Roadha Mihaaru
ފައިނަލުގައި ކިންގްސް އާއި ޓީރެކްސްގެ ކުރިމަތިލުމެއް

ފައިނަލުގައި ކިންގްސް އާއި ޓީރެކްސްގެ ކުރިމަތިލުމެއް

16 ނޮވެމްބަރ 2017

ތިން ވަނަ ސެމީ ފައިނަލުގައި ދި ބައުސްގެ މައްޗަށް ކުރިހޯދައި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކިންގްސް ބީސީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ޓީރެކްސް ބީސީން ހޯދައިފި އެވެ.

ތިން ވަނަ ސެމީ ފައިނަލުގައި ދި ބައުސްގެ މައްޗަށް ކުރިހޯދައި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކިންގްސް ބީސީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ޓީރެކްސް ބީސީން ހޯދައިފި އެވެ.

ކިންގްސް ބީސީން ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކުރީ ވެސް ފަހު މެޗުގައި ޓީރެކްސް ބަލިކުރުމަށް ފަހު އެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް އަށް ލިބުނީ ވެސް ފުރަތަމަ ސެމީގައި ޓީރެކްސް އަތުން މޮޅުވުމުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައުސްގެ މައްޗަށް ޓީރެކްސް އިން ކުރިހޯދީ 103-80 ޕޮއިންޓުންނެވެ. މި މެޗުގައި ޓީރެކްސް އަށް އެންމެ މޮޅު ކުޅުމެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސާބިއާގެ ޑުސާން އޮގްޔެނޮވިޗާއި އިބްރާހިމް ރަޝްވާން (ޗިކު) އަދި ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އެވެ.

މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި ލީގު ޗެމްޕިއަންކަން ހޯދި ސައިކްލޯން ބީސީ ނުކުންނާނީ އދ. މަހިބަދޫ އަށް ނިސްބަތްވާ ޖިބިއްލީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ޖިބިއްލީ އިން ފައިނަލުގެ ޖާގަ ހޯދީ ރޭ ކުޅުނު ތިން ވަނަ ސެމީ ފައިނަލުގައި ރެޑްވިންގްސް ބީސީ އަތުން 51-35 އިން މޮޅުވެގެންނެވެ. މި މެޗުގައި ޖިބިއްލީ އަށް މޮޅު ކުޅުމެއް ދެއްކީ ތަޖުރިބާކާރު ކުޅުންތެރިއާ އައިމިނަތު ޝިއުރާ އެވެ.

މުބާރާތުގެ އަންހެން ބައިގެ ފައިނަލް އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ. ފިރިހެން ބައިގެ ފައިނަލް ކުޅޭނީ މާދަމާ ރޭ 21:30 ގަ އެވެ.