Roadha Mihaaru
ހަދިޔާ: އިސްލާމްވެ ކައިވެނިކުރުމުން އަނިޔާގައި

ހަދިޔާ: އިސްލާމްވެ ކައިވެނިކުރުމުން އަނިޔާގައި

05 ޑިސެމްބަރ 2017

ހަދިޔާ އާއި ޝާފިން ޖަހާންގެ ކައިވެނީގެ ވާހަކަ އާއި އިންޑިޔާގެ ކޯޓަކުން އެ ދެ މީހުންގެ ނުރުހުމުގައި އެ ކައިވެނި ރޫޅާލި ވާހަކަ އިންޑިއާގައި ވަރަށް ގަދަޔަށް އެބަ ދެކެވެ އެވެ. ހަދިޔާ އާއި ޝާފިންގެ ކައިވެނި ރޫޅާލީ ހަދިޔާގެ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހަދިޔާ އާއި ޝާފިން ޖަހާންގެ ކައިވެނީގެ ވާހަކަ އާއި އިންޑިޔާގެ ކޯޓަކުން އެ ދެ މީހުންގެ ނުރުހުމުގައި އެ ކައިވެނި ރޫޅާލި ވާހަކަ އިންޑިއާގައި ވަރަށް ގަދަޔަށް އެބަ ދެކެވެ އެވެ. ހަދިޔާ އާއި ޝާފިންގެ ކައިވެނި ރޫޅާލީ ހަދިޔާގެ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

ހަދިޔާ އަކީ އިންޑިއާގެ ކެރަލާ ސްޓޭޓްގެ ކޮޓޭމް ޑިސްޓްރިކްޓަށް ނިސްބަތްވާ 24 އަހަރުގެ ޒުވާން އަންހެނެކެވެ.

ހަދިޔާގެ އަސްލު ނަމަކީ އަކިލާ އަޝޯކަން އެވެ. އޭނާއަކީ ހިންދޫ ދެމަފިރިއެއްގެ ހުރި އެންމެ އަންހެން ދަރިއެކެވެ. ހަދިޔާ ބުނާ ގޮތުގައި އޭނާ އިސްލާމް ދީން ޚިޔާރު ކުރީ އެއްވެސް މަޖްބޫރުކަމެއް ނެތި އަމިއްލައަށް ފެނިގެންނެވެ. އަދި ހަދިޔާ އަކީ އޭނާ އިސްލާމް ވުމަށް ފަހު ޚިޔާރު ކުރި ނަމެކެވެ.

ހަދިޔާ އަކީ ހޯމިއޯޕެޓިކް ޑޮކްޓަރަށް ވުމަށް ކިޔަވަމުން އައި ޒުވާނެކެވެ. އޭނާ ކިޔަވަން ހުރީ އަމިއްލަ އަވަށާ ތަންކޮޅެއް ދުރުގައި އޮންނަ ސާލެމް ކިޔާ ސަރަހައްދެއްގަ އެވެ. ސާލެމްގައި ހަދިޔާ ދިރިއުޅުނީ ފަސީނާ އާއި ޖަސީނާ ކިޔާ މުސްލިމް ދެ އަންހެންކުދިންނާ އެކުގަ އެވެ. އެ ގޭގައި ދިރިއުޅެމުން ގޮސް ކުއްލިއަކަށް ހަދިޔާގެ މައިންބަފައިންނަށް އޭނާ ގެއްލުނީ އެވެ.

ހަދިޔާ ގެއްލިގެން އޭނާގެ މައިންބަފައިން ޕޮލިހަށް މައްސަލަ ހުށަހެޅި އެވެ. އެމީހުން ބުނެފައިވަނީ ފަސީނާ އާއި ޖަސީނާ އަދި އެމީހުންގެ ބައްޕަ އަބޫބަކުރު ބައިވެރިވެގެން ހަދިޔާ ފޮރުވީ ކަމަށެވެ. އޭގެ ފަހުން އެމީހުންނަށް އެނގުނީ ބުރުގާއެއް އަޅައިގެން ހަދިޔާ ކޮލެޖަށް ކިޔަވަން ދާކަމެވެ.

