Roadha Mihaaru
ފައިނަލްގައި ޓީސީ އާއި ނިއުގެ ކުރިމަތިލުމެއް

ފައިނަލްގައި ޓީސީ އާއި ނިއުގެ ކުރިމަތިލުމެއް

03 ޑިސެމްބަރ 2017

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު އެފްއޭ ކަޕް ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 4-0 އިން ކުރިހޯދައި މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނަން ޖެހިއްޖެ އެވެ.

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު އެފްއޭ ކަޕް ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 4-0 އިން ކުރިހޯދައި މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނަން ޖެހިއްޖެ އެވެ.

ނިއު މިރޭ މޮޅުވުމާ އެކު ޓީސީ އަށް ވަނީ އަންނަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން އިން ޖާގަ ލިބިފަ އެވެ. އެއީ ނިއު އަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން އޭއެފްސީ ކަޕްގެ ޖާގައެއް ލިބިފައިވާއިރު، ލީގުގެ ދެ ވަނަ ހޯދީ ޓީސީ ކަމަށް ވުމުންނެވެ.

ފައިނަލްގެ ޖާގަ ޓީސީ ހޯދީ މާޒިޔާ އަތުން ރޭ 2-0 އިން މޮޅުވެގެންނެވެ. ޓީސީ އާއި ނިއު ކުޅޭ ފޯރިގަދަ ފައިނަލް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ނިއު އަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަސްޕެންޝަނަށް ފަހު ސެންޓޭ ޓީމާ ގުޅިފައިވުމެވެ. ފުރަތަމަ 11 ގައި ސެންޓޭ ކުޅުނުއިރު، ޓީމުގެ ކެޕްޓަންކަން ކުރީ ވެސް އޭނާ އެވެ. މި މެޗު ނިއު އިން ކުޅުނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ފަަޒީލް (އޮއްޕޮ) ނުލަ އެވެ.

މެޗުގެ ތިން ވަނަ މިނިޓްގައި އަރިމަތިން ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ޖަހަން އަރައި ތިބި އެއްވެސް ކުޅުންތެރިއަކު ބޮލުގައި ލައްވާ ނުލިއިރު، އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސް އޭރިއާ ތެރެއިން ނިއުގެ ހަސަން އަދުހަމް (ސަޑޭ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ ހަތް ވަނަ މިނިޓްގައި ނިއު އަށް ލީޑު ނަގައި ދިނީ ސެންޓޭ އެވެ. އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް ފައިގައި ޖެހިފައި ކީޕަރު އަހުމަދު ފައިރޫޒް އަތުގައި ވެސް ޖެހިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާެރު

ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާެރު

ފުރަތަމަ ހާފްގެ ކޮންޓްރޯލް ނިއު އިން ނަގައިގެން ކުޅުނުއިރު ދެ ވަނަ ލަނޑެއް ޖަހަން ވެސް އެ ޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ 24 ވަަނަ މިނިޓްގައި އޭރިއާ ތެރެއިން ސަޑޭ ފޮނުވާލި ބޯޅަ ގޯލު ތެރެއަށް އޮއްސެން ދަނިކޮށް ކީޕަރު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ފަހުން ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ވެސް ފައިރޫޒް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 39 ވަަނަ މިނިޓްގައި އޭރިއާ ތެރެއިން ނިއުގެ އަހުމަދު އަބްދުﷲ (ލިލީ) ފޮނުވާލި ބޯޅަ ބޭރުވީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނިއުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ފައިރޫޒް އަތުގައި ޖެހިފަ އެވެ.

އޭގެ މިނިޓެއް ފަހުން ނިއުގެ އޭރިއާ ތެެރެއިން ގްރީން ސްޓްރީޓްސްގެ މުހުތާރު ނަސީރު (ޓޫކިލޯ) ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ 59 ވަނަ މިނިޓްގައި އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ބޯޅަ ކީޕަރު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން މުހައްމަދު ރަޝީދު (ހޮކޭ) ދިން ބޯޅަ އަކުން ސެންޓޭ ކީޕަރު ފައިރޫޒް ގައިމަތިން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ގްރީން ސްޓްރީޓްސްގެ ނައްޒާމް (ކ) ކައިރިން ހޮކޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ނައްޒާމް (ކ) ކައިރިން ހޮކޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސެންޓޭ ނިއުގެ ތިން ވަނަ ގޯލު ޖެހިީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. ހޮކޭ ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ކީޕަރު ފައިރޫޒް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ގާތްގާތުގައި ނިއު އިން ފޮނުވާލި ތިން ހަމަލާއެއް ފައިރޫޒް ވަނީ މަތަކޮށްފަ އެވެ.

ސެންޓޭ އޭނާގެ ހެޓްރިކު ފުރިހަމަ ކުރީ މެޗުގެ ފަހު މިނިޓްގައި ޖެހި ހިތްގައިމު ހިލޭ ޖެހުމުންނެވެ. ސެންޓޭ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ކީޕަރު ފައިރޫޒް ހުރީ ހަރަކާތް ހުއްޓިފަ އެވެ.

މިއީ ނިއު ޖެހިޖެހިގެން މޮޅުވި 14 ވަނަ މެޗެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ނިއު ކެޓީ ޓީސީ އަތުންނެވެ. އެ ފަހަރު ނިއު އަށް ލިބުނީ މުބާރާތުގެ ތިން ވަނަ އެވެ. މިއީ އެފްއޭ ކަޕް 11 ފަހަރު ހޯދި ނިއު 2014 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ.