މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކުން ދެއްކި އެއް ހަގީގަތަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބަދުވެސް އެންމެ ރެލެވަންޓު ވަނީ ދެ ސިޔާސީ ފިކުރު ކަމެވެ. އެއީ ކޮންމެ އިންތިހާބަކުން އަބަދުވެސް އެންމެ ކުރީގައި އުޅޭ އެމްޑީޕީ އާއި ޕީޕީއެމް ނުވަތަ ކުރިން ނަމަ ޑީއާރުޕީގެ ފިކުރެވެ.
31 ޖެނުއަރީ 2023
މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކުން ދެއްކި އެއް ހަގީގަތަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބަދުވެސް އެންމެ ރެލެވަންޓު ވަނީ ދެ ސިޔާސީ ފިކުރު ކަމެވެ. އެއީ ކޮންމެ އިންތިހާބަކުން އަބަދުވެސް އެންމެ ކުރީގައި އުޅޭ އެމްޑީޕީ އާއި ޕީޕީއެމް ނުވަތަ ކުރިން ނަމަ ޑީއާރުޕީގެ ފިކުރެވެ.
ދެން ހުރި ސިޔާސީ ޕާޓީތައް މުހިންމު ވާ ސަބަބަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ 51 ޕަސެންޓު ވޯޓު ހަމަ ކޮށްލުމެވެ. އެ ޕާޓީތަކުން އަބަދުވެސް ޖަހާ ހިސާބަކީ ވެސް މޮޅުވާ ބައެއްގެ ފަހަތަށް އަރައި ސަރުކާރުން ބޮޑު "ކޭކު ފޮއްޗެއް" ދަމައިގަނެ، ހަމަޖެހިލުމެވެ.
މި ފަހަރު އިލެކްޝަންސް ކޮމިޝަނުން ނުކުމެ ރިޔާސީ އިންތިހާބުގެ ތާރީހުތައް އިއުލާން ކުރިއިރު އެ އިން އެއްވެސް ސިޔާސީ ޕާޓީއެއް ހިރި ވެސް ނުލައި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް "ގެއްލިފައި" ތިބީ ވެސް އެ ސަބަބާ ހެދި އެވެ. ޕާޓީތަކުގެ މުސްތަގުބަލު ބިނާވެފައި އޮތީ އެމްޑީޕީން ނުކުންނަ ކެނޑިޑޭޓެއްގެ މައްޗަށެވެ.
މިހާރު އެ ނަތީޖާ ސާފުވުމުން ދެން އެ ޕާޓީތަކަށް ނިދިން ހޭލައި ސިޔާސީ ކުލަވަރު ދައްކަން ފަށާނެ އެވެ. އެކިއެކި ފޯމިއުލާތައް ޖަހައި ސިޔާސީ ގޮތުން ވީހާ ވެސް ކުރިޔަށް ދެވޭނެ ގޮތް ހޯދާނެ އެވެ. ބޮޑު ދެ ޕާޓީން ވެސް އެ ކުދި ޕާޓީތައް ބޭނުން ކޮށްގެން ވެރިކަން ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ އެވެ.
މިއަދާ ހަމައަށް އައިއިރު ޕާޓީތަކުގެ ވިސްނުން ހުރި ގޮތާއި ސިޔާސީ އޮއިވަރު އެނބުރޭނެ ގޮތް ކޮންމެވެސް ވަރަކަށް ލަފާކޮށްލެވެ އެވެ. އެ ޕާޓީތަކުގެ ވިސްނުން ހުރި ގޮތާއި ޖަހާ ހިސާބެއް ބަލައިލުން މުުހިންމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގައި މެމްބަރުންނަށް ވިސްނައި ދެއްވި އެންމެ މުހިއްމު ކަމަކީ، އެމްޑީޕީ އަށް ދެ ވަނަ ދައުރެއް ކަށަވަރުވާން އޮތް ހަމައެކަނި މަގަކީ އެ މަނިކުފާނު ކަމެވެ. ވާދަވެރިޔާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޓިކެޓް ލިބިގެން އެމްޑީޕީ އަށް އޮތީ ވެރިކަން ނުލިބި އަނެއްކާވެސް މަގުމަތިވާން ޖެހިދާނެ ކަމުގެ ބިރު ކަމެވެ.