ހަދިޔާ އާއި ފިރިމީހާ ޝާފިން ޖަހާން: ކޯޓުން ވަނީ ދެ މީހުންގެ ނުރުހުމުގައި ކައިވެނި ރޫޅާލާފައި

ހަދިޔާ އާއި ފިރިމީހާ ޝާފިން ޖަހާން: ކޯޓުން ވަނީ ދެ މީހުންގެ ނުރުހުމުގައި ކައިވެނި ރޫޅާލާފައި

ހަދިޔާގެ ބައްޕަ ކޯޓުގައި މި މައްސަލަ ޖައްސައި ހަދިޔާ ފަހުން ކޯޓަށް ހާޒިރުކުރި އެވެ.

ކޯޓުގައި ހަދިޔާ ބުނީ އޭނާ މައިންބަފައިންގެ ގެއިން ފިލީ އިސްލާމް ދީނަށް އުޅުނަ ނުދޭތީ އާއި ނަމާދު ކުރިޔަ ނުދޭތީ ކަމަށެވެ. އޭނާ އިސްލާމް ދީން ޚިޔާރު ކުރީ އެއްވެސް މަޖްބޫރުކަމެއް ނެތި ކަމަށާއި އެކުވެރިން އަބަދު ނަމާދުކޮށް ހަދާތަން ފެންނާތީ އެ ދީން ދަސްކުރަން އުފެދުނު ޝައުގެއްގެ ސަބަބުން އިސްލާމް ދީނަށް ބަދަލުވީ ކަމަށް ހަދިޔާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މައިންބަފައިންނަށް އެނގުނުއިރު ވެސް އޭނާ އިސްލާމް ދީނަށް އުޅޭތާ ތިން އަހަރު ވެއްޖެ އެވެ.

ހަދިޔާގެ އާއިލާއިން ބުނަނީ އޭނާ ކިޑްނެޕްކޮށްގެން މަޖްބޫރުން އިސްލާމް ދީނަށް ވައްދާފައިވާ ކަމަށެވެ. އަދި އެ މީހުން ހަދިޔާގެ މައްސަލަ ކަހަލަ މައްސަލަތަކަށް ދީފައި އޮންނަ ނަމަކީ "ލަވް ޖިހާދު" އެވެ. ހިންދޫން ގަބޫލުކުރަނީ މުސްލިމް ފިރިހެނުން ހިންދޫ އަންހެންކުދިން ހައްދައިގެން ކައިވެނިކޮށް ދީން ބަދަލު ކުރުވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުވުމަށް ކަަމަށެވެ. އަދި މިފަދަ ފިރިހެނުންނަކީ ޓެރަރިސްޓުންގެ އެޖެންޓުންގެ ގޮތުގައި އެމީހުން ސިފަ ކުރެ އެވެ.

ހަދިޔާގެ ބައްޕަ އަޝޯކަން ބުނި ގޮތުގައި އޭނާގެ ދަރިފުޅު އިސްލާމް ދީނަށް ބަދަލުވީ އާއިލާގެ އެއްވެސް މީހަކަށް އެނގުމެއް ނެތި އެވެ. އެހެންވެ ކޯޓު މެދުވެރިކޮށް އެމީހުންގެ ބާރުގެ ދަށަށް ދަރިފުޅު ގެނައުމުގެ މަސައްކަތް ޖެނުއަރީ 2016 އިން ފެށިގެން ހަދިޔާގެ ބައްޕަ ފެށީ އެވެ.

