ޑރ. އަލްމާސް އަދުނާން އިސްމާއިލް ވަނީ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ މި ވަގުތު އަންނަނީ ގްލައުކޯމާއިން ސަބް-ސްޕެޝަލައިޒް ވުމަށް ބަންގްލަދޭޝްގައި ކިޔަވައި ވިދާޅުވަމުންނެވެ.
ޑރ. އަލްމާސް އަދުނާން އިސްމާއިލް ވަނީ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ މި ވަގުތު އަންނަނީ ގްލައުކޯމާއިން ސަބް-ސްޕެޝަލައިޒް ވުމަށް ބަންގްލަދޭޝްގައި ކިޔަވައި ވިދާޅުވަމުންނެވެ.
-----
ގުލަކޯމާއަކީ ލޮލުގެ ފެނުމަށް ބޭނުންވާ ސިގްނަލްތައް ސިކުނޑި އަށް ފޯރުކޮށްދޭ މައި ނާރު ހަލާކުވެގެން ލޮލުގެ ފެނުން ދަށްވެ، ފަރުވާ ހޯދުން ލަސްވެއްޖެ ނަމަ ދާއިމީ ގޮތެއްގައި ލޯ އަނދިރިވެދާނެ ބައްޔެކެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާ ކަމުގައިވާ ނަމަ ލޮލުގެ ފުސްކަން އިޔާދަ ނުކުރެވޭ ނަމަވެސް ރައްކާތެރި ކުރެވޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު ބައްޔެވެ.
ދިރާސާތަކުން ދައްކާގޮތުގައި 2020 ވަނަ އަހަރު 76 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު 2030 ގައި މި އަދަދު 95.4 މިލިއަނަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގައި ގައުމީ ފެންވަރެއްގައި ގުލަކޯމާއާ ބެހޭ ދިރާސާއެއް ހެދިފައި ނެތުމުން ބަލި ތަހައްމަލު ކުރަމުންދާ ދިވެހިންގެ އަދަދު އެނގޭކަށް ނެތެވެ. ނަމަވެސް 2022 އަދި 2023 ވަނަ އަހަރު، އައިޖީއެމްއެޗުގެ ފަރާތުން މާލެ އާއި ބ. އޭދަފުށީގައި ހިންގި ގުލަކޯމާ ސްކްރީނިން އިން ފާހަގަކުރެވުނު ގޮތުގައި 46.6 ޕަސެންޓު މީހުންނަށް މި ބައްޔާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް މައުލޫމާތު ލިބިފައި ވެ އެވެ. އެކަމަކު، އެ ބަލީގެ މައުލޫމާތު ރަނގަޅު ވަރަކަށް ލިބިފައިވަނީ އެންމެ 5.9 ޕަސެންޓު މީހުންނަށެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި 66.9 ޕަސެންޓު މީހުންނަށް މިއީ ކޮންބައްޔެއް ކަމެއް ވެސް ނޭނގެ އެވެ.
ގުލަކޯމާއަށް ހޭލުންތެރިކުރުމުގެ ގޮތުން "ވޯލްޑް ގުލަކޯމާ އެސޯސިއޭޝަން" އިން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ މާޗު މަހުގެ ދެވަނަ ހަފުތާގައި "ވޯލްޑް ގުލަކޯމާ ވީކް" ފާހަގަކުރެ އެވެ. އަދި ކޮންމެ އަހަރެއްގެ މާޗު މަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގެ ގުލަކޯމާ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ. މި އަހަރުގެ "ވޯލްޑް ގުލަކޯމާ ވީކް" ފާހަގަ ކުރަނީ މާޗު 9-15 އަށެވެ. މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޔުނައިޓިން ފޯ އަ ގުލަކޯމާ ފްރީ ވޯލްޑް" ނުވަތަ "ގުލަކޯމާ ނައްތާލެވިފައިވާ ދުނިޔެއަކަށް އެއްބައިވަމާ" އެވެ. އެހެންކަމުން މި ލިޔުމުގައި ގުލަކޯމާއާ ބެހޭ މައުލޫމާތުކޮޅެއް ހިމަނާލާނަމެވެ.