އިންތިހާބު އެ މަނިކުފާނަށް ކާމިޔާބުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިސާބު ޖައްސަވައި ޔަގީންކަމާ އެކު ދައްކަވަނީ ކޯލިޝަން ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަަމަށް އެ މަނިކުފާނު ގެންގުޅުއްވާ ފޯމިއުލާ އެވެ.
ރައީސް ވެރިކަމަށް ޖައްސަވަމުން ގެންދެވި ހިސާބުގައި އެ މަނިކުފާނަށް އޮތީ ދެތިން ހުރަހެކެވެ. އެއް ކަމަކީ ޕާޓީގެ ތެރޭގައި ހުންނެވި ނަޝީދެވެ. އެހެންވެ، މިހާރު އެ ވަނީ އިންތިހާބަކުން ނަޝީދު ބަލި ކުރައްވައި ޕާޓީން "ސައިޑްލައިން" ކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ޕްރައިމަރީގައި ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަނީ.
ނަމަވެސް ނަޝީދު އެއްފަރާތް ކުރަން ކުރި މަސައްކަތުގެ ނަތީޖާގެ ބޮޑު މަންޒަރަކީ ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މަނިކުފާނުގެ 18،000 ވަރަކަށް ވޯޓާއެކު އެއްފަރާތް ވުމެވެ. އެމްޑީޕީ އެކީ ދެފަޅި ކޮށްލުމެވެ. ރިޔާސީ އިންތިހާބަށް ނަޝީދު ހިސާބު ޖެއްސެވިޔަސް ބައެއް މީހުންގެ ނަޒަރުގައި އެ މަނިކުފާނުގެ މަސައްކަތްޕުޅުގެ އެއް ބޭނުންފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "ޖެއްސުން" ކުރެއްވުމެވެ. ޕާޓީ އިތުރަށް ބައިބައިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު މަދުވާނެ ގޮތްތައް ހޯދުމަކީ ނަޝީދުގެ އުކުޅެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.
ނަޝީދު މިހާރު ދައްކަވާ ވާހަކަފުޅުތަކުން އެނގޭ ގޮތުގައި އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ ޕާޓީ އެގޮތުގައި ދެ ފެކްޝަނަށް ބެހިފައި އޮތުމެވެ. އެއް ފެކްޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެވެ. ދެން އޮތީ ސަރުކާރަށް ތާއީދު ނުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނެވެ.
އެމްޑީޕީގެ ތެރެއިން ސަރުކާރާ އިދިކޮޅު ފިކުރެއް އާލާކޮށް ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގޮފިތައް ހަދައި 50،000 އަކަށް މެންބަރުން ހޯދުމަށް ފަހު ރިޔާސީ އާ ކެންޑިޑޭޓެއް ނެރެން ނަޝީދު ވިސްނަވަ އެވެ.
"އަޅުގަނޑުގެ އަމާޒަކީ ޕާޓީއަށް ރަނގަޅު ގޮތް ވުން. ޕާޓީ މޮޅުވާނެ ގޮތްގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދިއުން. މި 2023 ގެ ރިޔާސީ އިންތިހާބު މިއީ އެމްޑީޕީއަށް ގެއްލޭ އެއްޗަކަށް އަޅުގަނޑުމެންނަށް ހެދޭކަށް ނެތް. އެ އަށް ވުރެ މިއީ މާ މުހިއްމު މަސައްކަތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން "މިހާރު" އާ ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް މެންބަރަކު ނަން ހާމަ ނުކުރާ ގޮތަށް ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ތެރެއިން މުހިންމު ވާނެ ވޯޓުތަކެއް ނަޝީދަށް ލިބިވަޑައިގަތަސް އެ ހުރިހާ ވޯޓެއް ރިޔާސީ އިންތިހާބުގައި ނަޝީދަށް ކޮންޓްރޯލެއް ނުކުރެއްވޭނެ އެވެ.
