Roadha Mihaaru
އެފްއޭ ކަޕް 12 ވަނަ ފަހަރަށް ނިއު ކާމިޔާބުކޮށްފި

އެފްއޭ ކަޕް ތަށި 12 ވަނަ ފަހަރަށް ނިއު އިން އުފުލާލައިފި

07 ޑިސެމްބަރ 2017

ޓީސީ ސްޕޯޓްސް ކްލަބް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން 6-4 އިން އެ ޓީމު ބަލިކޮށް ނިއު ރޭޑިއަންޓުން އެފްއޭ ކަޕުގެ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓީސީ ސްޕޯޓްސް ކްލަބް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން 6-4 އިން އެ ޓީމު ބަލިކޮށް ނިއު ރޭޑިއަންޓުން އެފްއޭ ކަޕުގެ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ހޯދައިފި އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ކޮނޭލިއަސް ސްޓެވާޓުގެ ދެ ލަނޑުން ޓީސީ ކުރި ހޯދި އެވެ. ނިއު އިން އެއްވަރުކުރީ ދެ ވަނަ ހާފުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުތަކުންނެވެ.

ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖެހީ އެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ނިއުގެ ފުރަތަމަ ޕެނަލްޓީ އޮއްޕޮ އަދި ޓީސީގެ ފުރަތަމަ ޕެނަލްޓީ އަލާ ނާސިރު ކާމިޔާބުކުރި އެވެ. ނިއުގެ ދެ ވަނަ ޕެނަލްޓީ ސެންޓޭ ވައްދާލާފައިވަނިކޮށް ޓީސީގެ ދެ ވަނަ ޕެނަލްޓީ ކޮނޭލިއަސް ޖެހުމުން ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރި އެވެ. ނިއު އަށް ކުރި ހޯދަން ލިބުނު ފުރުސަތުގައި ހުސެއިން އެލްޑޯ ޖެހި ޕެނަލްޓީ ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްސޮން ދިފާއުކުރި އެވެ. އޭގެ ފަހުން ޓީސީގެ ހަލީލް ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރި އެވެ.

ނިއުގެ ހަތަރު ވަނަ ޕެނަލްޓީ އަކްރަމް އަބްދުލްގަނީ (އަކޫ) ވައްދާލި އެވެ. އެކަމަކު ޓީސީގެ ހަތަރު ވަނަ ޕެނަލްޓީ ނިއުގެ ކުރީގެ ކުޅުންތެރިއާ އަހުމަދު ސުހެއިލް (ބަމްޕުޗް) ޖެހުމުން އިމްރާން މަތަކުރި އެވެ. އަދި ނިއުގެ ފަސް ވަނަ ޕެނަލްޓީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ކުޅެން ނުކުތް މުހައްމަދު ރަޝީދު (ހޮކޭ) ކާމިޔާބުކުރުމާ އެކު އެ ޓީމު މޮޅުވި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް އޭއެފްސީ ކަޕުން ޖާގަ ކަށަވަރުކޮށްފައިވާ ނިއު އިން އޭއެފްސީ ކަޕުގެ ދެ ވަނަ ޖާގަ ލިބޭ މުބާރާތް ވެސް އުފުލާލުމުން ޓީސީން އެ މުބާރާތުގައި ވާދަކުރާނީ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ.

މިރޭގެ މޮޅަކީ ނިއު އިން ސީޒަނުގައި ޖެހިޖެހިގެން މޮޅުވި 15 ވަނަ މެޗެވެ. އަދި މިއީ މި ސީޒަނުގައި އެ ޓީމުން ޓީސީގެ މައްޗަށް ކުރި ހޯދި ފަސް ވަނަ ފަހަރެވެ.

މެޗު ފެށި ގޮތަށް ނިއު އިން ކޮންޓްރޯލް ނެގި ނަމަވެސް ޓީސީން ވަނީ ކުރީކޮޅު ކައުންޓާ އެޓޭކެއްގައި ގޯލް ޖަހައިފަ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އަރިމަތިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަސް އޭރިއާ ތެރެއިން ސްޓެވާޓް ބޮލުން ޖެހުމުން ގޯލަށް ވަނީ އިމްރާން އަތްކައިރިން ގޮހެވެ.

ޓީސީން ލީޑުނެގުމާ އެކު ނިއު އިން ބޯޅަ ހިފަހައްޓައިގެން ކުޅެ، އެޓޭކް ވަރުގަދަ ކުރި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރި އެވެ. މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު ކިރަން މަތަކުރި އެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ނިއުގެ އޭރިއާ ތެރެއިން ޓީސީގެ ސްޓެވާޓް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރުންނެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ލިބުނު ޕެނަލްޓީ އަކުން ސްޓެވާޓް ވަނީ ޓީސީގެ ލީޑުފުޅާކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ ނިއުގެ އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް އޭރިއާ ތެރެއިން ނިއުގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ސްޓެވާޓް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ކީޕަރު އިމްރާން އަތުގައި ޖެހިފަ އެވެ.

