Roadha Mihaaru
ޓީވީއެމްގެ ކުރީގެ ނޫސްވެރިއަކަށް ވަޒީފާދޭން އަންގައިފި

ޓީވީއެމުން ވަކިކުރި ނޫސްވެރިއަކަށް އަލުން ވަޒީފާދޭން ހައި ކޯޓުން ވެސް އަންގައިފި

13 ނޮވެމްބަރ 2017

ޓީވީއެމުން ވަކިކުރި ނޫސްވެރިޔާ ނަސްރުﷲ އަބްދުލްހާދީ އަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓީވީއެމުން ވަކިކުރި ނޫސްވެރިޔާ ނަސްރުﷲ އަބްދުލްހާދީ އަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

ޓީވީއެމްގެ އައްޑޫ ބިއުރޯގައި 14 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި ނަސްރުﷲ 2015 ގައި ވަޒީފާއިން ކުރުމުން އޭނާ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، އަންގާފައި އޮތީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށާއި ލިބެންޖެހޭ އިނާޔަތްތަކުގެ ގޮތުގައި 100،800ރ. ދިނުމަށެވެ.

ނަސްރުﷲ ވަކިކުރީ އޭނާ މަސައްކަތް ކުރި އައްޑޫގައި ހުންނާނެ ތަނެއް ނެތިފައި ވަނިކޮށް އައްޑޫއަށް ޓީވީއެމުން އޭރު އެންގި އެންގުމަށް ތަބާނުވި ކަމަށް ބުނެ އެވެ. އައްޑޫއަށް ދިއުމަށް ނަސްރުﷲ އަށް އެންގިއިރު ޓީވީއެމްގެ އައްޑޫ ބިއުރޯ އޭރު ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ ނަސްރުﷲ އެދުނީ އައްޑޫއަށް ފޮނުވާ ނަމަ ހުންނާނެ ތަނެއް ހަމަޖައްސައި ދިނުމަށެވެ. އެކަމަކު ޓީވީއެމުން ވަނީ އޭނާ މަސައްކަތް ކުރާ ތަނަށް ދާން އެންގި އެންގުމަށް ތަބާނުވީ ކަމަށް ބުނެ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ޓީވީއެމް މިހާރު ހިންގާ ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް) އިން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ ނަސްރުﷲ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށް ޓްރައިބިއުނަލުން އެންގި އެންގުން ރަނގަޅު ކަމަށެވެ. އަދި އޭނާ ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދޭން ޖެހޭނެ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ނަސްރުﷲ އަށް ވަޒީފާއާ ދޭން އެންގި އެންގުމަށް ތާއީދު ކުރިޔަސް، އިނާޔަތުގެ ގޮތުގައި އޭނާއަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދޭން ޓްރައިބިއުނަލުން އަންގާފައި އޮތް ބައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެ ފައިސާއަކީ އަތޮޅު ތެރޭގެ ރަށްރަށުގައި ތިބޭ މުވައްޒަފުންނަށް މުސާރައިގެ އިތުރުން އޭރު ދެމުންދިޔަ އިނާޔަތްތަކާއި ކޮއްތު އެލަވަންސްގެ ގޮތުގައި އޭނާއަށް ޓްރައިބިއުނަލުން ނަގައިދިން ފައިސާ އެވެ.