Roadha Mihaaru

އިންތިޚާބަކަށް ދެވޭނީ މިނިވަންކަން ޔަގީންވުމުން: މައުމޫން

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިޚާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބަށް ދެވޭނީ މިނިވަންކަން ޔަގީންވުމުން: މައުމޫން
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

09 ނޮވެމްބަރ 2017

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިޚާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބެއްގެ ވާހަކަ ދައްކާއިރު، އަންނަ އަހަރު ރިޔާސީ އިންތިޚާބު ބާއްވާނެތޯ އެއީ ވެސް ބޮޑު ސުވާލެއް ކަމަށެވެ.

އެ މަނިކުފާން ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި ރާއްޖޭގެ އެހެން މިނިވަން މުއައްސަސާތަކުން އަމަލު ކުރަނީ ވަކި މީހަކު އަންގާ ގޮތަށް ކަމަށާއި އެހެންވެ ސުވާލު އުފެއްދިދާނެ ކަންކަން އެބަހުރި ކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާއިރު ވަރަށް ވިސްނަން އެބަޖެހޭ. އިންތިޚާބެއް އަންނަ އަހަރު އޮންނާނެތޯ އެއީ ވަރަށް ބޮޑު ސުވާލެއް. ދެން އެންމެ ރަނގަޅު ރިޔާސީ އިންތިޚާބެއް އޮތިއްޔޯ. އެހެން ނަމަވެސް އެ އިންތިޚާބުގެ ނަތީޖާ އަށް ވާނީ ކިހިނެއްތޯ؟" މައުމޫން ވިދާޅުވި އެވެ.

"އެ ވެސް ނޭނގޭ. އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް ހުރިހާ މުއައްސަސާތަކުން އަމަލު ކުރަމުންދާ ތަން. އެއްވެސް މުއައްސަސާ އަކަށް މިނިވަން ކަމެއް ނެތް. އެއީ ކޯޓަކަށް ވިޔަސް، ކޮމިޝަނަކަށް ވިޔަސް ވަކި ފަރާތަކުން އަންގާ ގޮތަކަށް ކަންކަން ނިންމަނީ. އެހެންވީމާ އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރައްވާނީ ކިހިނެއްތޯ؟ ނަތީޖާ ނެރުއްވާނީ ކިހިނެއްތޯ؟."

މައުމޫން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާ އިރު، އެންމެ ކަންބޮޑުވާން ޖެހެނީ އިލެކްޝަން ކޮމިޝަން އޮތް ހާލަތާ މެދުގަ އެވެ.

"...އަޅުގަނޑުމެންނަށް ރިޔާސީ އިންޚާހާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް އޮންނާނެކަން ޔަގީންވީމާ. އެހެން ނޫނީ އެ ކުރެވެނީ ބޭކާރު މަސައްކަތެއް،" މައުމޫން ވިދާޅުވި އެވެ.

"ވަގުތާއި މުދަލާއި ފައިސާ އެ ޚަރަދު ކުރެވެނީ ބޭކާރު ކަމެއްގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުމެންނަށް ޔަގީން ވާން ޖެހޭނެ އެންމެ ފުރަތަމަ އިންތިޚާބު ބޭއްވޭނެކަން. ދެ ވަނަ ކަމަކަށް އެ އިންތިޚާބު ބޭއްވޭނީ ހަމަ އާއި ގާނޫނުއަސާސީ އާއި ގާނޫނު ބުނާ ގޮތުގެ މަތިން މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަން ކަށަވަރު ވާން ޖެހޭނެ."

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި އެ ހަރަކާތުގެ ބައެއް އިސްބޭފުޅުން އަތްޖައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި އެ ހަރަކާތުގެ ބައެއް އިސްބޭފުޅުން އަތްޖައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކަށް ފަހު ޕާޓީގެ ރައީސްކަމުން ދުރުކޮށްފައިވާ މައުމޫން ވިދާޅުވީ ހަމަތަކުގެ މަތިން އިންތިޚާބު ބޭއްވޭނެކަން ކަށަވަރު ނުވާ ނަމަ އެކަން ކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ރިޔާސީ އިންތިޚާބުގެ ވާހަކަ މި ދައްކަން ޖެހެނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި. އޭގެ ކުރިން އަޅުގަނޑުމެން ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި." މައުމޫން ވިދާޅުވި އެވެ.

މައުމޫން ފާހަގަ ކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެވެ.

"އެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ވެސް ކުރެވޭނީ. އަޅުގަނޑުމެން ކަންކަން ކުރަން ބޭނުން ވަނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެއަށް ވުރެ މޮޅު ގޮތެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ.

"އެއީ ޑިމޮކްރަސީ ބުނާ ގޮތަކީ ވެސް. އެހެންވީމާ އަޅުގަނޑުމެން މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންވާ އިސްލާހުތައް ގެންނަން އެބަޖެހޭ."

މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބެއްގެ ވާހަކަ ދައްކަންވީ ވެސް އެ އިސްލާހުތައް ގެނެސްފައި ކަމަށެވެ.

"މިހާރު މިއޮތް ގޮތަށް ކަންތައް އޮވެގެން، މި ސަރުކާރު އޮވެގެން، މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން ކިހިނެއްތޯ ރިޔާސީ އިންތިޚާބެއް ބާއްވާނީ؟" އެ މަނިކުފާން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިސްލާހީ މަސައްކަތްތަކުން މިހާރު ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ކަމަށެވެ. އަދި އެކަމާ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމަށާއި ސަރުކާރު މިހާރު އޮތީ "ސައިޒް ވެފައި" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.