ސަބަބަކީ ނަޝީދާއި ޕީޕީއެމްގެ އޮތް ގުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ގްރާސް ރޫޓް ލެވެލްގެ ވޯޓުތައް ރިޔާސީ އިންތިހާބެއްގައި ޕީޕީއެމަށް ނުވަތަ އެހެން ޕާޓީ އަކަށް ދިޔުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި އެ ޕާޓީގެ ކެންޑިޑޭޓަކަށް ވޯޓު އަޅާ މެންބަރުން ގިނަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޝީދު ކަލްޓް ފޮލޯކުރާ ބައެއް ސަޕޯޓަރުން އެ މަނިކުފާނު ވިދާޅުވި ގޮތަކަށް ވޯޓު އަޅާފާނެ. އެކަމަކު އެމްޑީޕީގެ ގިނަ މެންބަރުން ވޯޓު ދޭނީ ދެން ވެސް އެމްޑީޕީގެ ކެންޑިޑޭޓަށް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ތެރެއިން ގެއްލޭ ވޯޓު ހޯދާ ދެވަނަ ގޮތަކީ ސީދާ ނަޝީދާ މަޝްވަރާ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް އޮތީ މަޝްވަރާގެ މަރުހަލާއެއް ކަމާއި މީގެ ތެރެއިން އެކައްޗެއް ކިޔައި ޕާޓީގެ ބޮޑު ސަޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ކުރިމަގުގައި އެމްޑީޕީން ނަޝީދު ފަޅީގައި ތިއްބެވި ގިނަ މެންބަރުންނާއި ސަރުކާރުގެ ތެރެއިން ނަޝީދަށް ތާއީދު ކުރި މެންބަރުންތައް އެނބުރުމުގެ މަސައްކަތް ފެންނާނެ ކަމަށް ބެލެވެ އެވެ.
ޕާޓީ ތެރޭގައި ޕެޗު އެޅުމާއެކު ދެން ފެންނާނީ އެހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަނެއް ހަދަން ކުރައްވާ މަސައްކަތެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނު މިހާރު ވެސް އެހެން ސިޔާސީ ޕާޓީތަކާއެކު ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ވަނީ ކުރައްވައިފަ އެވެ. ބައެއް ކުދި ޕާޓީތައް ވެސް އޮންބޯޑު ކުރުމުގެ މަސައްކަތް ކުރައްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުން ނަޝީދަށް ނާކާމިޔާބު ވި ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަކީ ވަރަށް މުހިންމު ޕްލޭޔަރެކެވެ. އެމްޑީޕީގެ ތެރެއިން އެ މަނިކުފާނަށް އޮތް ފުރުސަތު ގެއްލި، ފާޑަކަށް ބަލި ގަބޫލު ކުރެއްވިޔަސް ނަޝީދުގެ ސިޔާސީ ހަޔާތް ވަޅެއް ނުލެވެ އެވެ. ވަކިން ހާއްސަކޮށް މި ފަހަރު ހުންނެވީ އެމްޑީޕީގެ ތެރެއިން ދޫ ދެއްވާ ގޮތަކަށް ވެސް ނޫނެވެ.
ނަޝީދުގެ މިހާރުގެ ވިސްނުމަކީ އެމްޑީޕީގެ ތެރޭގައި ކުރިން ވެސް އުފެދިފައިވާ ފެކްޝަން ރަސްމީ ކުރުމެވެ. ސަރުކާރާ ގުޅި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާނެ ހަމައެކަނި ޝަރުތު ވެސް އެ މަނިކުފާނު އެމްޑީޕީގެ ގްރޫޕަށް ފޮނުވި މެސެޖުގައި އޮތީ ވިދާޅުވެފަ އެވެ. އެއީ ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ތާއީދު ކުރެއްވުމެވެ. ނަޝީދަށް ވެރިކަމަށް އާދެވޭ ކުރު މަގެއް ރައީސް އަމިއްލަ އަށް ކޮށްޓަވައި ދެއްވުމެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ އަށް އެހެން ގޮތަކަށް ބަލާ ނަމަ ނަޝީދާއި އެ މަނިކުފާނުގެ އަރިސް މެންބަރުން ދައްކަން ބޭނުންވި މަންޒަރު އެ އޮތީ ދެއްކިފަ އެވެ.
ނަޝީދުގެ ފެކްޝަންގެ ވަރަށް އިސް މެންބަރެއް ކަމަށްވާ އަލީ އާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމްޑީޕީގައި މިހާރު ތިއްބެވި ހުރިހާ މެންބަރުން ވޯޓުލައިގެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުން ބަލާ ކަމަށްވާ ނަމަ އެންމެ ހަ ޕަސެންޓެވެ.