ލޮލުގެ އެތެރޭގެ ބައިތަކަށް ކާނާ ފޯރުކޮށްދިނުމަށްޓަކައި ގުދުރަތީ ގޮތުން މެދުކެނޑުމެއް ނެތި ލޮލުގެ އެތެރޭގައި ފެން އުފެދި، ދައުރުވެ، ބޭރުކުރެ އެވެ. މި ފެން ދައުރުވާ ނިޒާމަށް ނުވަތަ ބޭރުކޮށްދޭ ނިޒާމަށް ހުރަހެއް މެދުވެރިވުމުން ލޮލުގެ ޕްރެޝަރު މަތިވެ އެވެ. އެއާ އެކު. ލޮލާއި ސިކުނޑީގެ ފެނުމުގެ ނިޒާމާ ގުޅިފައިވާ މައި ނާރަށް މި ޕްރެޝަރުގެ ސަބަބުން ނޭދެވޭ ބަދަލުތަކެއް އައިސް ނާރުގެ މަސައްކަތް ދަށްވެ އެވެ. ބައެއް ހާލަތްތަކުގައި ލޮލުގެ ޕްރެޝަރު ނިސްބަތުން އާދައިގެ ވަރެއްގައި ހުއްޓަސް ނާރަށް ލިބެންވާ މިންވަރަށް ލޭ ނުލިބުމާއި އެހެނިހެން ސަބަބުތަކާ ހުރެ ނާރަށް ގެއްލުން ލިބެން މެދުވެރިވެ އެވެ.
ލޮލުގެ މައްސަލައެއް ނެތް މީހަކަށް މަންޒަރެއް ފެންނަ ގޮތް.
ނާރަށް ލިބޭ ގެއްލުމަކީ ދާއިމީ ކަމަކަށް ވުމުން ލޮލުގެ ފެނުމަށް އަންނަ ބަދަލަކީ އަލުން އިޔާދަ ނުކުރެވޭ ދާއިމީ ބަދަލެކެވެ. ލޮލުގެ ބައެއް އެހެން ބަލިތަކާ ހުރެ ލޯ ފުސްވާފުސްވުން ފަރުވާއާ އެކު، ސާފުވި ކަމަށް ވިޔަސް ގުލަކޯމާއާ ހުރެ އިހުސާސް ކުރެވޭ ފުސްކަން އަނބުރާ އިއާދަ ކުރެވޭނެ ގޮތެއް އަދި މިހާތަނަކަށް ސައިންސްވެރިންނަށް ހޯދިފައެއް ނުވެ އެވެ.
ގިނަ ފަހަރަށް ގުލަކޯމާއަކީ އިތުރު އެހެން ސަބަބަކާ ނުލައި، ވިރާސީ ގޮތުން މެދުވެރިވާ ބައްޔެކެވެ. އާއިލީ މީހެއްގެ ކިބައިން މި ބަލި ދެނެގަނެވިފައިވާ ނަމަ އެ އާއިލާއެއްގެ އެންމެން ވެސް ބަލި ހުރިތޯ ސްކްރީނު ކުރުމަކީ ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމަށް ވަރަށް މުހިއްމު ކަމެކެވެ. އާންމުކޮށް އުމުރުން 40 އަހަރުން މަތީގެ މީހުންނަށް މި ބަލި ޖެހުނަސް މި އަށް ވުރެ ޅަ އުމުރުގައި ވެސް ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ބައެއް ފަހަރަށް ލޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން ލޮލުގައި ނުވަތަ ހަށިގަނޑުގައި ހުންނަ އެހެން ބައްޔެއްގެ ސަބަބުން ނުވަތަ ލޮލުގެ އޮޕަރޭޝަނެއްގެ މައްސަލައަކާ ހުރެ ވެސް ގުލަކޯމާގެ އަސަރު ކޮށްފާނެ އެވެ.