ކޯޓުގައި ހަދިޔާގެ މައްސަލަ ނުނިމި އުޅެނިކޮށް ކުއްލިއަކަށް ހަދިޔާ އެއް ދުވަހު ކޯޓަށް ހާޒިރުވީ "ނުދަންނަ" މީހަކާ އެކުގަ އެވެ. އަދި އެއީ އޭނާގެ ފިރިމީހާ ކަމަށާއި އިސްލާމީ އުސޫލުތަކާ އެއްގޮތަށް މިސްކިތުގައި އެމީހުން ގާޒީ އާއި ހެކިވެރިންގެ ހާޒިރުގައި ކައިވެނި ކޮށްފައިވާ ކަމަށް ހަދިޔާ ކޯޓުގައި ބުންޏެވެ.

ހަދިޔާ ބުނި ގޮތުގައި ކައިވެނިކުރާނެ މީހަކު ހޯދަން އޭނާ ވަނީ މެޓްރިމޯނިއަލް ސައިޓަކަށް ވަނަވަރު ފޮނުވާފަ އެވެ. ޝާފިން އަކީ އެގޮތަށް ހޯދި މީހެއް ކަމަށް ހަދިޔާ ބުންޏެވެ.

ޝާފިން އަކީ މެދުއިރުމަތީގެ ގައުމެއްގައި މަސައްކަތްކުރާ ކެރަލާގެ މީހެކެވެ. އޭނާ އިންޑިއާ އަށް އެނބުރި އައީ ކައިވެނި ކުރުމުގެ މަގްސަދުގަ އެވެ.

ނަމަވެސް ހަދިޔާ ކޯޓުގައި ދެއްކި އެއްވެސް ވާހަކައެއް ކޯޓަކުން ގަބޫލެއް ނުކުރި އެވެ. އެންމެ ފަހުން އެ ކައިވެންޏަށް އަހަރެއް ވީތަނާ ކޯޓުން އެމީހުންގެ ކައިވެނި ރޫޅާލިކަމަށް ހުކުމް ކުރި އެވެ. އެމީހުންގެ ނުގަބޫލުގަ އެވެ.

ކޯޓުން ހަދިޔާގެ ކައިވެނި ރޫޅާލީ އޭނާގެ ބައްޕަ ކޯޓުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. ކެރަލާ ހައި ކޯޓަށް ހަދިޔާގެ ބައްޕަ ކޭއެމް އަޝޯކަން ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ ޝާފިން ޖަހާން އަކީ ސީރިޔާ އަށް މީހުން ފޮނުވާ އެޖެންޓެއް ކަމަށެވެ. އަދި ހަދިޔާގެ ދީން ބަދަލުކުރުވައި ޝާފިން އޭނާއާ ކައިވެނި ކޮށްފައިވަނީ އޭނާގެ ބޮލަށް އެރިގެން ކަމަށާއި ޝާފިން އުޅެނީ ހަދިޔާ ވެސް އައިއެސް ޖަމާއަތުގައި ބައިވެރިކުރަން ސީރިޔާ އަށް ގެންދަން ކަމަށް ހަދިޔާގެ ބައްޕަ ކޯޓުގައި ބުންޏެވެ.

އެހާ ފަސޭހައިން ޝާފިން އާއި ހަދިޔާގެ ކައިވެނި ކެރަލާ ހައިކޯޓުން ރޫޅާލަދިނީ ހަދިޔާގެ ބައްޕަގެ މި ވާހަކަތަކުގެ ސަބަބުންނެވެ. ކައިވެނި ރޫޅާލުމަށް ފަހު ހަދިޔާއަށް އޭނާގެ ބައްޕަގެ ގޭގައި ދިރިއުޅެން ކޯޓުން މަޖުބޫރު ކުރި އެވެ. މިދިޔަ އެއް އަހަރު ހަދިޔާ ބައްޕަގެ ގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިން ފިޔަވައި އެހެން އެއްވެސް މީހަކާ ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ނުލިބި އެވެ.

