Roadha Mihaaru
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ

ކުރީގެ ދެ ފިނޭންސް މިނިސްޓަރުންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ: އީވާ

11 އޯގަސްޓް 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ދަރިނިތަކުގެ މައްސަލާގައި މިއަދު މަޖިލިހުގައި އޮތް ޖަލްސާގައި އީވާ އެގޮތަށް ވިދާޅުވި އިރު ކުރީގެ ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަދި ފަހުން ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ވެސް، މަޖިލިހުގައި އިންނެވި އެވެ.

އީވާ ވިދާޅުވީ އެކި ނަންނަން ކިޔާފައި ޗައިނާއަށް އިންޓްރަސްޓް ނުލައި 1.4 ބިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ.

އީވާ ވަނީ މިހާ ފަރުވާލެއްނެތި، ދަރަނި ދައްކާނޭ ގޮތެއް ވެސް ނެތި އަދި ރަހުނު ކުރާނެ އެއްޗެއް ވެސް ނުދައްކާ، ރާއްޖޭގެ ރައުސުލްމާލު ޗައިނާއަށް ވިއްކާލަން ޖެހުނީ ކީއްވެގެންތޯ ސުވާލުކުރައްވައިފަ އެވެ.

"އަޅުގަނޑު ހިސާބު ޖެހީމަ، މަދުވެގެން 500 މިލިއަން ޑޮލަރާ ގާތަށް މާލޭގެ، ހުޅުމާލޭގެ ބިން ޗައިނާއަށް ދަރަނިވެރިކުރުވާ. ދެން އޮތީ ދިވެހި ރާއްޖޭގެ އެއާޕޯޓް. ދެއް އޮތީ ކަރަންޓް ފަދަ ޔޫޓިލިޓީސްތައް،" ޗައިނާގެ ލޯނު އެހީތަކުގައި ތަރައްގީކޮށްފައި ނުވަތަ ތަރައްގީކުރަމުން އަންނަ ބައެއް މަޝްރޫއުތަކަށް އިޝާރަތް ކުރައްވަމުން އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ޗައިނާގެ ދަންތުރައިގައި ރާއްޖެ ޖައްސާފައިވާ ކަމަށެވެ. އެ ދަރަނި ދައްކަނީ ކޮން އެއްޗެއް ވިއްކައިގެންތޯ، ޖިހާދާއި މުނައްވަރަށް އަމާޒުކުރައްވާ، އީވާ ސުވާލުކުރެއްވި އެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކުރީގެ ދެ މިނިސްޓަރުން ވިދާޅުވީ މަޖިލީހަށް ހާޒިރުކުރަނީ ކޮން ކަމަކާ ހެދިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޖިހާދު ވިދާޅުވި ގޮތުގައި ވަޒީރުކަމުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މިނިސްޓަރުކަމުގައި އަމިއްލަ އެއްވެސް ކުންފުންޏަކަށް ސޮވެރިން ގެރެންޓީ ދެއްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ލޯނު ނަގަން ސޮވެރެން ގެރެންޓީ ދީފައި ހުންނާނީ މާލިއްޔަތު ގާނޫނައި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ. އެކަމަކު އީވާ ކުރެއްވި ބައެއް ސުވާލުތަކަށް އޭނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެގޮތުން ޗައިނާއަށް ލޯނު ނުދެއްވި ރާއްޖެ ހިސޯރުކުރާ ހިސާބަށް ހިނގާދާނެކަމާ މެދު އޭނާ ފާޅުކުރެއްވި ކަންބޮޑުވުމަށް ވެސް، މުނައްވަރު އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

"އަޅުގަނޑުމެންގެ ދައުރުގެ ފަހު ދުވަސްވަރު ހުންނާނެ ވަރަށް ގިނަ މަސައްކަތް ކޮށްފައި ދަރަނި އިތުރަށް މެނޭޖް ކުރުމަށްޓަކައި،" ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ލޯނުތަކާ ގުޅޭ ހުރިހާ ތަފްސީލުތަކެއް ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ. އަދި ވަޒީރުކަމުން ވަކިވެވަޑައިގެންނެވި އިރު އެ މައުލޫމާތުތައް "ކިހިލި ޖަހައިގެން ނުނިކުންނަ" ކަމަށް ވެސް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ މިހާރު ޓީޗަރެއްގެ މަގާމުގައި ހުންނެވި ނަމަވެސް، ކުރީގެ ޒިންމާއިން ދުރުނުވެވޭނެ ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވީ، ސިޔާސީ ކަންކަމުގައި ނޫޅުއްވާ ކަމާއި މިހާރު މަސައްކަތްކުރައްވަނީ ތައުލީމީ ދާއިިރާގައި ކަމަށް، މުނައްވަރު ވިދާޅުވުމުންނެވެ.

އެކަމަކު ސޮވެރިން ގެރެންޓީގެ މައްސަލާގައި، އެމްޑީޕީގެ ކުރީގެ ސަރުކާރުން ފެށި ކަމެއްގެ ގޮތުގައި ދައްކަވަން އޭނާ މަސައްކަތްކުރެއްވި އެވެ. އަދި އެ ސަރުކާރުގައި އެކަން އޮތް ގޮތަށް ވުރެ، ޔާމީން ސަރުކާރުން އެ ދާއިރާގައި ހިފެހެއްޓި އުސޫލުތައް ރަނގަޅު ވާހަކަ ވެސް، މިސާލު ދައްކަވަމުން ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާން ކުށް ކަމުގައި ނުވާ ނަމަ އަމިއްލަ ފަރާތްތަކަށް ސޮވެރިން ގެރެންޓީ ދޭން އެންމެ ފުރަތަމަ މަސައްކަތް ފެށުނީ 2011 ވަނަ އަހަރުގައި. އަޅުގަނޑުމެންގެ ދައުރުގައި މިކަމަށް އެކުލަވައިލި އުސޫލުތައް ވާނީ ޕަބްލިޝް ކުރެވިފައި،" ކުޑަ ތަފުސީލެއް ދެއްވަމުން މުނައްވަރު ވިދާޅުވި އެވެ.

އެހެން ވިދާޅުވުމުން ނިޒާމީ މައްސަލައެއް ނަންގަވާ އީވާ ވިދާޅުވީ "މިހާރު ޓީޗަރެކޭ ބުނެފައި ފަރުނުޖެއްސޭނެ" ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތައް މެނޭޖް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.