މެމްބަރު އާޒިމް: ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހެދޭނެ ކަމަށް ވިދާޅުވި.
"ހުރިހާ ނުފޫޒެއް ފޯރުވައި ފައިސާ ބަހައިގެން ވަޒީފާތައް ދީގެން ހުރިހާ ކަމެއްގެ ތެރެއިން ވެސް ރައީސަށް ހޯދުނީ ހަ ޕަސެންޓު. އަދި އެބަޖެހޭ 44 ޕަސެންޓު ހޯދަން،" އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި ފިކުރެއްގެ ދިރުން އުފައްދަން ޖެހޭ ސަބަބަކީ ވެސް މި ފަހަރު ރައީސާއެކީ ރިޔާސީ އިންތިހާބަށް ގޮސްގެން އެމްޑީޕީ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ވެސް ނެތުމުން ކަމަށް އާޒިމް ވިދާޅުވި އެވެ. އެމްޑީޕީގެ އެއްވެސް ބައިވެރިވުމެއް ނެތް ސަރުކާރެއް 2023 ގައި އިންތިހާބުވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރައީސްގެ މެންބަރުން ވިސްނުން ހުރީ ފުރަތަމަ ބުރުގައި ވެސް ކޯލިޝަނާއެކީ ކުރިޔަށް ވަޑައިގަތުމަށެވެ.
އާޒިމް ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ބުރުގައި ޕާޓީތަކާއެކު ކޯލިޝަނެއް ނުހެދޭނެ އެވެ. އެއީ ކެންޑިޑޭޓަކު ނެރޭނެ ކަން އަދާލަތު ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީން ވެސް ބުނެފި ތިމަންނަމެން ކެންޑިޑޭޓެއް ނެރޭނަމޭ. [ކާނަލް މުހައްމަދު] ނާޒިމްގެ އެމްއެންޕީން ވެސް އެ ބުނަނީ ކެނޑިޑޭޓެއް ނެރޭނެ ވާހަކަ. އަދާލަތުން އެކަނި ވަކި އެއްޗެއް ނުބުނަނީ. އެއީ 1،500 ވޯޓެއް ވެސް ނޫން،" އާޒިމް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ނަޝީދަކީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކާނަލް މުހައްމަދު ނަޝީދު އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒާ އެކީ ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ސީދާ ބަޣާވާތް ކުރި ބޭފުޅުންނާއެކީ ނަޝީދަށް އެއްތަނެއްގައި އިށީނދެވަޑައިގެން މަސައްކަތްޕުޅު ކުރެއްވޭ ނަމަ ދެން ވެސް އެހެން ޕާޓީތަކާއި ލީޑަރުންނާއެކީ އެ މަނިކުފާނަށް އުޅުއްވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާޒިމްގެ ވާހަކަތަކާއި ސިޔާސީ ބައެއް އެހެން ތަޖުރިބާކާރުންގެ ވިސްނުމަށް ބަލައިއިރު ވެސް ބެލެވޭ ގޮތުގައި ނަޝީދުގެ ބަސް އެމްޑީޕީގެ ތެރޭގައި ދެން ވިކޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއިލްވުމުންނެވެ. ނަޝީދު ވިދާޅުވާ ގޮތަށް ރައީސާ ހެދި އެމްޑީޕީ އަށް އިންތިހާބު ގެއްލުމުންނެވެ.
އޭގެ ސިޔާސީ ބޮޑު މަންޒަރަކީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ނަޝީދަށް 2028 އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއިލް ވެއްޖެ ނަމަ ނަޝީދަށް ދެން ފެންނަ މަންޒަރަކީ އެމްޑީޕީގެ އިދިކޮޅު ލީޑަރެއްގެ މަންޒަރު ކަމަށް ވެދާނެ އެވެ. އެ އަށް ފަހު ސީދާ ވެރިކަމަށް އައުން ކަމަށް ވެސް ބައެއް ބޭފުޅުން ލަފާ ކުރައްވަ އެވެ.
ނަމަވެސް ހަގީގަތަކީ ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ފެއިލް ކޮށްލުމަކީ ހަމައެކަނި އެމްޑީޕީ ދެބައި ކޮށްލައިގެން ކުރަން އުނދަގޫ ކަމެއް ކަމެވެ. ރައީސްގެ ކާމިޔާބީ ބޮޑަށް ގުޅިފައި އޮތީ ކޯލިޝަން ޕާޓީތަކުގެ ވިސްނުމާ އެވެ.
