Roadha Mihaaru
ގުދުސްގެ މައްސަލަ އަށް ވަޒީރުން ފެންވަރުގެ ވަފްދެއް

ގުދުސްގެ މައްސަލަ އަށް ވަޒީރުން ފެންވަރުގެ ވަފްދެއް އެކުލަވާލައިފި

18 ޑިސެމްބަރ 2017

ގުދުސްގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖްތަމައުގައި ހިނގަމުންދާ ކަންތައް ބަލައި ދިރާސާ ކުރުމަށް އަރަބީ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ޚާއްސަ ވަފްދެއް އެކުލަވާލައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ގުދުސްގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖްތަމައުގައި ހިނގަމުންދާ ކަންތައް ބަލައި ދިރާސާ ކުރުމަށް އަރަބީ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ޚާއްސަ ވަފްދެއް އެކުލަވާލައިފި އެވެ.

އަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލްގެ ރަސްމީ ތަރުޖަމާނު މުހައްމަދު އަފީފީ ވިދާޅުވި ގޮތުގައި ވަޒީރުން ފެންވަރުގެ ކުޑަ ވަފްދެއް އެކުލަވައިލީ އުރްދުންގެ އަބްދުﷲ ރަސްގެފާނުގެ އިސްނެންގެވުމުގެ މަތިންނެވެ. ގުދުސްގެ މައްސަލައިގައި އަބްދުﷲ ރަސްގެފާނު ވަނީ، މިދިޔަ ހަފުތާގެ ތެރޭގައި އަރަބި ގައުމުތަކުގެ ވެރިންނާ ފޯނުން ގުޅުއްވައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރައްވައިފަ އެވެ.

މި ވަފްދުގައި ހިމެނެނީ އުރްދުން، ފަލަސްތީން، ސައޫދީ އަރަބިއްޔާ، މިސްރު، މަޣްރިބު އަދި އެމިރޭޓްސްގެ ޚާރިޖީ ވަޒީރުންނާއި އަރަބް ލީގްގެ ސެކްރެޓަރީ ޖެނެރަލް އެވެ.

މި ވަފްދުގެ މައިގަނޑު މަސައްކަތަކަށް ވާނީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކޮށް، ގުދުސްގެ މައްސަލައިގައި އިސްލާމީ އަދި އަރަބި ގައުމުތަކުން ދެން އަމަލުކުރާނެ ގޮތްތަކަކާ މެދު އިސްލާމީ އަދި އަރަބި ގައުމުތަކުގެ ވެރިންނަށް ލަފާ ދެއްވުމެވެ.

މި ވަފްދުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ފުރަތަމަ ބައްދަލުވުމުން، އަންނަ ހަފުތާގެ ކުރީކޮޅު އުރްދުންގައި ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ގުދުސްގެ މައްސަލައިގައި މިސްރުން އެކުލަވައިލި ގަރާރަކަށް، އދ. މަޖިލީހުގެ ސަލާމަތީ މަޖިލީހުގައި މާދަމާ ބަހުސްކޮށް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ގުދުސާ ބެހޭ ގޮތުން އެމެރިކާ އިން ނިންމި ނިންމުމަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވާ ބާތިލު ނިންމުމެއް ކަމުގައި ކަނޑައެޅުމަށް މިސްރުން ހުށަހެޅި ގަރާރެކެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރަކު ވީޓޯ ނުކޮށްފި ނަމަ، ނުވަ މެމްބަރު ގައުމުގެ ވޯޓުން ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްވާނެ އެވެ. މިސްރުން ބުނާ ގޮތުގައި ސަލާމަތީ މަޖިލީހުގައި ވީޓޯ ކޮށްގެން އެ ގަރާރު ފެއިލް ކޮށްލައިފި ނަމަ، ދެން އެ ގަރާރު ހުށަހަޅާނީ އދ.ގެ އާންމު މަޖިލީހަށެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިޒްރޭލުން ނިންމާފައިވާ ނިންމުމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރާނެ ކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

ޓްރަމްޕުގެ އެ ނިންމުމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިންނާ ދެކޮޅަށް ފަލަސްތީނު މީީހުން ފަށާފައިވާ މުޒާހަރާތައް މިހާރު ވެސް ކޮންމެ ދުވަހަކު ކުރިއަށް ދެ އެވެ.

އެމެރިކާގެ އެ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް ތުރުކީ ވިލާތުގައި ބާއްވައި، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ކަނޑައަޅައި އެ ކަން ގަބޫލު ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ވަނީ ގޮވާލައިފަ އެވެ.