ގުލަކޯމާ އަށް މަގުފަހިވާ ބަލިތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ހަކުރުބަލި ކޮންޓްރޯލް ނުކުރެވި، ލޮލުގެ އަލިދުލިފަށަށް (ރެޓިނާ އަށް) ހަކުރުބަލީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުރުމެވެ. ލޮލަށް ލޭ ދައުރުވުމުގައި ހުރަހެއް މެދުވެރިވުމާއި ލޮލުގެ އެތެރޭގެ (ރެޓިނާގެ) ލޭ ނާރެއް ބެދުމާއި މި ނޫން ވެސް ހަށިގަނޑުގެ ވަރަށްގިނަ އެހެން ބަލިތަކާ ހުރެ ގުލަކޯމާ ޖެހުމަށް މަގުފަހިވެ އެވެ.
ބައެއް ކަހަލަ ބޭހުގެ ސަބަބުން ވެސް ގުލަކޯމާ ޖެހުމުގެ ފުރުސަތު ބޮޑެވެ. ގުލަކޯމާ އަށް މަގުފައިވާ ބޭސްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ "ސްޓިރޮއިޑް" ބޭސްތަކެވެ. މި ބޭހުގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ލޮލުގެ ޕްރެޝަރު މަތިވުން ހިމެނެ އެވެ. "ސްޓިރޮއިޑް" އެކުލެވޭ ބޭސްތައް ޑަކުޓަރު ދީފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ބޭނުންކުރާ މީހުންނާއި ޑޮކްޓަރެއްގެ ލަފައެއް ނެތި އަމިއްލަ އަށް މި ބާވަތުގެ ބޭސް ބޭނުންކުރާ މީހުންގެ މެދުގައި މި ބޭހުގެ ސަބަބުން ޖެހޭ ގުލަކޯމާގެ ނިސްބަތް އިތުރުކަން ފާހަގަ ކުރެވެ އެވެ.
އެހެންކަމުން "ސްޓިރޮއިޑް" ބޭސް ބޭނުންކުރާ މީހުން ލޮލުގެ ޑަކުޓަރަކަށް ދައްކައި، ލޮލުގެ ޕްރެޝަރު ބަލަމުން ދިއުމަކީ ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދާ ނުލައި، އަމިއްލަ އަށް މިފަދަ ބޭސްތައް ބޭނުންކުރުމާއި ދީފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް މިފަދަ ބޭސްތައް ބޭނުންކުރުމުން ދުރުހެލިވާން ޖެހެ އެވެ.
ކުޑަކުދިންނަށް ޖެހޭ ގުލަކޯމާގެ ވައްތަރުތަކުގެ ތެރޭގައި އަލަށް އުފަންވާ ތުއްތުކުދިންނަށް ޖެހޭ ގުލަކޯމާގެ ވައްތަރުތަކާއި ހެދިބޮޑުވަމުންދާ އުމުރުފުރައިގައި ޖެހޭ ގުލަކޯމާ ހިމެނެ އެވެ.
ގްލައުކޯމާ ޖެހިފައިވާ މީހަކަށް މަންޒަރެއް ފެންނަ ގޮތް.