ޖުމްހޫރީ ޕާޓީ ކޮންމެ އިންތިހާބަކަށް ހޭލައި ފައްކާ ވަނީ "ކިންގް މޭކާ" އަކަށް ވުމަށެވެ. ދެވަނަ ބުރުގައި ހުރިހާ ޕާޓީތަކަށް އެންމެ މުހިންމީ ޖޭޕީގެ ވިސްނުން ހުރި ގޮތެކެވެ. އެކަމަކު މި ފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ފުރަތަމަ ބުރުގައި ވެސް ކޯލިޝަނެއް ހަދާނެ ހެއްޔެވެ؟
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ޖޭޕީގެ ސްޕޯކްސްޕާސަން އަދި ޕީޕީއެމްގެ ކުރީގެ މެންބަރު ވިދާޅުވީ އަލީ އާރިފް ވިދާޅުވި ގޮތުގައި ޖޭޕީން ކެންޑިޑޭޓެއް ދެއްކުމަކީ އެ ޕާޓީގެ އަސާސީ ގަވައިދު ލާޒިމް ކުރާ ކަމެކެވެ. ކޯލިޝަނެއް ހެދުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުންނެވެ.
އެކަމަކު ވަރަށް އަވަހަށް ޖޭޕީގެ ތެރެއިން ބޮޑެތި ކަންކަން ފެންނާނެ ކަމަށް އާރިފް ވިދާޅުވި އެވެ. ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ޖޭޕީގެ ކޮންގްރެސް ބާއްވައި މަގާމުތަކަށް މެންބަރުން އައްޔަން ކުރުމާއި ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމާއި ރައީސް.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ކޮންމެ ސިޔާސީ ޕާޓީއެއް އަދި ލީޑަރަކު ވެސް ގާސިމް އިބްރާހިމާ ވާހަކަ ދެއްކުން މުހިންމު. ސަބަބަކީ އެންމެން ވެސް ގަބޫލު ކުރާ އެއް ހަގީގަތަކީ އެ މަނިކުފާނު އަނިޔާވެރިއެއް ނުވާނެ ކަން. އެންމެންނާ އެކީ މަސައްކަތް ކުރެވޭނެ ކަން،" އަލީ އާރިފް ވިދާޅުވި އެވެ.
ޖޭޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަނެއް ހަދާނެތޯ ސުވާލު ކުރުމުން އަލީ އާރިފް ވިދާޅުވީ މި ސަރުކާރާއެކު އެ ޕާޓީން ހަދާފައި ވަނީ ފަސް އަހަރުގެ ޓާމަކަށް ވެފައިވާ އެއްބަސްވުމެކެވެ. ނަމަވެސް އެ އެއްބަސްވުމުގައިވާ ހުރިހާ ކަމެއް އެއްކޮށް ފުރިހަމަ ކޮށް ނުދެވޭ ކަމަށް ގާސިމް ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަކީ އާ ދައުރެއް ކަމަށާއި އެ އިންތިހާބުގައި ކޯލިޝަން ހަދާނެ ގޮތާއި ނެރޭނެ ކެންޑިޓޭއް ޖޭޕީގެ އަސާސީ ގަވައިދާ އެއްގޮތަށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާސިމް އަރިހަށް ހުރިހާ ބޭފުޅުން އަބަދުވެސް މަޝްވަރާ ކުރަން ވަޑައިގަންނަވާނެ. މަޝްވަރާ ކުރެވޭނެ އެ ދޮރުތައް އެ މަނިކުފާނުގެ އަރިހުގައި އަބަދުވެސް އޮންނާނީ ހުޅުވިފައި،" އަލީ އާރިފް ވިދާޅުވި އެވެ.
ޖޭޕީގެ ރާގު ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވީހާ ވެސް އަވަހަށް ކޯލިޝަނަކުން ބަނދެލުމަކަށް ނޫން ކަން އެނގެ އެވެ. އޭގެ ބަދަލުގައި ސިޔާސީ މަސްރަހު އެނބުރޭ ގޮތެއް ބަލާފައި އެ ޕާޓީން ދެން ވެސް ދާނީ ޖޭޕީ އަށް އެންމެ ފައިދާ ހުރި ގޮތަކަށެވެ.