ތިން ވަނަ ލަނޑެއް ޖަހަން މެޗުގެ 29 ވަނަ މިނިޓްގައި ސްޓެވާޓަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަރިމަތިން ނިއުގެ ރިލްވާން ވަހީދު (ރިލޭ) ފަހަތަށް ދިން ބޯޅަ ލިބުނީ ސްޓެވާޓަށެވެ. އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ނިއު ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

ނިއުގެ ދަގަނޑޭ (މ) ހުއްޓުވަން ޓީސީގެ އަލާ ނާސިރު ޓެކްލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ދަގަނޑޭ (މ) ހުއްޓުވަން ޓީސީގެ އަލާ ނާސިރު ޓެކްލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީން ލީޑުފުޅާކުރުމުން ނިއު އަށް މެޗުގެ ތެރެއަށް ވަންނަން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެހެން ނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި މެޗުގެ 30 ވަނަ މިނިޓުން ފެށިގެން ޓީސީ އަށް އަނެއްކާ ވެސް ނުރައްކާ ކުރަން ފެށި އެވެ.

އޭގެ ފަހުން ނިއު އިން އުފެއްދި ގިނަ ހަމަލާތައް ހުއްޓުވީ ކީޕަރު ކިރަން އެވެ. އޭގެ ތެރޭގައި ސެންޓޭ ފޮނުވާލި ގިނަ ޝޮޓްތައް ހިމެނެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓް ތެރޭ ރިލޭ ނަގައިދިން ހުރަހަކުން އެލްޑޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން ދަގަނޑޭ ނަގައިދިން ބޯޅަ އަކުން އަހުމަދު އަބްދުﷲ (ލިލީ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ނިއު އަށް މެޗުގެ 50 ވަނަ މިނިޓްގައި ލަނޑު ޖަހައިދިނީ އޮއްޕޮ އެވެ. އޭރިއާ ތެރެއިން އޮއްޕޮ އަށް ލިބުނު ބޯޅަ އޭނާ ވަނީ ކީޕަރު ކިރަން ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ނިއު އިން ވަނީ ލިލީ އާއި ރިލޭގެ ބަދަލުގައި ހޮކޭ އާއި ހަސަން އަދުހަމް (ސަޑޭ) ކުޅެން އަރުވައިފަ އެވެ.

ބަދަލުތަކާ އެކު ނިއު އިން މެޗުގެ ކޮންޓްރޯލް ނެގި އެވެ. ނިއު އަށް މެޗުގެ 76 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން ސެންޓޭ އެވެ. މި ޕެނަލްޓީ އަކީ ޓީސީ އޭރިއާ ތެރެއިން އެ ޓީމުގެ މިސްރު ޑިފެންޑަރު އަލާ ނާސިރު ނިއުގެ ދަގަނޑޭ އަށް ކުރި ފައުލަކަށް ރެފްރީން ދިން ޕެނަލްޓީ އެކެވެ.

ނިއު އިން ނަތީޖާ ހަމަހަމަ ކުރުމުން ޓީސީން ކުރިއަށް ޖެހިގެން އަލުން ލީޑުނަގަން މަސައްކަތްކުރި އެވެ. އަދި މެޗުގެ 82 ވަނަ މިނިޓްގައި ޓީސީގެ ހަލީލް ޖަމާލް ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ނާއިޒު ހަސަން (ދާދު) ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭގެ މިނިޓެއް ފަހުން ނިއުގެ އަބްދުﷲ މިދުހަތް (ބިޗަޑް) އަރިމަތިން ނަގައިދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށްހުރެފައި އޮއްޕޮ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފް ފެށިގެން ދެ މިނިޓް ތެރޭ ސްޓެވާޓަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް ބޭނުން ނުހިފުނެވެ. އޭގެ ފަހުން ޓީސީ އޭރިއާ ތެރެއިން ދަގަނޑޭ އާއި ސަޑޭ ފޮނުވާލި ދެ ބޯޅަ ވެސް ޓީސީ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

މިއީ އެފްއޭ ކަޕް ފައިނަލުން ޖެހިޖެހިގެން ޓީސީ ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ވެލެންސިއާއާ ވާދަކޮށެވެ.

ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސްޓީއޯ މާލޭ ލީގު މާޒިޔާ އިން ކާމިޔާބުކުރި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އުފުލާލީ ނިއު އިންނެވެ. ދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ނިއު އާއި ޓީސީ އެވެ. މޮޅުވާ ޓީމަކަށް ފައިނަލަށް ދެވޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ އެރޭ މާޒިޔާ އާއި ގދ. ތިނަދޫ ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.