ކޮންމެ ސަބަބަކާ ހުރެ ގުލަކޯމާގެ އަސަރު ކުރި ކަމުގައި ވިޔަސް މަތީގައި ދެންނެވި ފަދައިން ލޮލުގެ ޕްރެޝަރު ހިފަހައްޓާ ނިޒާމަށް އަސަރުކޮށް ނާރަށް ގެއްލުން ލިބެން މެދުވެރިވެ އެވެ. ނަމަވެސް ނާރުގެ މަސައްކަތަށް ބުރޫ އަރަން ބޭނުންވާ ޕްރެޝަރު އެކި މީހުންގެ ތަފާތުވާނެ އެވެ. ބައެއް މީހުންގެ ލޮލުގެ ޕްރެޝަރު އާންމުކޮށް ހުންނަ ވަރަށް ހިފެހެއްޓިފައި ހުއްޓަސް ނާރަށް ނޭދެވޭ އަސަރު ކުރެ އެވެ. ނަމަވެސް އާންމުގޮތެއްގައި ލޮލުގެ ޕްރެޝަރު މަތިވާވަރަކަށް ގުލަކޯމާގެ ނުރައްކާ ބޮޑުވެ، ބަލި ކޮންޓްރޯލް ނުކުރެވި ދާއިމީ ގޮތުން ލޯ އަނދިރިވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ބަލިމީހާ އަށް އެއްވެސް އަލާމާތެއްގެ އިހުސާސް ނުކުރެވި ވެސް ގުލަކޯމާ ހުރެދާނެ އެވެ. މި ބަލީގައި މަޑުމަޑުން އަރިމަތިން ލޮލުގެ ފެނުން ފުސްވެ، ދާއިމީ ގޮތެއްގައި ލޯ އަނދިރި ވެ އެވެ. ބަލިމީހާ އަށް ފެނުން ފުސްވާކަމުގެ އިހުސާސް ކުރެވޭނީ އަރިމަތީގެ ފެނުން ގޮސް، ބަލި ބޮޑުވެ، ސީދާ ކުރިމަތީގެ ފެނުމަށް އަސަރުކުރާ ހިސާބުންނެވެ. މިހެންވެ މި ބައްޔަށް ނޭނގި ހުއްޓާ ލޯ އަނދިރިކޮށްލައޭ ވެސް ބުނެވެ އެވެ.
އާންމުކޮށް "އޯޕަން އޭންގަލް ގުލަކޯމާ"ގެ ބަލިމީހުންނަކީ ގުލަކޯމާގެ އެއްވެސް އަލާމަތެއް އިހުސާސް ނުކުރެވޭ، ލޮލުގެ ނުވަތަ ހަށިގަނޑުގެ އެހެން ބައްޔަކާ ހުރެ ޑޮކްޓަރަށް ދައްކާލާއިރު ފެންނަ ނިޝާންތަކުން ބަލި ހުރިކަން ދެނެގަނެވޭ ބަލިމީހުންނެވެ. މަޑުމަޑުން އަރިމަތީގެ ފެނުން ފުސްވަމުންދާއިރު، ބަލިމީހާ އަށް އެކަން ދެނެނުގަނެވުނު ނަމަވެސް އެއްފަރާތެއްގައި ހުންނަ އެއްޗެހި ފާހަގަ ނުކުރެވުމާއި ހިނގާބިގާވެ އުޅުމަށް އުނދަގޫވުމާއި މާގިނައިން ތަންތަނުގައި އަޅައިގަނެގެން ވެއްޓުމާއި އަލި މަޑުތަންތަނުގައި ހާއްސަކޮށް ރޭގަނޑު ގަޑީގައި ފެނުމުގެ އުދަގޫތަކެއް އިހުސާސް ކުރެވިދާނެ އެވެ. އަދި ދުއްވާ އެއްޗެހި ދުއްވާއިރު އަރިމަތިން ދުއްވާފައިދާ އުޅަނދުފަހަރު ނުފެނުމުގެ ސަބަބުން އެކްސިޑެންޓްތައް މެދުވެރިވެ އަމިއްލަ އަށް ދުއްވުން ރައްކާތެރި ނުވެދާނެ އެވެ.
ގްލައުކޯމާ ޖެހިފައިވާ މީހަކަށް މަންޒަރެއް ފެންނަ ގޮތް.
"އޭންގަލް ކޮލޯޝާ ގުލަކޯމާ"ގެ ބަލިމީހުން ކުއްލިއަކަށް ލޮލުގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ލޯ ފުސްވެ، ރަތްވެ، ލޮލާއި ބޮލުގައި ވަރަށް ގަދަޔަށް ރިއްސައި، މޭ ނުބައިކޮށް ހޮޑުލެވި ވެސް ދާނެ އެވެ.
