Roadha Mihaaru
ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް އަށް

ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް އަށް

14 ނޮވެމްބަރ 2017

ޓީރެކްސް ބީސީގެ މައްޗަށް ކުރި ހޯދުމަށް ފަހު ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ބީސީން ހޯދައިފި އެވެ.

ޓީރެކްސް ބީސީގެ މައްޗަށް ކުރި ހޯދުމަށް ފަހު ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ބީސީން ހޯދައިފި އެވެ.

ޓީރެކްސް ބަލިކުރުމަށް ފަހު ގައުމީ ލީގު ޗެމްޕިއަންކަން ހޯދިތާ ދެ ދުވަސް ފަހުން ދެ ވަނަ ފަހަރަށް އެ ޓީމުގެ މައްޗަށް ކިންގްސް އިން ކުރި ހޯދީ 101-90 އިންނެވެ. ކުރިން ރެޑްލައިން ކްލަބްގައި ހިމެނޭ ގިނަ ކުޅުންތެރިންނާ އެކު އޮތް ކިންގްސް އަކީ ވަރަށް ފަހު އުފެދުނު ކްލަބެކެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކިންގްސް އަށް އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމަށް ކުޅޭ ސާބިއާގެ ކުޅުންތެރިއާ ނިކޯލާ ވޮރޯވިޗާއި މުހައްމަދު ޒިލާލް އަދި ރިޝްފާން ރަޝީދެވެ. ޓީރެކްސްގެ އަހުމަދު ޒަބީރާއި ހުސެއިން ހަލީމް ވެސް ވަނީ އެ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ.

އިއްޔެ ކުޅުނު އަނެއް މެޗުން ދަ ބައުސް ވަނީ ރެޕްޓާސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބައުސް މޮޅުވީ 93-66 އިންނެވެ. މި މެޗުގައި ބައުސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަބްދުﷲ އަމްޒަރު އެވެ.

އަންނަ ހުކުރު ދުވަހުގެރޭ އޮންނަ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް އިން ހޯދާފައިވާއިރު، ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ބުދަ ދުވަހު ހަވީރު ޓީރެކްސް އާއި ބައުސް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން ބައިގެ މެޗުތަކެވެ. ހަވީރު ކުޅޭ މެޗުގައި ލީގު ޗެމްޕިއަން ސައިކްލޯން އާއި އދ. މަހިބަދޫ އަށް ނިސްބަތްވާ ޖިބިއްލީ ސްޕޯޓްސް ކްލަބެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ މިރޭ ރެޑްވިންގްސް އާއި ފުލިދޫ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ބައްދަލުކުރާށެވެ.