ހަދިޔާގެ ފިރިމީހާ އޭނާގެ ކައިވެންޏާއި އަނބިމީހާ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. އަދި އެއީ "ލަވް ޖިހާދު" ކޭސް އެއް ނޫން ކަމަށް ޝާފިން ތަކުރާރުކޮށް ކޯޓުގައި ސާބިތު ކޮށްދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ނަމަވެސް މިއީ ހިންދޫންނާއި މުސްލިމުންގެ އަރާރުމަކަށް މިހާރު ވެފައިވާ މައްސަލައަކަށް ވާތީ އިދިކޮޅަށް ވާހަކަ ދައްކާ މީހުން ޝާފިން އަކީ ވެސް ޓެރަަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި މީހެއް ކަމަށް ތުހުމަތުކޮށް ތަފާތު ވާހަކަތައް ދައްކަމުން ދިއުމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވާ ގޮތް ވިއެވެ.

ދެން މި މައްސަލައިގެ ތެރެއަށް ވަނީ އިންޑިޔާގެ ސުޕްރީމް ކޯޓުންނެވެ. ހަދިޔާގެ މައްސަލައިގެ ލިޔެކިޔުންތައް އެ ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުން ކެރަލާ ސަރުކާރަށް އަމުރު ކުރި އެވެ. އަދި ނޭޝަނަލް އިންވެސްޓިގޭޝަން އެެޖެންސީން މި މައްސަލަ ތަހުގީގުކުރުމަށް ވެސް އޮގަސްޓް 16 ވަނަ ދުވަހު އަމުރު ނެރެފައިވެ އެވެ.

އެކްޓިވިސްޓެއް ކަމަށްވާ ރާހޫލް އީސްވަރް އަށް ހަދިޔާގެ ގެއިން އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނެވެ. އަދި ހަދިޔާގެ މެސެޖެއް އޭނާ ވީޑިއޯ ވެސް ކުރި އެވެ. އޭނާ އެންޑީޓީވީ އަށް ކިޔައިދިން ގޮތުގައި ހަދިޔާ އުޅެނީ ފާޚާނާއަކާ އެކު ހުންނަ ކުޑަ ކޮޓަރިއެއްގައި އެކަނިމާއެކަންޏެވެ. އެއްވެސް މީހަކަށް އޭނާއާ ބައްދަލުކުރުމުގެ ހުއްދައެއް ނޯވެ އެވެ. ނަމަވެސް މަރުވަންދެން ވެސް އޭނާ ހުންނާނީ މުސްލިމެއްގެ ގޮތުގައި ކަމަށް ހަދިޔާ ބުނި ކަމަށް ރާހޫލް ބުންޏެވެ.

ހަދިޔާގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ނޮވެމްބަރު 27 ވަނަ ދުވަހު ބާއްވާނެ ކަން އެ ކޯޓުން އިއުލާން ކުރީ އޮކްޓޯބަރު 30 ވަނަ ދުވަހު އެވެ. އެޕެކްސް ކޯޓުން ބުނެފައިވަނީ ހަދިޔާ އަކީ 24 އަހަރު ފުރިފައިވާ ބޮޑު މީހަކަށް ވާތީ އޭނާ މުސްލިމް މީހަކާ ކައިވެނި ކުރި ގޮތުގެ ވާހަކަ ވެސް ކޯޓުން އަޑުއަހާނެ ކަމަށެވެ.

