Roadha Mihaaru
މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ފެނުނުއިރު،ފައިސާއެއް ނެތް

މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ފެނުނުއިރު، ފައިސާއެއް ނެތް!

18 ޑިސެމްބަރ 2017

ރޭ ވަގަށް ނެގި، ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ފުލުހުން ހޯދިއިރު، އޭގައި ހުރި އެއްވެސް ފައިސާއެއް ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރޭ ވަގަށް ނެގި، ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ފުލުހުން ހޯދިއިރު، އޭގައި ހުރި އެއްވެސް ފައިސާއެއް ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މޮޅަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާދަމް ވިދާޅުވީ ރޭ ދަންވަރު ތިޖޫރީ ވަގަށް ގެންދިޔައިރު، އޭގައި 38،740ރ. ހުންނާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ މަސައްކަތުން މިއަދު އެ ތިޖޫރީ ހޯދިއިރު އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ތިޖޫރީ ފެނުނީ މޮޅަދޫ ނެރުގަނޑު ކިޔާ މަގަކަށް އެއްލާލާފައި އޮއްވަ އެވެ. އެއީ ވަލު ތެރޭގައި އޮންނަ މަގެއް ކަމަށާއި ތިޖޫރި ފެނުނުއިރު، އޭގެ ދޮރުފަތް ވެސް ހަލާކުކޮށްލާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ތިޖޫރި އެއްކޮށް އޮތީ ހަލާކުކޮށްލާފައި. އެކި ބައިތައް ފެންނަން ހުރީ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިން ހިންގަމުންދާ މޮޅަދޫ އިންޖީނުގޭގޭ ތިޖޫރީ ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ. އެކަމަކު، އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސައިޒުގެ ގޮތުން އެންމެ ބޮޑު މޮޅަދޫއަކީ އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ މަދު ރަށެވެ. އެ ރަށުގެ އާބާދީގައި އުޅެނީ 400 އެއްހާ މީހުންނެވެ.

ކައުންސިލުން ބުނި ގޮތުގައި ކުރިން އެ ރަށަކީ ކުށް މަދު ރަށެއް ކަމުގައިވިޔަސް، ފަހަކަށް އައިސް އެ ރަށުގައި ކުށް ކުރުން ވަނީ އިތުރުވެފަ އެވެ.