ތުއްތުކުދިންނަށް ޖެހޭ ވައްތަރުގެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ ކަޅުކަޅި ހުދުވެ، އާއްމުކޮށް ހުންނަންޖެހޭ ވަރަށް ވުރެ ކަޅުކަޅި ބޮޑުވެ، ލޮލުން ފެން އައިސް، އައްޔަށް ބަލަން އުދަގޫވެ އަލިތަންތަނުގައި ލޯ މަރާލައިގެން ހުރުން ހިމެނެ އެވެ.
ގުލަކޯމާއަކީ ބަލީގެ ސަބަބުން އަނދިރިވި ފެނުން ސާފުކުރެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް، ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ރަނގަޅަށް ފަރުވާކޮށް، ބާކީ ހުރި ފެނުމަށް އަސަރު ކުރިޔަ ނުދީ، އެއްވަރެއްގައި ހިފެހެއްޓިދާނެ އެވެ. ގުލަކޯމާގެ މައިގަނޑު ފަރުވާއަކީ ލޮލުގެ ނާރަށް އިތުރަށް ގެއްލުން ނުވާނެ ވަރަށް ލޮލުގެ ޕްރެޝަރު ދަށްކޮށްފައި ބެހެއްޓުމެވެ. ލޮލުގެ ނާރަށް ލިބިފައިވާ ގެއްލުން އަލުން އަނބުރާ އިޔާދައެއް ނުކުރެވޭނެ އެވެ. ބޭހުން، ލޭޒާ އިން ނުވަތަ އޮޕަރޭޝަން ކޮށްގެން ވެސް ފަރުވާ ދެވިދާނެ އެވެ. އާންމުގޮތެއްގައި ފަރުވާ ބިނާވަނީ ގުލަކޯމާގެ ވައްތަރަށާއި ނާރަށް ލިބިފައިވާ ގެއްލުމަށާއި ދޭ ފަރުވާ އަށް ބަލިމިހާގެ ހަށިގަނޑުން އިޖާބަދޭ މިންވަރަށެވެ. މިއީ ހަށިގަނޑުގެ އެހެން ބައެއް ބަލިތަކެކޭ އެއްފަދައިން މުޅި އުމުރު ދުވަހު ފަރުވާ ކުރަންޖެހޭ ބައްޔެކެވެ.
ލޮލުގެ ޑަކުޓަރަކަށް ދައްކާލައިގެން ގޮލޮކޯމާ ހުރިތޯ ސްކްރީނުކޮށް، ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަލި ހުންނަ މީހުން ގަވާއިދުން ޑަކުޓަރަށް ދައްކައި، އިރުޝާދުތަކަށް ފަރުވާތެރިވެ، ގަވާއިދުން މެދުނުކެނޑި ބޭސް ބޭނުން ކުރުމަކީ ފެނުން އިތުރަށް ފުސްވިޔަ ނުދީ، ރައްކާތެރި ކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.
ލޮލަށް ފުސް އެރުން:ކެޓެރެކްޓް ސާޖަރީ އާއި ޕްރިމިއަލް ލެންސް
ދުވަސްނުފުރާ ވިހާ ކުދިންގެ ލޮލުގެ ފަރުވާ އައިކެއާގައި
ސައި ޖޯޑެއް ބޯލުމުން ގްލުކޯމާގެ ނުރައްކާ ކުޑަވެދާނެ
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
މާސްޓާފުޑްސްގެ ސޯސްއެއް ބޭނުން ނުކުރަން އަންގައިފި
ރޯދަ ވަރުބަލިތަ؟ އާސިޔާ މި ކިިޔައިދެނީ ހައްލުތަކެއް
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
އަންހެނުން ހިތާނުކުރުން:ދިވެއްސެއްގެ ތަޖުރިބާ ދުނިޔެއަށް
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް