އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް އަންނަ އަހަރު 447 މިލިއަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
16 ނޮވެމްބަރ 2017
އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް އަންނަ އަހަރު 447 މިލިއަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ޚަރަދު ކުރަން ކުރިން އޮތީ ނިންމައިފަ އެވެ.
އެ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 818 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އިމާރާތް ނިންމަން ކުރާ 447 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ 447 މިލިއަން ރުފިޔާ އަކީ ހޮސްޕިޓަލް އިމާރާތް ކުރަން ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރެއް ކަމަށެވެ. އެކަމަކު މެންދުރުފަހު އޭނާ ވިދާޅުވީ އެއީ އިތުރަށް ކުރާ ހޭދައެއް ނޫން ކަމަށާއި އެ ބައި ހިމެނެނީ 818 މިލިއަން ރުފިޔާގެ ތެރޭގައި ކަމަށެވެ.
ބަޖެޓް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މުނައްވަރު.---ފޮޓޯ: ނިޝާން އަލީ/މިހާރު
ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރަށް ފައިސާ ހިމެނި ކަމަށް ވިދާޅުވުމުން، އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށާއި މިނިސްޓަރު މުނައްވަރަށް ފާޑު ވިދާޅުވެފަ އެވެ.
އިދިކޮޅު މެމްބަރުންގެ އެ ޝަކުވާއާ ގުޅިގެން މެމްބަރުންނާ ސުވާލު ކުރައްވައި މުނައްވަރު އެއްސެވީ "ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ވަކި ވަރަކަށް ބޮޑުވެއްޖެ ނަމަ،" ދޭން ނުޖެހޭތޯ އެވެ. މިނިސްޓަރުގެ އެ ވާހަކައާ ގުޅިގެން ކޮމެޓީގެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވި އެވެ.
އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަކީ ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަކަށް ހަދާ ތަނެއް ކަމަށާއި 140 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހޭދަކުރާތީ، އެކަމާ ކަންބޮޑުވާން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
"މި އަންނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެންދާއިރު، ތިއިން ކޮންމެ ބޭފުޅަކު ވަޑައިގަންނަވަންވީ މައްސަލައެއް ޖެހިފައި އޮތިއްޔާ ޗެކް ކުރައްވަން،" އިދިކޮޅު މެމްބަރުންނަށް އަމާޒު ކުރައްވަމުން މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމޭއިރު، "ސިންގަޕޫރު ފެންވަރަށް" އެ ހޮސްޕިޓަލުން ޚިދުމަތް ދެވޭނެ އެވެ. އަދި މިއީ ނަނާ ހުވަފެން ދައްކާނެ ސަރުކާރެއް ނޫން ކަމަށާއި ރައްޔިތުންނަށް ހަގީގަތްތައް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް ކުރާ ހޭދައަކީ "ކަނޑަށް އަޅާ އެއްޗެއް ކަމަށް" ގަބޫލުނުކުރައްވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއް، އެތަނާ ގުޅާލެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި 25 ބުރީގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި 26 އަށް އެތަން ހުޅުވުމެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަކުރާއިރު، އެއީ އެފަދަ އިމާރާތަކާ އަޅާ ބަލާއިރު ދެ ގުނަ ބޮޑު އަދަދެއް ކަމަށް ބުނެ ފާޑުކިއުން ވަނީ ކުރިއްސުރެ އަމާޒުވެފަ އެވެ. އެތަން އިމާރާތް ކުރަން، ބިޑް ކުރުމެއް ނެތި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލާގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް 818 މިލިއަން ރުފިޔާ
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ
ހައިބްރިޑް ތިއޭޓަރުގެ ބޭނުން ނުހިފެނީ ސާމާނު ނުލިބޭތީ
ޓްރީ ޓޮޕް އަށް ކޮވިޑް ބަލީގެ މީހުން ގެންދަން ފަށައިފި
އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!
ފިޒިއޮތެރަޕީގައި ދަރުމަވަންތަ އެންމެ ކުރީ ސަފަށް