Roadha Mihaaru

ސައި ޖޯޑެއް ބޯލުމުން ގްލުކޯމާގެ ނުރައްކާ ކުޑަވެދާނެ: ދިރާސާ

ގުލުކޯމާގެ ސަބަބުން ލޯ އަނދިރިވުމުގެ ނުރައްކާ، ދުވާލަކު އެންމެ ފަހަރަކު ނަމަވެސް ސައި ޖޯޑެއް ބޯލުމުން ކުޑަވާ ކަމަށް ފަހުގެ ހޯދުމަކުން ދައްކައިފި އެވެ.

ސައި ޖޯޑެއް ބޯލުމުން ގްލުކޯމާގެ ނުރައްކާ ކުޑަވެދާނެ
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

18 ޑިސެމްބަރ 2017

ގުލުކޯމާގެ ސަބަބުން ލޯ އަނދިރިވުމުގެ ނުރައްކާ، ދުވާލަކު އެންމެ ފަހަރަކު ނަމަވެސް ސައި ޖޯޑެއް ބޯލުމުން ކުޑަވާ ކަމަށް ފަހުގެ ހޯދުމަކުން ދައްކައިފި އެވެ.

ގުލުކޯމާ އަކީ ލޮލަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން އޮޕްޓިކް ނާވް ހަލާކުވެ ލޮލުގެ ފެނުން ގެއްލެ އެވެ. އޮޕްޓިކް ނާވް ހަލާކުވަނީ ލޮލު ތެރޭގައި އުފެދޭ ފްލުއިޑް ޕްރެޝަރެއްގެ ސަބަބުންނެވެ.

ގްލުކޯމާގެ އަަސަރުކޮށްފައިވާ 57.5 މިލިއަން މީހުން މިހާރު ދުނިޔޭގައި އެބަތިބި ކަމަށް ރިޕޯޓްތަކުން ދައްކަ އެވެ. އަދި 2020 އާ ހަމައަށް ދާއިރު 65.5 މިލިއަން މީހުން ތިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބްރިޓިޝް ޖާނަލް އޮފް އޮޕްތަލްމޮލޮޖީގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައި އާދަވެ ސައި ބޯ މީހުންނާއި އެއްގޮތަކަށް ވެސް ސައި ނުބޯ މީހުން އަޅާބަލާފައި އެވެ. މި ހޯދުން ދައްކާ ގޮތުން ދުވާލަކު އެންމެ ސައި ތައްޓެއް ނަމަވެސް ބޯ މީހުންނަށް ގްލުކޯމާ ޖެހުނު މިންވަރު އެއްގޮތަކަށް ވެސް ސައި ނުބޯ މީހުންނަށް ވުރެ މަދެވެ.

މި ހޯދުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭން ކޯލްމަން ވިދާޅުވީ ލައިފްސްޓައިލަށް ބަދަލު ގެނެސްގެން ގްލުކޯމާ އިން ދިފާއު ވެވިދާނެކަން މި އާ ހޯދުމުން ހާމަވާ ކަމަށެވެ. އެކަމަކު މި ހޯދުންތަކުގެ މުހިއްމުކަން ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހޯދުމަށް ރިސާޗަރުން ބަލާފައިވާ ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ނެޝަނަލް ހެލްތު އެންޑް ނިއުޓްރިޝަން އެގްޒެމިނޭޝަން ސާވޭ ހިމެނެ އެވެ. މިއީ އެ ގައުމުގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސިއްހަތާއި ފައިދާ ހުރި ކާނާ ކާ މިންވަރު ބެލުމަށް އަހަރަކު 10،000 މީހުންގެ މެދުގައި ކުރާ ސާވޭއެކެވެ.

މި ސާވޭގައި ގުލުކޯމާ ހުރިތޯ ވެސް ޓެސްޓްތައް ކުރެ އެވެ. އެގޮތުން ފަސް ޕަސެންޓް (1،678 މީހުން) އަށް ގްލުކޯމާ ޖެހުނު ކަން ވަނީ ފާހަގަކުރެވިފަ އެވެ.

ރިސާޗަރުންނަށް އެނގުނީ ހޫނު ސައި ބޯ މީހުންނަށް ގްލުކޯމާ ޖެހުމުގެ ފުރުސަތު 74 ޕަސެންޓް ދަށްވާ ކަމަށެވެ. ސައި ބުއިމުން ގްލުކޯމާ ޖެހުމުގެ ފުރުސަތު ހަނިވަނީ ސަޔަކީ އެންޓިއޮކްސިޑަންޓްސް އާއި އެންޓި-އިންފްލެމޭޓަރީ އަދި ނިއުރޯޕްރޮޓެކްޓިވް ކެމިކަލްސް ހުންނަ އެއްޗަކަށް ވާތީ އެވެ. ސަޔަކީ ގްލުކޯމާ ނޫނަސް ހިތުގެ ބަލިތަކާއި ކެންސަރު އަދި ހަކުރުބަލި ފަދަ ސިއްހީ ނުރައްކާތައް ވެސް ދަށްކޮށްދޭ އެއްޗެއްކަން ސައިންސްވެރިން ފާހަގަކުރެ އެވެ.