އިދިކޮޅު ފަރާތްތަކުގެ އެންމެ އިސް އެއް ލީޑަރު ގާސިމް --ފޮޓޯ/ނިޝާން އަލީ/މިހާރު
ޖޭޕީގެ ރޯލް މިފަހަރު ތަފާތުވެ އެ ޕާޓީ ސިޔާސީ ގޮތުން ވަރަށް ކުރިޔަށް ޖެހިލާނެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ދެކިވަދައިގަންނަވާ އަނެއް ސަބަބަކީ ރައީސްގެ ކާމިޔާބީ އާއި ނާކާމިޔާބީ އެ ޕާޓީގެ މުށުތެރޭގައި ވަރަށް ބޮޑަށް އޮތުމެވެ.
އެކަން އިދިކޮޅު ފަރާތްތަކަށް ވެސް އެނގޭތީ ޕީޕީއެމުން ޖޭޕީ އަށް "ކޭކު ފޮއްޗެއް" ދިއް ކުރާނެ އެވެ. އެ ޕާޓީގެ ތެރެއިން ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނެރޭ ނަމަ އެ ފުރުސަތު އަދި މާ ބޮޑެވެ. ޕީޕީއެމާ ގުޅުމުގެ ފުރުސަތު ބޮޑުވާ އަނެއް ސަބަބަކީ ގާސިމް ވަށައިގެން އެ މަނިކުފާނަށް ލަފާ އަރުވަން މިހާރު ތިއްބެވީ ހުސް ޕީޕީއެމްގެ ކުރީގެ މެންބަރުން ކަމަށް ވުމެވެ.
"ޖޭޕީ، ނަޝީދު އަދި ޕީޕީއެމް އެއްކޮޅަކަށް އަރައިފި ނަމަ ރައީސްގެ ފަހަތުގައި ހުންނާނީ އަދާލަތާއި ކުދި ޕާޓީތަކާއި އެމްޑީޕީގެ ފަޅިއެއް. އެއީ ރައީސް ނާކާމިޔާބު ކޮށްލެވޭނެ ފޯމިއުލާ،" ޕޮލިޓިކަލް އެނަލިސްޓަކު ވިދާޅުވި އެވެ.
ރިޔާސީ ރޭހުގެ މަންޒަރުގައި މި ވަގުތު ޔާމީން ފެންނަން ނެތަސް އެ މަނިކުފާނާއި ޕީޕީއެމަކީ ޕްލޭޔަރުންނެވެ. މި ރިޔާސީ އިންތިހާބުގައި ވެސް އެ މަންޒަރު ބަދަލެއް ނުވާނެ އެވެ.
ޔާމީން މިނިވަން ވެއްޖެ ހާލަތެއްގައި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވާނެ އަނެއް ގޮންޖެހުމެވެ. އެ މަނިކުފާނަކީ އިދިކޮޅު ލީޑަރަށް ވެފައި ވެރިކަން ކުރެއްވި ގޮތުން މި ސަރުކާރުން އިގްތިސާދީ ގޮތުން ފެއިލްވި ހުރިހާ ދިމާލަކީ ޔާމީންގެ ރެޕިއުޓޭޝަން ވަރަށް މަތީގައި ހުރި ކަންކަމެވެ.
އެހެންވެ މި ފަހަރުގެ އިންތިހާބުގައި ޔާމީންގެ ސަޕޯޓަރުން ގިނަވެފައި މިނިވަން ގިނަ ވޯޓުތަކެއް ވެސް އެ ދިމާލަށް އެނބުރޭނެ އެވެ.
ޔާމީން ނޫނީ އެހެން ކެންޑިޑޭޓެއް ވިޔަސް ޕީޕީއެމަށް އޮތް ފުރުސަތު އިތުރަށް ބޮޑުވާ އަނެއް ސަބަބަކީ އެމްޑީޕީގެ ވޯޓު ބައިބައިވުމެވެ. ނަޝީދު ދިރުވާ ފިކުރުގައި ވަރަށް ބޮޑަށް ފިޔާތޮށި ކުލަ ޖެހިފައި ހުރުމެވެ.