އެކްޓިވިސްޓުން ބުނަނީ އެއީ "ލަވް ޖިހާދު" ކޭހެއް ނޫނޭ

އެކްޓިވިސްޓް ރާހޫލް ރެކޯޑްކުރި ވީޑިއޯގައި ހަދިޔާ ވަނީ އޭނާ އެތަނުން ނެރެދިނުމަށް ތަކުރާރުކޮށް އެދެމުން އެފިފަ އެވެ. އަދި މިއަދު ނޫނީ މާދަމާ އޭނާ މަރުވެދާނެ ކަމަށާއި އޭނާއަށް އެކަން ޔަގީން ކަމަށް ވެސް ހަދިޔާ ބުނެފައި ވެއެވެ. އަދި އޭނާގެ ބައްޕަގެ ރުޅިގަދަވެ އޭނާއަށް އަނިޔާކޮށް އޭނާގެ ގަޔަށް ފައިން އަރާ ހަދާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ނެޝަނަލް ކޮމިޝަން ފޯ ވިމެންގެ ފަރާތުން ހަދިޔާ ގެއަށް ގޮސް އޭނާއާ ބައްދަލު ކުރުމަށްފަހު ރިޕޯޓު ކޮށްފައިވަނީ ހަދިޔާ އަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށާއި އޭނާ ހުރީ ރައްކާތެރިކަމާ އެކުގައި ކަމަށެވެ. އަދި ހަދިޔާ ހުންނަނީ ރަނގަޅަށް ކައިގެން ހެވިފައި މަޖާކޮށް ކަމަށް ބުންޏެވެ.

ހަދިޔާގެ ފިރިމީހާ ޝާފިން ޖަހާން އާ ވެސް ހަ ގަޑިއިރު ވަންދެން ފުލުހުން ސުވާލުކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓަށް ހާޒިރު ކުރުމަށްޓަކައި ދިއްލީ އަށް ފްލައިޓްގައި ހަދިޔާ ގެންދިޔައިރު ވެސް އޭނާ ގޮވަމުން ދިޔައީ އޭނާ އިސްލާމް ދީން ޚިޔާރު ކުރީ އަދި ޝާފިން އާ ކައިވެނި ކުރީ އެއްވެސް މަޖްބޫރުކަމެއް ނެތި ކަމަށާއި ފިރިމީހާއާ އެކު ދިރިއުޅެން ބޭނުން ކަމަށެވެ.

ނޮވެމްބަރު 27 ވަނަ ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓުގައި އޮތް ހަދިޔާގެ މައްސަލައިގެ އަޑުއެހުމަށްފަހު ހަދިޔާ އަށް ވަނީ އޭނާގެ މައިންބަފައިންގެ ގެއިން ނުކުތުމުގެ އިޒުނަ ލިބިފަ އެވެ. އަދި މިހާރު ވަނީ އޭނާ ކިޔަވަމުން ދިޔަ ކޮލެޖްގެ ޑީން އަށް ހަދިޔާގެ ބެލެނިވެރިކަން ހަވާލު ކޮށްފަ އެވެ. ހަދިޔާއަށް އަންގާފައިވަނީ ކޮލެޖުގެ ހޮސްޓެލްގައި ހުރެގެން އޭނާގެ ކޯހުގެ ނުނިމި އޮތް ބައި ފުރިހަމަ ކުރުމަށެވެ. އޭނާއަށް "މިނިވަންކަން" ލިބޭނެ އޮތީ ހަމައެކަނި އެ ގޮތް ކަމަށެވެ.

ނުރުހުމުގައި ކައިވެނި ރޫޅާލި މައްސަލަ ހަދިޔާގެ ފިރިމީހާ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެއީ "ލަވް ޖިހާދު" ކޭސް އެއްތޯ ތަހުގީގު ކުރަމުން ދާތީ އެވެ.

ކޯޓުގެ ނިންމުމަށް އެތައް ބަޔަކު ފާޑު ކިޔަމުންދާއިރު ހަދިޔާ އަށް އަދިވެސް ހަމަޖެހުމުގެ ނޭވާއެއް ލެވޭގޮތެއް ނުވެ އެވެ. ނަމަވެސް ހޮސްޓެލް އަށް އެނބުރި ގޮސް ޑީންގެ ފޯނުން ފުރަތަމަ ފަހަރަށް ފިރިމީހާއާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުމުން ހަދިޔާ އުފަލުން ފޮޅުނެވެ. އޭނާގެ ހުރިހާ މާޔޫސްކަމެއް ފިލައި ހިތްހަމަޖެހިއްޖެ ކަމަށް ހަދިޔާ ބުންޏެވެ