާއިރާތަކުގައި މުސާރައިގެ ބޮޑު ފަރަގެއް ހުރުމަކީ ވަރަށް ބޮޑު ޝަކުވާއެކެވެ. ސިވިލް ސާވަންޓުންގެ މުސާރަ އެއް ހަމައަކަށް ގެނެސް، މުސާރައިގެ ތަފާތުތައް ކުޑަކޮށް، މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމަހަމަ ކުރަންޖެހޭ ކަމަށާއި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވެސް މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ބުނެފަ އެވެ.

ސިވިލް ސާވަންޓުންގެ މުސާރަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2018ގެ ފެބްރުއަރީ މަހު އެވެ. އެގޮތުން، ޓެކްނިކަލް ކޯ އެލަވަންސްގެ ނަމުގައި މުސާރައިގެ އިތުރުން އެހެން އެލަވަންސެއް އޭރު ދިނެވެ. މި އެލަވަންސް ދިނީ ޓެކްނިކަލް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އެހީތެރިންގެ އިތުރުން ސަޕޯޓް ސާވިސް މުވައްޒަފުންނަށެވެ.

އެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 28 ޕަސެންޓް ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ލިބުނެވެ. މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައި ނަމަވެސް ކުރީގެ ސަރުކާރުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ. އޭގެ ނަތީޖާ އަކީ ގެ އަށް ގެންދާ މުސާރަ އަށް މާ ބޮޑު ތަފާތުތަކެއް ނައުމެވެ.