Roadha Mihaaru
ސީލައިފް އަތުން މޯލްޑިވިއަން އަށް ފަސޭހަ މޮޅެއް

ސީލައިފް އަތުން މޯލްޑިވިއަން އަށް ފަސޭހަ މޮޅެއް

05 ޑިސެމްބަރ 2017

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗުން ސީލައިފް ސްޕޯޓްސް ކްލަބް އަތުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗުން ސީލައިފް ސްޕޯޓްސް ކްލަބް އަތުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

މިއީ އެސޯސިއޭޝަން ކަޕް ފައިނަލުގައި ސީލައިފާއި މޯލްޑިވިއަން ކުޅުނު މެޗަށް ފަހު މި ދެ ޓީމު ބަައްދަލުކުރި ފުރަތަމަ މެޗެވެ. އެ ފަހަރު އެއް ވެސް މެޗަކުން ބަލިނުވެ، ސީލައިފް އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ޖާގަ ހޯދާފައިވަނިކޮށް މޯލްޑިވިއަން ވަނީ ފައިނަލުގައި އެ ޓީމު ބަލިކޮށްފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި މޯލްޑިވިއަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. މޯލްޑިވިއަނުން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 29-27 އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަން އަށް މުހިއްމު ޕޮއިންޓުތަކެއް ރޭގެ މެޗުގައި ހޯދައިދިން ޕާކިސްތާންގެ ގައުމީ ޓީމުގެ ކުޅުންތެރިއާ އައިމަލް ހާން އެވެ.

ފަސް ޓީމު ވާދަކުރާ މި ބައިން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ކާމިޔާބުކޮށްފައިވަނީ ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން އެވެ. ސީލައިފް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

މުބާރާތުގެ އަންހެން ބައިގައި އިއްޔެ ކުޅުނު މެޗުން ޏ. ފުވައްމުލަކު މިސްކިތްމަގު އެކުވެރިންގެ ގުޅުމުން ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-19، 19-25، 25-20 އަދި 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތް މަގަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބިދޭސީ ކުޅުންތެރިއާ ނިރްމަލާ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ އަންހެން ބައިގެ މެޗުގައި މޯލްޑިވިއަން ބައްދަލުކުރާނީ ޕޮލިހާ އެވެ. އަދި މިރޭ ފިރިހެން ބައިގެ މެޗުގައި ސީލައިފް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.