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ކ-3) އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޝްވަރާއެއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝާރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމްޑީޕީ ބައިބައިވެގެން ދިޔުމުގެ ސަބަބުން އެ ޕާޓީގެ ގިނަ ވޯޓުތަކެއް ސަރުކާރަށް ގެއްލޭނެ އެވެ. ނަޝީދު ވެސް މިހާރު އެ ވިދާޅުވަނީ ޔާމީނަކީ ވިޝަނަރީ ލީޑަރެއް ކަމަށާއި އެ މަނިކުފާނުގެ ތާއީދު ވެސް ޕީޕީއެމަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޝްވަރާއެއް ނުކުރަން. އެކަމަކު އަމިއްލަފުޅަށް ވިދާޅުވެއްޖެ ޔާމީނަކީ ވިޝަނަރީ ލީޑަރެއް ކަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ އިން ޕީޕީއެމް ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ އެވެ. ސަބަބަކީ މުޅި ރާއްޖެއިން ވެސް އެމްޑީޕީ އަށް ލިބުނީ 40،000 އަކަށް ވޯޓު ކަމަށް ވުމެވެ. އެއީ ރިޔާސީ އިންތިހާބުގެ 18 ޕަސެންޓެވެ. ބޮޑު ބައި އޮތީ ޕީޕީއެމާ އެކީ ހުޅުވިފައި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ވަކިން ހާއްސަކޮށް އެމްޑީޕީގެ އެތެރެ ދެބައިވެ އޭގެ ތެރެއިން ވެސް ގިނަ ވޯޓުތަކެއް ޕީޕީއެމަށް އަންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެންވެ މި އިންތިހާބު ކާމިޔާބު ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް.ފައިލް ފޮޓޯ/މިހާރު
ޕީޕީއެމަށް އޮތް އިމްތިހާނަކީ ޔާމީނަށް ހަދާނެ ގޮތެކެވެ. އެ މަނިކުފާނު ޖަލުން މިނިވަން ވުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އެ ނޫން އެހެން އޮޕްޝަނެއް ނުދައްކައި ފަހު ވަގުތާ ޖެހެންދެން ހުރުމަކީ ދެން ނުކުންނާނެ ކެންޑިޑޭޓަކަށް ގެއްލުން ވާނެ ކަމެކެވެ.
އެކަމާ ގުޅޭ ގޮތުން އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްވެސް ކެންޑިޑޭޓަކު ނުނެރި އިންތިހާބު ބޮއިކޮޓެއް ނުކުރާނެ އެވެ. ޔާމީން މިނިވަން ވާ ތަން ވެސް ފެންނާނެ ކަމަށް އޭނާ އަދިވެސް ގަބޫލު ކުރައްވަ އެވެ.
ކޮންމެ ރިޔާސީ އިންތިހާބެކޭ އެއްގޮތަށް މި ފަހަރު ވެސް ފެންނާނީ އެންމެ ބޮޑު ދެ ޕާޓީ ގަދަ ހިފުމަކަށް ދާ ތަނެވެ. އަދި މީގެ ތެރެއިން ޖޭޕީ ވެސް ވެރިކަމަށް އަންނާނެ ފޯމިއުލާއެއް އަންނަނީ "ކައްކަމުން" ނެވެ. ދެން ހުރި ހުރިހާ ޕާޓީތަކަކީ ބޮޑެތި ޕާޓީތައް އެނބުރޭ ގޮތަކުން ސަރުކާރުން އެންމެ ބޮޑު ފޮއްޗެއް ދަމައިގަންނަން އިންތިޒާރު ކުރާ ޕާޓީތަކެވެ. ނަމަވެސް މި ފަހަރުގެ އެންމެ ބޮޑު ތަފާތަކީ އެންމެ އާބާދީ ބޮޑު ޕާޓީ ދެބައިވެ، އެ ޕާޓީގެ އެންމެ އިސް ލީޑަރުންގެ ކޯޅުމާއެކު ރިޔާސީ އިންތިހާބު ބޯމަތިވުމެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ނިންމެވުންތަކަށް ބަލައި އަދި ކިތަންމެ ކަމެއް ބަދަލުވާނެ އެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ގާނޫނުއަސާސީގައި ހިމެނި 65 އަހަރުގެ ޝަރުތު ބާތިލް
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު އެއްބަސްވުމަކަށް
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
އެމްޑީޕީ ނޫން ޕާޓީތަކާ މަޝްވަރާކުރަން ތައްޔާރު: ޔާމީން
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!