Roadha Mihaaru
އާސެނަލާއި މެންޗެސްޓާ ސިޓީ ސެމީ އަށް

އާސެނަލާއި މެންޗެސްޓާ ސިޓީ ސެމީ އަށް

20 ޑިސެމްބަރ 2017

ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ އާސެނަލާއި މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ އާސެނަލާއި މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ސިޓީ އާއި ލެސްޓާ ސިޓީ މެޗު 1-1 އިން އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީން ސިޓީ މޮޅުވީ 4-3 އިންނެވެ. އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވީ 1-0 އިންނެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕް ސެމީގައި އާސެނަލް އަތުން ސިޓީ ބަލިވި ފަހުން އިނގިރޭސި ކްލަބަކަށް އެ ޓީމު އަތުން މޮޅެއް ނުހޯދި މިހާރު ވަނީ 27 މެޗު ނިމިފަ އެވެ. މި ސީޒަނުގައި ޕްރިމިއާ ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ސިޓީ އެވެ.

ފުރަތަމަ ހާފުގައި ބެނާޑޯ ސިލްވާ ޖެހި ގޯލުން ސިޓީ ލީޑުނެގިއިރު، ލެސްޓާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޖޭމީ ވާޑީ ކާމިޔާބުކުރި ގޯލަކުންނެވެ. މި ޕެނަލްޓީ އަކީ ސިޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކައިލް ވޯކާ ލެސްޓާގެ ޑެމެރާއި ގްރޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ސިޓީގެ ހީރޯ އަކީ އެ ޓީމުގެ ދެ ވަނަ ކީޕަރުގެ ގޮތުގައި މި ސީޒަނުގައި ކުޅެމުން އަންނަ ޗިލީގެ ކްލައުޑިއޯ ބްރާވޯ އެވެ. ގަދަ 16 ޓީމުގެ ބުރުގައި ބްރާވޯ ވަނީ ވުލްވްސް އިން ފޮނުވާލި ދެ ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ. ރޭގެ މެޗުގައި ޕެނަލްޓީން ލެސްޓާ އަށް ނާކާމިޔާބުވީ ވާޑީ އާއި ރިޔާދު މާރޭޒް ފޮނުވާލި ދެ ޕެނަލްޓީ އެވެ. މީގެ ތެރެއިން މާރޭޒް ފޮނުވާލި ޕެނަލްޓީ ބްރާވޯ ވަނީ މަތަކޮށްފަ އެވެ.

މިދިޔަ މެއި މަހު ސިޓީގެ ޗެއާމަން ކަލްދޫން އަލް މުބާރަކް ދިން އިންޓަވިއުއެއްގައި ވަނީ މި ސީޒަނުގައި އެ ޓީމުން ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕާއި ލީގު ކަޕް ނެގުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޕްރިމިއާ ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު ސިޓީ އޮތްއިރު، އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އަދި ލީގު ކަޕްގެ ސެމީން ވެސް މި ވަނީ ޖާގަ ލިބިފަ އެވެ.

ރޭގެ މެޗަށް ފަހު ހަތަރު ތަށި ހޯދުމުގެ ފުރުސަތު ސިޓީ އަށް އޮތްތޯ ބުނުމުން ގާޑިއޯލާ ވަނީ އެއީ ނުވާނެ ކަމެއް ކަމަށް ބުނެފަ އެވެ.

"އެކަން ހަނދާން ނައްތާލަންވީ. އެއީ ވާނެ ކަމެއް ނޫން،" 2009 ވަނަ އަހަރު ބާސެލޯނާ އަށް ކަލަންޑަރު އަހަރެއްގައި ހަ ތަށި ހޯދައިދިން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ މި މެޗުން ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އުނދަގޫ ހާލަތެއްގައި ކުޅުންތެރިން ދެއްކި ހިތްވަރު ކަމަަށެވެ.

ވެސްޓް ހޭމްގެ މަސުއާކޫ (ކ) ކައިރިން ވޮލްކޮޓް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމްގެ މަސުއާކޫ (ކ) ކައިރިން ވޮލްކޮޓް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ރޭ ވެސްޓް ހޭމްއާ ދެކޮޅަށް އާސެނަލުން ނުކުތީ ގިނަ ބަދަލުތަކާ އެކު އެވެ. އާސެނަލަށް ފުރަތަމަ ހާފުގައި އެޓޭކުގައި ލިބުނު ގިނަ ބޯޅަތައް ނިންމައެއް ނުލެވުނެވެ. އެހެން ނަމަވެސް މި މެޗުން އެ ޓީމު މޮޅުކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ޑެނީ ވެލްބެކް އެވެ.

މި މެޗުގައި އާސެނަލަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އޮލިވިއޭ ޖިރޫ އަށް އަނިޔާވުމެވެ. ކުރިއަށް އޮތް 36 ދުވަސް ތެރޭ 10 މެޗު ކުޅެން ޖެހިފައި އޮއްވައި ކުޅުންތެރިންނަށް އަނިޔާވުމަކީ ވެންގާ އަށް އޮތް ބޮޑު ބޮލުގެ ރިހުމެކެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއް. ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބުން ވަރަށް މުހިއްމު. އެހެން ނޫން ނަމަ ޓީމަށް ވާނެ ގެއްލުން ބޮޑު،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ލީގު ކަޕްގެ ސެމީ އަށް ދިޔަސް އެ ޓީމު ވަކިން އެ މުބާރާތަށް ހާއްސަ ކަމެއް ނުދޭނެ ކަމަށާއި އަދި އިތުރު ތިން މުބާރާތެއް ކުޅެމުންދާތީ ވިސްނުންހުރީ ހުރީ އަބަދުވެސް ކުރިއަށް އޮތް މެޗަށް ވިސްނުމަށް ކަމަށެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލް އަނެއް ދެ މެޗުގައި މިރޭ ޗެލްސީ ކުޅޭނީ ބޯންމައުތާ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ބްރިސްޓޯލް ސިޓީއާ އެވެ.