Roadha Mihaaru
ދަރަނި 43 ބިލިއަން ރުފިޔާ އަށް، ބޮންޑު ވިއްކަނީ

ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް، މިފަހަރު ވެސް ބޮންޑާއި ސުކުކް ވިއްކަނީ

15 ނޮވެމްބަރ 2017

މި އަހަރު ނިޔަލަށް ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭއިރު، ދައުލަތަށް ފައިސާ ހޯދުމަށް ސުކުކް ވިއްކައިގެން އެތައް މިލިއަން ރުފިޔާއެއް ހޯދުމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރު ނިޔަލަށް ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭއިރު، ދައުލަތަށް ފައިސާ ހޯދުމަށް ސުކުކް ވިއްކައިގެން އެތައް މިލިއަން ރުފިޔާއެއް ހޯދުމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން މި އަހަރު އެތެރޭގެ ދަރަނި 26 ބިލިއަން ރުފިޔާ އަށް ދަށްވެ، ބޭރުގެ ދަރަނި 17 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އަންނަ އަހަރު ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ. އެއީ އެތެރޭގެ ދަރަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަރަނީގެ ގޮތުގައި 27 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދު ހުރީ 38 ބިލިއަން ރުފިޔާގަ އެވެ. އެއީ އެތެރޭގެ ދަރަނީގެ ގޮތުގައި ހިމެނޭ 26 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަރަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް ބަޖެޓަށް ފައިސާ ހޯދާނެ ގޮތްތައް ރާވާފައިވާ ކަމަށެވެ.

އެގޮތުން ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް 200-300 މިލިއަން ޑޮލަރާ ދެމެދުގެ ސުކޫކެއް ވިއްކުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބާކީ ބައި ހަމަޖެއްސުމަށް ރާވާފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ވިއްކާ ޓްރެޝަރީ ބިލާއި ބޮންޑް ފަދަ ފައިނޭންޝަލް އިންސްޓްރުމަންޓް މެދުވެރިކޮށެވެ.

ބަޖެޓުގައިވާ ގޮތުން ބަޖެޓަށް ފައިނޭންސް ކުރުމަށް ރާއްޖެ އިން ބޭރުން ފައިސާ ހޯދުމަށް ނިންމާފައި ވަނީ ދައުލަތުގެ ގިނަ އަދަދެއްގެ މަޝްރޫއުތަކުންނާއި އެ މަޝްރޫއުތަކަށް މުދަލާއި މެޝިނަރީ އެތެރެކުރުމަށް ބޭރު ފައިސާ ބޭނުންވާތީ އެވެ. މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދައިގެން ހަރަދު ކުރުމުން ރާއްޖޭގައި މިހާރު ހުރި ބޭރު ފައިސާގެ ޑިމާންޑަށް އިތުރު ޕްރެޝަރެއް، އަދި ރާއްޖޭގެ ރިޒާވަށް ނޭދެވޭ އަސަރެއް އައުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެސް ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.